އިންޑިޔާގައި ރާއްޖޭގެ އެމްބަސީ އަޅަން އިންޑިޔާގެ ވެރިރަށް ނިއުދިއްލީން 30000 އަކަފޫޓްގެ ބިމެއް ދޭން އިންޑިޔާއިން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲ މިއަދު ވިދާޅުވީ އެމްބަސީ އަޅާނެ ބިން އިންޑިޔާއިން ވަރަށް އަވަހަށް ދޭނެ ކަމަށާއި އެކަން ހަމަޖެހުނީ އިންޑިޔާގައި ހުންނަ އެމްބަސީގެ އިމާރާތަށް އަހަރަކު އެތައް ހާސް ޑޮލަރެއް ހަރަދުވާތީ އެމަނިކުފާނުގެ އިންޑިޔާ ދަތުރުފުޅުގައި އެކަމަށް ލުއި ގޮތެއްވޭތޯ އިންޑިޔާ ސަރުކާރާ ވާހަކަ ދެއްކުމުން ކަމަށެވެ.

"ދިއްލީ އަކީ ބިމުގެ އަގު ވަރަށް ބޮޑު ތަނެއް، ރާއްޖޭގެ އެމްބަސީ ހުންނަ އިމާރާތަށް އަހަރަކު އެތައް ހާސް ޑޮލަރެއް އެބަ ހަރަދުވޭ، އެހެންވެ އަޅުގަނޑުމެން އެކަމާ ވާހަކަ ދެއްކުމުން މިހާރު ވަނީ 30000 އަކަފޫޓްގެ ބިމެއް ވަރަށް އަވަހަށް ދެއްވާނެ ވާހަކަ ވިދާޅުވެފައި،" ޑރ. ސަމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެމްބަސީއަށް ބިމެއް ދޭން ހަމަޖައްސާފައި ވަނީ ދިއްލީގައި ބޭރުގެ ގައުމުތަކުގެ ޑިޕްލޮމޭޓުން ތިއްބަވާ ސަރަހައްދުން ކަމަށެވެ. ރާއްޖޭގެ އެމްބަސީ އަޅަން އިންޑިޔާއިން ބިމެއް ދޭން ނިންމި އިރު ރާއްޖެއިން ވަނީ އިންޑިޔާގެ ހައިކޮމިޝަން އަޅާނެ ބިމެއް ދީފަ އެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމާއި ބޭސްފަރުވާގެ ކަންކަމުގައި އިންޑިޔާއަށް ދާ ދިވެހިންނަށް ކުރިމަތިވާ ދަތިތަކާ ބެހޭ ގޮތުން ވެސް އިންޑިޔާ ސަރުކާރާ މަޝްވަރާ ކުރެއްވި ކަމަށާއި ފަސޭހަ ގޮތްތަކެއް އެކަމުގައި ވަރަށް އަވަހަށް ހަމަޖައްސައިދިނުމަށް އިންޑިޔާއިން އެއްބަސްވެފައިވާ ކަމަށެވެ.