07 Dec 2022, 18:50
އިންޑޮނޭޝިޔާގައި 1946 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި ޖިނާއީ ގާނޫނުގެ ބަދަލުގައި އިސްލާމީ ގާނޫނުލް އުގޫބާތެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
މި ގާނޫނުލް އުގޫބާތަކީ އިސްލާމީ ޝަރީއަތުގެ ގިނަ އުސޫލުތަކެއް އޭގައި ހިމެނޭ އުގޫބާތެކެވެ. މީގެ ތެރޭގައި އިސްލާމީ ޝަރީއަތުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ހިމެނޭ އަމަލުތަކާއި ކުދި ކުށްތަކުގައި ހިމެނޭ އަމަލުތައްވެސް އެ އުގޫބާތުގައި ހިމަނާފައިވެއެވެ.
އެގޮތުން ކައިވެނި ނުކޮށް އެއް ތަނެއްގައި ދިރިއުޅުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން ފަދަ ޢަމަލުތައް ހިމެނެއެވެ. މީގެ ކުރިން މިފަދަ ކުށްތަކަކީ އެގައުމުގައި ކުށްތަކެއް ނޫނެވެ.
އެ ގާނޫނުލް އުގޫބާތުގެ ދަށުން ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމާއި ޒިނޭކުރުމުގެ އަދަބަކީ އެއް އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ ގާނޫނުގައި ބަޔާންކުރާ ޖޫރިމަނާއެއް ކުރުމެވެ. އަދި ކައިވެންޏެއް ނުކޮށް ދެމަފިރިން ފަދައިން އެއް ތަނެއްގައި ދިރިއުޅޭކަން ސާބިތުވެއްޖެ ނަމަ އެކުށުގެ އަދަބަކީ ހަ މަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ ކުރުމެވެ.
މި ގާނޫނުލް އުގޫބާތާ މެދު އެގައުމުގެ މިނިސްޓާ އޮފް ލޯ އެންޑް ހިއުމަން ރައިޓްސް ޔަސޯނާ ލައޯލީ ވިދާޅުވީ މި ގާނޫނުގެ ދެލިކޮޕީއާ މެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ރައްޔިތުންގެ ޚިޔާލުތައް ހޯދައިފައިވާނެ ކަމަށެވެ. އަދި އަޅުވެތިކަމުގެ ތެރެއިން އިންޑޮނޭޝިއާގެ ރައްޔިތުންނަށް ވާރުތަވެފައިވާ އިސްތިއުމާރީ ޒަމާނުގެ ގާނޫނުތައް ދޫކޮށްލުމުގެ ވަގުތު މިހާރު ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް 2019 ވަނަ އަހަރު މި ގާނޫނުލް އުގޫބާތުގެ ދެލިކޮޕީއެއް ލީކުވުމާ ގުޅިގެން އެގައުމުގެ ޔުނިވާސިޓީގެ ދަރިވަރުން މަގުތަކަށް ނުކުމެ އެމީހުންގެ މިނިވަންކަން ނަގައިލަނީ ކަމަށް ބުނެ މުޒާހަރާވެސް ކޮށްފައިވެެއެވެ.
މި ގާނޫނުލް އުގޫބާތަކީ އެގައުމުގައި ދިރިއުޅޭ ބިދޭސީންގެ މައްޗަށްވެސް ތަންފީޒުކުރެވޭނެ އުގޫބާތެކެވެ.
އިންޑޮނޭޝިއާއަށް މިނިވަންކަން ލިބުނީއްސުރެ އިއްޔެއާ ހަމައަށް އެގައުމުން މައިގަނޑު ގޮތެއްގައި ހޮލެންޑުގެ ގާނޫނަށް އަމަލުކުރަމުން އައި ނަމަވެސް، ޖިނާއީ މައްސަލަތަކުގައި އަމަލު ކުރަމުން އައީ އާދަކާދައާއި ފަހުން ހެދި ގާނޫނުތަކަށް ބަލައިގެންނެވެ.