ޖަރުމަންވިލާތުގެ މަޝްހޫރު ކާރު ކުންފުނި، މާސިޑީޒްގެ އިލެކްޓްރިކް އުޅަނދުތަކަށް ޚާއްސަ ފިހާރައެއް ފުރަތަމަ ފަހަރަށް ޖަޕާނުގައި ހުޅުވައިފިއެވެ.

މާސިޑީޒް ބެންޒްއިން 2019 ވަނަ އަހަރުން ފެށިގެން ފަސް ވައްތަރެއްގެ އިލެކްޓްރިކް މޮޑެލް ތައާރަފްކޮށްފައިވާއިރު ޖަޕާނުގައި އިލެކްޓްރިކް އުޅަނދުގެ ވިޔަފާރި ފުޅާވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.

ޖަޕާނުގައި އިލެކްޓްރިކް އުޅަނދުތަކަށް އަދި މާ ބޮޑު ތަރުހީބެއް ނުލިބެއެވެ. އެގައުމުގައި ބާޒާރުގައި އެގައުމުގައި އުފައްދާ އުޅަނދުތަކުގެ ހިއްސާ ބޮޑެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ބޭރުގެ ބްރޭންޑްތަކުން ޖަޕާނުގައި ރެކޯޑް އަދަދަކަށް އިލެކްޓްރިކް އުޅަނދު ވިއްކާފައިވެއެވެ.

ޖަޕާނުގެ އޮޓޯމޯބައިލް އިމްޕޯޓާސް އެސޯސިއޭޝަން (ޖޭއޭއައިއޭ) އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިދިޔަ މަހު އެގައުމަށް އެތެރެކުރި 2،357 އިލެކްޓްރިކް އުޅަނދު ވިކިފައިވެއެވެ. އެއީ މިދިޔަ މަހު އެގައުމުގައި ވިއްކި ކާރުގެ ގާތްގަޑަކަށް ދިހަބައިކުޅަ އެއްބައި ކަމަށް އެ ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ޖޭއޭއައިއޭއިން ބުނީ، މިދިޔަ އަހަރު ޖަޕާނުގައި މާސިޑީޒް ބެންޒްގެ 51،722 ކާރު ވިއްކާފައިވާ ކަމަށާއި އެއީ ބޭރުގެ ކުންފުނިތަކުގެ ތެރެއިން އެގައުމުގައި އެންމެ ގިނައިން ކާރު ވިއްކި ކުންފުނި ކަމަށެވެ.

މާސިިޑީޒްގެ އިލެކްޓްރިކް އުޅަނދު ވިއްކަން ޖަޕާނުގައި ޚާއްސަ ފިހާރައެއް ހުޅުވާފައިވާ އިރު، އެފަދަ ފިހާރަތަކުން އާންމު ގޮތެއްގައި އުޅަނދުތަކުގެ ސްޕެއާ ޕާޓްސް މެއިންޓެނެންސްގެ ޚިދުމަތްވެސް ލިބެން ހުރެއެވެ.