ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މީހުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ އެ ޖަލްސާ ބާއްވާނީ އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭގައި ކަމަށެވެ. އެ ޖަލްސާ ބާއްވާ ގޮތަށް ކުރިން ހަމަޖައްސާފައި ވަނީ، މި ޑިސެންބަރު މަހުގެ ތެރޭގައެވެ.

ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރުމުގެ އިނާމަށް އެދި މިއަހަރު 110 މީހަކު ނަން ހުށަހަޅުއްވައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިއަހަރު އިނާމު ދޭނެ މީހުން ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާސްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން މިދިޔަ އަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.