09 Apr 2012, 14:17
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފެބްރުއަރީ 8، 2012ގައި އެމްޑީޕީން ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އާންމުންގެ ބަޔަކަށް އަނިޔާކުރި މައްސަލަ ނުބައްލަވާނެ ކަމަށް ވިދާޅުވެފައިވާތީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
ރިޔާޒް ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމީ މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. ހަމްޒާ ހުށަހެޅުއްވީ މި އަހަރުގެ ފެބްރުއަރީ 8، ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާ ރޫޅާމުގައި އެކަށީގެންނުވާ ވަރުގެ ބާރުގެ ބޭނުން އާންމު ރައްޔިތުންގެ މައްޗަށްކޮށް، އެތައް ބަޔަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދިން މައްސަލަ ނުބަލާނެ ކަމަށް ރިޔާޒް ވިދާޅުވެފައި ވާތީ އެކަން ސާފުކުރުމުގެ ގޮތުންނެވެ.
ރިޔާޒް ވިދާޅުވެފައި ވަނީ ފުލުހުންނާ ގުޅޭ ގޮތުން ބޮޑެތި ޝަކުވާތަކެއް ހުރި އިރު ފުލުހުން ކުރި ކަމެއް ފުލުހުން އަމިއްލަ އަށް ބެލުމަކީ އެތައް ބަޔަކު އެކަމާ ސުވާލު އުފައްދާނެ ކަމެއް ކަމަށެވެ. އަދި ރިޔާޒް ވިދާޅުވީ އެ މައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގައި އެދިފައިވާނެ ކަމަށެވެ.
ހަމްޒާ ހުށަހެޅުއްވި މައްސަލާގައި އެޗްއާރްސީއެމްއާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން ވެސް ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމި އެވެ. އެ ދެ މުއައްސަސާ ކޮމިޓީއަށް ހާޒިރު ކުރަނީ މި އަހަރުގެ ފެބްރުއަރީ 7، 8 ވަނަ ދުވަހު ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ދައުލަތާ ދެކޮޅަށް ހިންގި އަމަލްތައް ތަހުގީގު ކުރަމުންދާ ގޮތް ކޮމެޓީ އަށް އޮޅުންފިލުވައި ދިނުމަށެވެ. ވެރިކަން ބަދަލުވުމުގައި ފުލުހުންނާއި ސިފައިން ހިންގި ކަމަށް އެމްޑީޕީން ތުހުމަތު ކުރާ "ބަޣާވާތް" ތަހުގީގު ކުރަމުންދާ ގޮތް ބެލުމަށް އެ ދެ މުއައްސަސާ ހާޒިރު ކުރުމަށް ނިންމި ނަމަވެސް އިދިކޮޅު މެންބަރުން އެކަމާ ދެކޮޅު ހެދި އެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ވިދާޅުވީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ ]ސީއެންއައި[ އިން ވެރިކަން ބަދަލުވި މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް، ކޮމެޓީ އަށް އެ މައްސަލާގެ ތެރެއަށް ވަނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކޮމެޓީން ކުރަމުން ދިޔަ މަސައްކަތް މަޑުޖައްސާލައި ފެބްރުއަރީ 7، 8 ގެ މައްސަލަ ތަހުގީގު ކުރުމަކީ މިވަތުތައް ބޭނުން ހުރި ކަމެއް ނޫން ކަމަށް ވިސާމް ވިދާޅުވި އެވެ.
ވިސާމް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލި މައްސަލާގައި ކޮމެޓީ އަށް ހުށަހެޅި މައްސަލަ މިހާރު ވެސް މަޑުޖެހިފައިވާ ކަމަށެވެ.
ވިސާމް ދެއްކެވި ވާހަކަފުޅާ ގުޅިގެން ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ނިޒާމުން ގެއްލުވާލި މައްސަލަ ބަލަމުން ދަނީ އެޗްއާރްސީއެމުން ކަމަށެވެ. އަދި ފެބްރުއަރީ 7، 8ގެ މައްސަލާގައި އެޗްއާރްސީއެމް ކޮމެޓީ އަށް ހާޒިރުކުރާ އިރު، އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ވެސް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ނިޒާމުން ގެއްލުވާލި މައްސަލަ އެޗްއާރްސީއެމުން ބެލުމަށް އިރުޝާދު ދިނީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ކަމަށް ވާތީ ޕީޖީ އަހުމަދު މުއިޒް ކޮމެޓީ އަށް ހާޒިރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރާއި ތިން މުއައްސަސާ ކޮމެޓީ އަށް ހާޒިރުކޮށް ޖަވާބު ދާރީ ކުރުވާނީ އަންނަ ބުދަ ދުވަހު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގަ އެވެ.