09 Apr 2012, 14:35
ކޯރަމް ގެއްލިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
ޖަލްސާ ނިންމާލެއްވެވީ މެންދުރުފަހުގެ ދަންފަޅީގައި ވެސް ކޯރަމް ގެއްލިގެން ޖަލްސާ ފެށުން ފަސްކޮށް 1:30ގައި ޖަލްސާ ފެށުމަށް ފަހު ކުރިއަށްގެންދިޔަ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލުގެ ބަހުސްގެ ވަކި ހިސާބަކުން ޖަލްސާގެ ކޯރަމް ގެއްލިގެން ކޯރަމް ރަނގަބީލު ޖެހުމުން ވެސް ޖަލްސާ ކުރިއަށް ގެންދެވޭ ވަރަށް މެންބަރުން ވަޑައި ނުގަތުމުން 2:14 ގަ އެވެ.
ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ކޯރަމް ހަމަ ނުވުމުން މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ. އަދި މިއަދުގެ ޖަލްސާ ކުރިއަށް ދިޔައިރު ތިން ފަހަރެއްގެ މަތިން ކޯރަމް ގެއްލިގެން ޖަލްސާ މެދުކަނޑާލަން ޖެހުނުކަމަށް ވެސް ޝާހިދު ފާހަގަ ކުރެއްވެވި އެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީޙުގެޖަލްސާއެއް މާދަމާވެސް އޮންނާނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފަށައިގެން ކުރިއަށް ދިޔައިރު މިއަދާ ހަމައަށް އައި ކޮންމެ ދުވަހަކީ އެތައް ފަހަރަކު ކޯރަމް ގެއްލިގެން ޖަލްސާ މެދު ކަނޑާލަންޖެހިފައިވާ ދުވަހެކެވެ. އެހެންކަމުން ޖަލްސާ ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށާއި، ޖަލްސާ ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަ ކުރުމަށް ސިޔާސީ ޕާޓީތަކުން ސަމާލު ވުމަށް މަޖިލީހުގެ ރިޔާސަތުން އެކި ފަހަރުމަތިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.