ގެެވެށި އަނިޔާ ކުރާ މީހުންނާ ދެކޮޅަށް ބޮޑެތި ބާރުތަކާއި އިހުތިޔާރުތައް ކަނޑައަޅައި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.

އެ ބިލު ދިރާސާކުރި ކޮމިޓީން ހުށަޅާފައިވާ އިސްލާހުތަކާއި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން އެ ބިލަށް ގެނައި އިސްލާހުތަކާ އެކު މުޅި ބިލު ފާސްކުރަން ވޯޓަށް އެހުމުން އެ ބިލު ފާސްކުރަން ވޯޓު ދެއްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 50 މެންބަރުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.

އެ ބިލުގައި ގެވެށި އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތް ކުރުމާއި އެފަދަ ފަރާތްތަކަށް ބަދަލު ނަގައި ދިނުމާއި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރާނެ ގޮތްތައް ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލުގައިވާ ގޮތުން ގެވެށި އަނިޔާ ލިބޭ ފަރާތްތައް ރައްކާތެރި ކުރުމަށް ކުރާ ކޯޓު އަމުރުތަކާ ހިލާފްވުމާއި އެފަދަ އަމުރެއްގައި ހިމެނޭ ޝަތުރުތަކާ ހިލާފްވާ ފަރާތްތަކުގެ އަދަބެއްގެ ގޮތުން، އެ ފަރާތްތައް ހަ މަސް ދުވަހަށް ޖަލަށްލުން، ނުވަތަ 15،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި އެފަދަ ކަމެއް ދެ ވަނަ ފަހަރަށް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރަށް ޖަލަށްލުން ނުވަތަ 30،000ރ. އިން ޖޫރިމަނާކުރުން ކަމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން އެފަދަ ކަމެއް ތިން ވަނަ ފަހަރަށް ވުރެ އިތުރުވެއްޖެ ނަމަ އެއިން ކޮންމެ ފަހަރަކު ގިނަ ވެގެން ތިން އަހަރު ދުވަހަށް ޖަލަށް ލުމާއި 50،000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.
ބިލުގައިވާ ގޮތުން ކުށްކަމަށް ބިލުގައި ކަނޑައަޅާފައިވާ ކަމެއްގެ ތުހުމަތުގައި ބަންދު ކުރެވޭ މީހަކަށް ކަފާލާތުގެ އުސޫލުތަކެއް ނުހިނގާނެ އެވެ.

އަދި މި ގާނޫނުގެ ދަށުން އެ އުފައްދާ އޮތޯރިޓީ އަށް ލިބިގެންވާ ބާރުގެ ދަށުން ކުރާ ސުވާލަކަށް ކަނޑައެޅިގެން ދޮގު މައުލޫމާތު ދީފި ނަމަ އެކުށުގެ އަދަބެއްގެ ގޮތުގައި 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

މިއަދުގެ ޖަލްސާގައި ބިލަށްގެނައި އިސްލާހުތަކުގެ ތެރޭގައި އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހިމަނައިގެން، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށާއި އެފަދަ އަނިޔާތައް ލިބޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ދޭނެ މަރުކަޒުތައް އުފައްދަން ޖެހެ އެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ދުޅަހެއޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް ބައިތިއްބަން ޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް އުފެއްދުމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލް ކޮމިޓީން ދިރާސާކުރުމަށް ފަހު، މަޖޖިލީހަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާ ވަނީ ކުރިއަށް ގެންދަވައިފަ އެވެ.