30 Jul 2010, 09:39
14:30
ކަނޑު ބޯޓަކުން ގެނައި ކޮންޓޭނަރެއްގައި ފޮރުވައިގެން ރާއްޖެ އެތެރެކޮށްފައިވާ ފަސް ކަނޑި ކަސްޓަމުން ރޭ އަތުލައިގެންފި އެވެ.
ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ ޗައިނާ އިން އައި ކާގޯ ބޯޓަކުން ގެނައި ކޮންޓޭނަރެއް ތެރޭގައި އެ ކަނޑިތައް ހުރީ ފޮށިގަނޑަކަށް ލައި ބަންދުކޮށްފައި ކަމަށެވެ. އެ ކޮންޓޭނަރުގައި ހުރީ އެކި ފަރާތްތަކަށް ގެނައި އާންމު މުދާ ކަމަށް ވެސް ކަސްޓަމްސްގެ އޮފިޝަލް ވިދާޅުވި އެވެ.
ދެ ފަރާތަށް މިޔަ ލައިފައިވާ، ތިން ފޫޓުގެ ދިގުމިން ހުރި އެ ކަނޑިތައް ފެނިފައި ވަނީ މުދާ ކްލިއަރކުރަން އުޅުމުގެ ތެރޭގައި އެ ފޮށިގަނޑު ކަނޑައިގެން ބެލިއިރު ކަމަށް ވެސް ކަސްޓަމްސްގެ އޮފިޝަލް ވިދާޅުވި އެވެ.
ކަނޑިއަކީ އާންމުކޮށް ގެންގުޅުން މަނާ ހަތިޔާރެއް ކަމަށް ވާތީ އެ މައްސަލަ ތަހުގީގު ކުރުމަށް އެމްއެންޑީއެފާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްގެ އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.