އައިލެންޑް އޭވިއޭޝަން ]އައިއޭއެސް[ގެ ހެޑް އޮފީސް ފަޅާލައި ހަތަރު ލެޕްޓޮޕާއި އަގުބޮޑު ބައެއް އިލެކްޓްރޯނިކް ސާމާނުތަކަކާއި ފައިސާތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގި ކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކަމަށާއި އެތަނުގެ ތެރެއިން ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ތަކެތީގެ ތެރޭގައި ހަތަރު ލެޕްޓޮޕްގެ އިތުރުން އެކްސްޓާނަލް ހާޑަކާއި މަލްޓި މީޑިއާ ޕްރޮޖެކްޓަރަކާއި ފައިސާ ވެސް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ވަގަށް ނެގި ފައިސާގެ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޮފިޝަލް ވިދާޅުވީ އެ އޮފީހުގައި ހުރި ތިޖޫރީއަކަށް ވެސް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއްދީ ފައިވާ ކަމަށާއި ނަމަވެސް ތިޖޫރީން އެއްވެސް އެއްޗެއް ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ނުވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އެ ހާދިސާ ހިނގި ގޮތުގެ ތަފުސީލެއް ދެއްވެން ނެތް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ކަމާ ގުޅިގެން އައިއޭއެސްގެ ބަހެއް ވެސް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.