ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިޒްރޭލާ ގުޅުން ބަދަހި ކުރުމުގެ ސިޔާސަތެއް ގެންގުޅުނުކަން ލިޔެ ކިޔުމުން އެނގެން ނެތް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރީގެ ހާރިޖީ ސިޔާސަތުގައި އިޒްރޭލާ ގުޅުން ބަދަހި ކުރުމުގެ ސިޔާސަތެއް ގެންގުޅުނު ކަމަށް ކުރީގެ އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތަކާ ބެހޭ ގޮތުން ސަން އޮންލައިނުން ސުވާލު ކުރުމުން ސަމަދު ވިދާޅުވީ އިޒްރޭލާ ގުޅުން ބަދަހި ކުރުމުގެ ސިޔާސަތެއް ކުރީގެ ފޮރިން މިނިސްޓަރު ގެންގުޅުއްވި ކަން ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.

"އަޅުގަނޑަށް ފެންނާނީ ލިޔެފައި އޮތް އެއްޗެއް، ގައުމީ ސިޔާސަތަކީ ލިޔެވިފައި އޮންނަ އެއްޗެއް އިނގޭތޯ، އަޅުގަނޑަށް ހިއެއް ނުވޭ އެއް ގޮތަކަށް ވެސް ތިޔަ ވިދާޅުވާ އެއްޗެއް އޮތް ހެނެއް. އަޅުގަނޑަށް އެއްވެސް ހާލެއްގައި އެއްވެސް ޑޮކިއުމެންޓަކުން ފެނިފައެއް ނެތް އިޒްރޭލާ ވަކި ވައްތަރެއްގެ ގުޅުންތަކެއް ބާއްވާކަމެއް،" ސަމަދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި އިޒްރޭލްގެ ގުޅުމާ ބެހޭ ގޮތުން ޓީވީތަކުގައި ވަރަށް ގިނަ ބޭފުޅުން ވަރަށް ގިނަ ވާހަކަތައް ދައްކެވި ކަމަށާއި ނަމަވެސް އެފަދަ ސިޔާސަތެއް ނެތް ކަމަށެވެ.

މިނިސްޓަރު މިއަދު މިހާރުވެސް ކުރިއަށްގެންދަނީ ކުރިން ވެސް އޮތް ސިޔާސަތު ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ވެސް ބަދަލެއް ނާންނަ ކަމަށެވެ.