ރާއްޖޭގައި ކުރިޔަށްދާ މުޒާހަރާތައް ހުއްޓުވުމަށާއި ސިޔާސީ ހަލަބޮލިކަން ނިމުމަކަށް ގެނައުމަށް އަވަސް އިންތިހާބެއް ބާއްވަން ސަރުކާރުން ނުވިސްނާތޯ އިންޑިޔާ ސަރުކާރުން ސުވާލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކަމަށް ވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވެވި ފުރަތަމަ ދަތުރުފު އިންޑިޔާއަށް ކުރެއްވުމަށްފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސޮމަދު ވިދާޅުވީ އިންޑިޔާއިން އެ ސުވާލު ކުރިމަތި ކުރުމުން މުޒާހަރާތައް ކުރަނީ އެންމެ ޕާޓީއަކުން ކަމަށާއި ވެރިކަން ކުރަނީ އެތައް ޕާޓީއަކުން ކަމަށް ދަންނަވާފައިވާނެ ކަމަށާއި އަވަސް އިންތިހާބެއް ބާއްވާނަމަ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް ދެންނެވި ކަމަށެވެ.

އަދި އެކަމާ ގުޅިގެން ހުރިހާ ޕާޓީތަކުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ދެންނެވި ކަމަށާއި މުޒާހަރާ ކުރާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކުއްލިއަކަށް ވެރިކަން ބަދަލުވުމުން ޝޮކެއްގައި ތިބި ބައެއް ކަމަށް ވެސް ދަންވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަމަދު ވިދާޅުވީ އިންޑިޔާ ދަތުރުގެ މަގުސަދަކީ ރާއްޖޭގެ މިހާރުގެ ހާލަތު އިންޑިޔާ ސަރުކާރަށް ސާފުކޮށް ދިނުން ކަމަށާއި ރާއްޖެއަށް އައި ބަދަލާ ބެހޭ ގޮތުން އިންޑިޔާ ސަރުކާރުގެ ކަންބޮޑުވުމެއް އޮތް ނަމަ އެކަން ކަމަށް ޖަވާބުދާރީ ވެވަޑައިގެންނެވި ކަމަށެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ވާތީ އަދި ބައިނަލްއަގުވާމީ އެހީއަށް ބޭނުންވާ ފަދަ ހާލަތެއް އަތުވެދާނެ ގައުމަކަށް ވާތީ އިންޑިޔާގެ ތާއީދު ދެމިއޮންނާނެ ކަން ކަށަވަރު ކުރުމަކީ ވެސް ދަތުރުފުޅުގެ އެއް މަގުސަދެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިޔާގެ އެކްސްޓާނަލް މިނިސްޓަރު އެސްއެމް ކްރިޝްނާއާއެކު ބޭއްވި މަޝްވަރާތަކުގައި ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ސުވާލުތައް ކުރިމަތިކުރުވި ކަމަށާއި އެކަމާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ހުންނަވައި، އެ ހުރިހާ ކަންތައްތަކެއް ކައިރިން ދެކެވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ، އިންޑިޔާގެ ސަފީރު މުލޭ ހުންނެވުމުން އެ ސުވާލުތަކަށް ޖަވާބު ދެއްވަން ފަސޭހަވެވަޑައިގެންނެވި ކަމަށެވެ.


"އެކަމުގައި އަޅުގަނޑުމެންގެ ޕޮއިންޓް އޮފް ވިއު އަޅުގަނޑުމެން ދެންނެވިން، އެކަމުގައި އަޅުގަނޑުމެންނަށް ވެސް ސާފު ނުވާ ކަންތައްތަކެއް ވެޔޭ، އެކަން ހިނގައި ދިޔަގޮތް ބެލުމަށް އިންކްއަރީ ކޮމިޝަނެއް އުފައްދާފައި ވެއޭ، އެކޮމިޝަންގެ މަސައްކަތް ނިމި ރިޕޯޓެއް ނުނެރެނީސް އެކަމުގައި އަޅުގަނޑުމެން ކަނޑައެޅިގެން ވަކި އެއްޗެއް ދެންނެވުމަކީ މާ ރަނގަޅު ކަމަކަށް ނުވާނޭ،" ސަމަދު ވިދާޅުވި އެވެ.

އިންޑިޔާ ސަރުކާރުން ކުރިމަތި ކުރި އަނެއް މައްސަލައަކީ ޓީވީ ޕްރޮގްރާމްތަކާއި ހުރިހާ ޕާޓީ ތަކުގެ ވާހަކަ ތަކުގައި ވެސް ، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިޔާއިން ވަންނަ ކަމަށް މީހުނަށް އިހުސާސްވާ ގޮތަށް ބައެއް ބޭފުޅުން ވާހަކަ ދައްކަވާ މައްސަލަ ކަމަށް ސަމަދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް އިންޑިޔާއިން ނުވަންނާނެ ކަމުގެ ޔަގީންކަން އިންޑިޔާއިން ދިން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ދާރުލް އާސާރަށް ގެއްލުން ދިން ހާދިސާއާބެހޭ ގޮތުން ވެސް އިންޑިޔާއިން ސުވާލު ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެ ނަޒަރަކުން އެބޭފުޅުން އެކަމުގައި ބައްލަވަނީ. އެއް ނަޒަރަކީ އެއީ އަލުން އިއާދަ ނުކުރެވޭ ފަދަ، އަގު ނުކުރެވޭ ފަދަ ތަރިކަތަކެއް އެ ހަލާކުވީ، " ސަމަދު ވިދާޅުވިއެވެ. އަދި އަނެއް ނަޒަރަކީ އެކަމަކީ ދީނީ ގޮތުން ހައްދުފަހަނައަޅާ ދިއުމާ ގުޅިފައިވާ ކަމަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަމަދު ވިދާޅުވީ ދާރުލް އާސާރަށް ގެއްލުން ދިން މައްސަލައަކީ ދީނާ ގުޅުން ހުރި ކަމެއް ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށާއި ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބަޔަކު ނެތްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިޔާގެ އަމިއްލަ ވިޔަފާރި ކުންފުނިތަކުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމެންޓްތައް ރައްކާތެރި ކުރުމުގެ މައްސަލަވެސް އިންޑިޔާއިން ނެގި ކަމަށާއި އެ އިންވެސްޓްމެންޓްތައް ހިމާޔަތް ވާނެ ކަމުގެ ޔަގީންކަން އިންޑިޔާ ސަރުކާރަށް ދެއްވާފައި ވާނެ ކަމަށާއި އަދި ދަތުރުފުޅުގެ ސަބަބުން އިންޑިޔާއިން ރާއްޖެއަށް އަބަދުވެސް އެހީތެރިވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންނެވި ކަމަށެވެ. އެ އެއްބާރުލުން ލިބޭނީ ވަކި މީހަކަށް ނުވަތަ ވަކި ސަރުކާރަކަށް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.