ކ. ތިލަފުށީ ފަޅުގެ ސަރަހައްދުގައި އަޅާފައިވާ އަދި ފެތިފައިވާ އުޅަނދުތައް ނެގުމަށް ކުރި އިއުލާނާ އެއްގޮތަށް ނަގާފައިނުވާ އުޅަނދުތައް ނަގައި އެތަކެތި ނައްތާލުމުގެ ހައްގު ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިގެންވާކަމަށް ޝަރީއަތުން ކަނޑައަޅަން ޖެހޭ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

ތިލަފުށީ ފަޅުގައި އަޅާފައިހުރި އުޅަނދުތައް ނެގުމަށް އަންގައި އެޗްޑީސީން ވަނީ މީގެ ކުރިން ފަސް ފަހަރު އިއުލާނު ކޮށްފައެވެ.

އެތައް ފަހަރަކު އިއުލާނު ކުރުމުން ވެސް އުޅަނދުތައް ނަގާފައިނުވާތީ އެޗްޑީސީން މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. އެއީ އުޅަނދުތައް ނަގައި ނައްތާލުމުގެ ހައްގު އެ ކޯޕަރޭޝަނަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އުޅަނދުތައް ނަގައި ނައްތާލުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާކަމަށް ޝަރީއަތުން ކަނޑައަޅަންޖެހޭނެ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިފައެވެ.

ސަބަބެއް ކަމަށް އެ ހުކުމުގައި ބުނެފައިވަނީ, އެ އުޅަނދުތައް ނަގާ ނައްތާލުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާކަމަށް ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް އެޗްޑީސީއަށް ދެއްކިފައިނުވާތީ ކަމަށެވެ.