ބޮން ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ދިހަ ކުއްތާ, ފުލުހުންގެ ޑޯގް ސްކޮޑަށް އިތުރުކޮށް އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށިއިފިއެވެ.

ޓެރެރިޒަމްގެ ނުރައްކާ ކޮންމެވެސް ވަރަކަށް އޮތް މި ދަނޑިވަޅުގައި ޑޯގް ސްކޮޑަށް ދިހަ ކުއްތާ އިތުރުކޮށްފައިވާ ކަން ފުލުހުން ހާމަކުރީ މިއަދުއެވެ.

ފުލުހުން ބުނީ އެ ދިހަ ކުއްތާ އަކީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމަށް ޚާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެއް ކަމަށެވެ. އަދި އެ ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ބެލެހެއްޓުމަށް އެމެރިކާގައި ދިހަ ފުލުހުން ތަމްރީނުކޮށްފައިވެއެވެ.

އެ ކުއްތާތައް ރާއްޖެ ގެނެސްފައިވަނީ މި އަހަރުގެ ޖުލައި މަހުއެވެ. އަދި މިދިޔަ މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނުގައި އެ ކުއްތާތައް ވަނީ ބޭނުންކޮށްފައެވެ. އެއީ އެ ކުއްތާތައް ރާއްޖޭގަ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބޭނުންކުރި ފުރަތަމަ ފަހަރެވެ.

ޓެރަރިޒަމް އޮޕަރޭޝަންތަކުގެ އިތުރުން އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތައް، ކަސްޓަމްސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެެންޓުތަކުގައިވެސް ޑޯގް ސްކޮޑް ބޭނުންކުރަމުންގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ޑޯގް ސްކޮޑަށް އިތުރަށް ގެނައި ދިހަ ކުއްތާއާއެކު މިހާރު އެ ސްކޮޑްގައި މިހާރު ޖުމްލަ 25 ކުއްތާ ހިމެނެއެވެ.

ފުލުހުން މީގެ ކުރިން ކުއްތާތައް ބޭނުންކޮށްފައިވަނީ މަސްތުވާތަކެތި ހޯދުމަށާއި އެކަމާ ގުޅުންހުރި އޮޕަރޭޝަންތަކުގައި އެކަންޏެވެ. ޑޯގް ސްކޮޑް ބޭނުންކޮށްގެން ކާމިޔާބު ތަފާތުއެކި އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.