ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ވީޑިއޯ އެޕްލިކޭޝަން ކަމަށްވާ 'ޓިކްޓޮކް'އަކީ ޗައިނާގެ އެންމެ ވަރުގަދަ ޖާސޫސީ ވަސީލަތަށް ވެދާނެކަމަށް އެފްބީއައިގެ ޑިރެކްޓަރު ކްރިސް ރޭ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް މިޝިގަންގެ ޖެރަލްޑް އާރް ފޯޑް ސްކޫލް އޮފް ޕަބްލިކް ޕޮލިސީގައި ބޭއްވި ހަރަކާތެއްގައި ކްރިސް ރޭ ވިދާޅުވީ ޓިކްޓޮކަކީ ޖާސޫސުކުރުމާއި މީހުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ބިރުވެރި ވަސީލަތެއް ކަމަށެވެ.

ރޭ ވިދާޅުވީ، ޓިކްޓޮކްއިން އޮތް އެންމެ ބޮޑު ނުރައްކަލަކީ އެ އެޕްގައި ބޭނުންކުރާ 'ރެކޮމެންޑޭޝަން އަލްގޮރިދަމް' ނުވަތަ ވަކިވަކި މީހުން ބަލާ ހިތްވާނެ ކަމަށް ލަފާކޮށް އެމީހުންނަށް ދައްކާ ވީޑިއޯތަކެވެ. އެ އަލްގޮރިދަމްގެ އެހީގައި، މީހުންނަށް ފެންނަ ކޮންޓެންޓަށް ބަދަލު ގެނެސް، ޗައިނާއިން ބޭނުންވާ ކަންކަމަށް ނުފޫޒު ފޯރުވޭނެ ކަމަށް ރޭ ވިދާޅުވިއެވެ.

ހަމައެއާއެކު، މީހުންގެ ޒާތީ މައުލޫމާތު އެއްކުރަން ވެސް ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއިން ޓިކްޓޮކް ބޭނުންކޮށްފާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ރޭ އިތުރަށް ވިދާޅުވީ، ޖާސޫސު ކުރުމަށް ބޭނުންކުރެވޭނެ މި ވަސީލަތްތައް އޮތީ އެމެރިކާ ސަރުކާރަށް އެއްވެސް ވަރަކަށް އިހުތިރާމް ނުކުރާ ބައެއްގެ އަތުގައި ކަމަށެވެ. އަދި މިއީ އެމެރިކާ ސަރުކާރާއި ރައްޔިތުން ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ރޭގެ ވާހަކަފުޅުތަކާ އެމެރިކާގެ ގިނަ ސިޔާސީ ބޭފުޅުން ފާޅުކުރައްވާ ޚިޔާލުތަކާ އެއްގޮތްވާއިރު، އެގައުމުގެ މައި ދެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ވެސް އެމެރިކާގައި ޓިކްޓޮކް އެއްކޮށް މަނާކުރަން ތާއިދުކުރެއެވެ.

އެމެރިކާގެ މުވާސަލާތީ ޚިދުމަތްތަކާ ބެހޭ ސަރުކާރުގެ އިދާރާ ކަމަށްވާ އެފްސީސީގެ ކޮމިޝަނަރު ބްރެންޑަން ކާރު މީގެ ކުރިން ވިދާޅުވެފައި ވަނީ ޓިކްޓޮކްއާ ގުޅުން ހުރި ސަލާމަތީ ކަންބޮޑުވުންތަކާ ބެހޭ މައުލޫމާތު، އެ އެޕްލިކޭޝަން އުފެއްދި ބައިޓްޑާންސްއާ ވާހަކަދައްކައިގެން ހޯދަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާއިރު ޓިކްޓޮކް އެމެރިކާގައި ގައުމީ ފެންވަރުގައި މަނާކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ސިޔާސީ ވެރިންނާއި، އިސް އޮފިޝަލުން ޓިކްޓޮކާމެދު ކަންބޮޑުވުންތައް ފާޅުކުރައްވާއިރު، ބައިޓްޑާންސްއިން ވަނީ އެމެރިކާ ސަރުކާރާއެކު މިހާރު ކުރަމުންދާ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ގައުމީ ސަލާމަތާގުޅޭ ހުރިހާ ކަންބޮޑުވުންތަކެއް ފުރިހަމައަށް ހައްލުކޮށްދޭނެ ކަމަށާއި، ހައްލުތައް ތަންފީޒު ކުރުމުގައި މިހާރު ވެސް ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 80 މިލިއަނަށް އަރާއިރު މުޅި ދުނިޔެއިން ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު އެއް ބިލިއަނަށް އަރައެވެ.