އައިކޮނިކް އެކްޓަރު ޖޫލިއާ ރޮބާޓްސް އެވޯޑުގެ ހަފުލާއަކަށް ލައިގެން ދިޔަ ހެދުމުގައި މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީގެ އެކި ފޮޓޯތައް ހުރުމުން އެތައް ބައެއްގެ ސަމާލު ކަމަށް އަތުވެއްޖެއެވެ.

ކެނެޑީ ސެންޓާ އޮނާސް އިވެންޓަށް ޖޫލިއާ ލައިގެން ދިޔައީ ކަޅު ކުލައިގެ ބޮޑު ގައުން އެކެވެ. އެ ގައުންއަށް ކައިރިން ބަލާލުމުން ފެންނާނީ ހުސް ޖޯޖް ކްލޫނީއެވެ. ޖޯޖް ކްލޫނީގެ ކެރިއަރުގެ އެންމެ ކުރިން ފެށިގެން އެންމެ ފަހަށް ޖެހެންދެއް އެ ހެދުމުގައި އޭނާގެ ފޮޓޯ ހުއްޓެވެ.

ޖޫލިއާ އެ ހެދުން ލައިގެން ދިޔައީ ކްލޫނީއަށް ސަޕޯޓު ކުރުމުގެ ގޮތުންނެވެ. ކެނެޑީ ސެންޓާ އޮނާސް އެވޯޑު ވަނީ އެ އިވެންޓުގައި ކްލޫނީއަށް ލިބިފައެވެ. އެކަން ފާހަގަކުރުމުގެ ގޮތުން ކްލޫނީގެ ކާމިޔާބީގައި ބައިވެރިވުމަށް ޖޫލިއާ އެ ހެދުން ލީއެވެ.

ޖޫލިއާ އެ ހެދުން ލިއިރު އޭނާ އާއި ކްލޫނީ އެންމެ ފަހުން ނެރެފައިވާ ފިލްމަކީ ދެމީހުން އެކީ ލީޑް ރޯލުން ފެންނަ ފިލްމެކެވެ. މިއަހަރު ނެރުނު އެ ފިލްމަށް ކިޔަނީ "ޓިކެޓް ޓު ޕެރަޑައިސް"އެވެ.

ކެނެޑީ ސެންޓާ އޮނާސް އަކީ އެމެރިކާގައި އާޓިސްޓުންނަށް ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތްތަކަށް ބަލައި އާޓިސްޓުންނަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑު މި އެވޯޑުން ދެއެވެ. ކްލޫނީއަށް ވެސް ވަނީ ކެނެޑީ ސެންޓާ އޮނާސްގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިފައެވެ.

މި އިވެންޓަކީ އެމެރިކާގެ ރައީސް އަދި ނައިބު ރައީސް ވެސް ބައިވެރިވެވަޑައިންނަވާ އިވެންޓެކެވެ. މި އިވެންޓުގައި ރައީސް ޖޯ ބައިޑެން ވަނީ ކްލޫނީގެ އިތުރުން އެވޯޑު ލިބުނު އެހެން އާޓިސްޓުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އާޓް މެދުވެރިކޮށް އޭގެ މުހިއްމު ކަމާއި އޭގެ ބާރު މި އާޓިސްޓުން ދައްކައިދީފައިވާ ކަމަށް ރައީސް ޖޯ ބައިޑެން ފާހަގަކުރެއްވިއެވެ.

ކްލޫނީގެ އިތުރުން މަޝްހޫރު ރޮކް ބޭންޑް "ޔޫ2" އާއި ލަވަކިޔުންތެރިޔާ ގްލަޑީސް ނައިޓް އަށް ވެސް ވަނީ އެވޯޑު ލިބިފައެވެ.