06 Dec 2022, 11:06
ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ދެމަފިރިއަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ބ. ތުޅާދޫއިން އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް އިތުރު ކޮށްފިއެވެ.
އެ މައްސަލަ މިދިޔަ ހުކުރު ދުވަހު ފުލުހަށް ހުށަހެޅި ނަމަވެސް ތުހުމަތުކުރެވޭ މީހާއަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން ތުޅާދޫގައި އިއްޔެ ވަނީ އެކަމާ ނުރުހުންފާޅުކޮށް ބައެއް ރައްޔިތުން އިހްތިޖާޖު ކޮށްފައެވެ.
ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ތުޅާދޫއިން ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ތުޅާދޫ ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަސް ބަންދަށް އިތުރު ކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ ހައްޔަރުކުރީ ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ދެމަފިރިއަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.
ބްލެކްމެއިލްގެ މައްސަލަތައް އިތުރުވާތީ ފުލުހުން ވެސް އަންނަނީ އެ ކަމަށް ސަމާލުވުމަށް އެދިފައެވެ.