ތ. ތިމަރަފުށީ އެއާޕޯޓް 12 މަސް ދުވަހުގެތެރޭގައި ތަރައްގީކޮށް އެއާޕޯޓް ހިންގަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

އެމްއޭސީއެލް އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ތިމަރަފުށީ އެއާޕޯޓް އެގްރިމަންޓުގައި ސޮއި ކުރުން އޮތީ ރޭ އެމްއޭސީއެލްގެ އޮފީހުގަ އެވެ. އެގްރިމެންޓުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރީ ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު ޝަމްހީދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހަންމަދު އިބްރާހިމެވެ.

ތިމަރަފުށީ އެއާޕޯޓުގައި އަޅަނީ 1200 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭ އެކެވެ.

ސަންއޮންލައިނަށް ދެއްވި އިންޓަވިއު އެއްގައި މިނިސްޓަރު ޝަމްހީދު މިއަދު ވިދާޅުވީ 12 މަސް ދުވަހުގެ ތެރޭގައި ރަންވޭ ނިންމާ އޮޕަރޭޝަން ފަށަން ޖެހޭއިރު އެއާޕޯޓްގެ އެހެނިހެން ވަސީލަތްތައް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކުރީ 50 އަހަރަށް ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރާނީ އެ ކުންފުންޏަށް ލިބޭ ފައިދާ އިން ކަމަށާއި ތިމަރަފުށީ އެއާޕޯޓް ތަރައްގީކުރަން ހަ މިލިއަނެއްހާ ޑޮލަރު ހޭދަވާނެ ކަމަށެވެ.

"އެތާ [ތިމަރަފުށީ] ގައި ހަމައެކަނި ބިމެއް ހިއްކާފައި އޮތީ. އެބޭފުޅުންނަށް ލިބޭ ލާރިން އެތަން ތަރައްގީކޮށް ހިންގަން ހަވާލުކުރީ. ބާރަ މަސްދުވަސް ތެރޭގައި އިރާދަކުރެއްވިއްޔާ އެ މަސައްކަތް ނިމި އޮޕަރޭޝަން ފެށޭނެ،"

މިނިސްޓާ ވިދާޅުވީ ސަރަހައްދީ ހަ އެއާޕޯޓެއް އެމްއޭސީއެލްއާ ހަވާލުކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން އެންމެ އަވަހަށް ހަވާލުކުރާނީ ށ. ފަރުކޮޅުފުށްޓާއި ދ. ކުޑަހުވަދޫ އެއާޕޯޓް ކަމަށެވެ.

"ދެން ހުރި ތަންތަން އިއުލާން ނުކުރެވިގެން މިއުޅެނީ ބައެއް ތަންތަން އެގްރިމަންޓްކޮށްފައި އަމަލީގޮތުން މަސައްކަތް ނުކުރެވިފައި ހުރީމަ އެތަންތަނަށް ހަދާނެ ގޮތެއް ނުނިންމިގެން މި އުޅެނީ،" މިނިސްޓާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އެމްޑީ މުހަންމަދު ވިދާޅުވީ ތިމަރަފުށީ އެއާޕޯޓް ތަރައްގީކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރަން އެމްޓީސީސީއާއެކު އެއްބަސްވުމަކަށް އައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިރޭގެ ހިސާބުގައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއް އެމްޓީސީއާ އެކު ކުރެވޭނެ. އޭގެ ދަށުން މެޝިނަރީ އަދި ސާވޭ ކުރަން ކުރަން ޖެހޭ ކަންތައްތައް ފެށިގެންދާނެ،" މުހަންމަދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެއާޕޯޓް ހަވާލުކުރިޔަސް އެ ކުންފުންޏަށް ލިބޭނެ ފައިދާއެއް ނެތް ކަމަށާއި ސަރަހައްދީ އެއާޕޯޓްތަކަކީ ފައިދާވާ ތަންތަން ނޫން ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް ވަކި ލިބޭނެ ފައިދާއެއް ނޯންނާނެ. މިއީ ރައްޔިތުންނަށް ކޮށްދޭ ކަމެއް،" މުހަންމަދު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ސަރަހައްދީ އެއާޕޯޓްތަކަށް ބަޖެޓުން 40 މިލިއަނެއްހާ ރުފިޔާ ފައިދާއެއްނުވެ ހޭދަކުރަން ޖެހިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ބޯމަތިވެފައިވާއިރު ތިމަރަފުށީ އެއާޕޯޓަކީ އެންމެންގެ ލޮލުގައި މިވަގުތު އަޅައިގެންފައިވާ މަޝްރޫއެކެވެ.