ދުވާލުގެ ވަރުބަލިކަމާއި މޫސުމުގެ ގޮތުން ގިނަ ބަޔަކީ މެންދުރު ގަޑީގައި ނިދާލުމަށް އާދަވެފައިވާ ބައެކެވެ. މެންދުރު ގަޑީގެ ނިދި ނުވަތަ ނެޕް ނެގުމަކީ ކުރުން ވަރަށް ރަނގަޅު ކަމެއް ކަމަށް ސައިންސުން ހާމަވެއްޖެއެވެ. ނަމަވެސް އެކަން ކުރަން ވަކި މިންވަރެއް އޮވެއެވެ.

ޖާނަލް އޮފް އެމެރިކަން ޖެރިއޭޓްރިކްސް ސޮސައިޓީއަށް އާންމުކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުން ދުވާލުގެ ވަގުތެއްގައި ކުޑަކޮށް ނިދާލުމަކީ އިންސާނާގެ ސިކުނޑިއަށް ރަނގަޅު ކަމެކެވެ. ނަމަވެސް ނިދާ މިންވަރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

އެގޮތުން ދުވާލު 30 މިނެޓާއި 90 މިނެޓާ ދެމެދުގެ ވަގުތަކަށް ނިދާ ނަމަ އޭގެ ސަބަބުން ސިކުނޑިއަށް ފައިދާ ހުރި ކަމެއް ކަމަށް އެ ދިރާސާއިން ބުނެއެވެ. އަދި 90 މިނެޓަށް ވުރެ ގިނައިން ދުވާލު ވަގުތު ނިދާނަމަ ކޮގްނިޝަންގެ ނުވަތަ މައުލޫމާތު ދެނެގަތުމަށް ދަތިވާން ފަށާނެ ކަމަށް އެ ދިރާސާއިން އިޝާރާތް ކޮށްފައިވެއެވެ.

"މެންދުރު ގަޑީގައި ކުޑަ ނެޕެއް ނަގާ ގިނަ މީހުންނަށް އެކަން ވެގެން ވަނީ ދުވާލުގެ ރީސެޓް ބަޓަން އަކަށް. އެއީ މެންދުރާ ހަމަ އަށް ދާއިރު ވަރުބަލި ވެފައި ހުންނަ މީހަކަށް ވެއްޖެ ނަމަ ނިދައިން ހޭލެވުމުން ހުންނާނީ ވަރަށް ބޮޑަށް ތާޒާ ވެފައި،" ގުރުގްރާމްގެ އާޓެމިސް ހޮސްޕިޓަލްގެ ޗީފް ނިއުރޯ އިންޓަވެންޝަނަލް ސާޖަރީ، ޑރ. ވިޕުލް ގުޕްތާ ފާހަގަކުރިއެވެ.

ޑރ. ވިޕުލް ފާހަގަކުރާ ގޮތުގައި ނެޕެއް ނަގާލުމުން ގިނަ މީހުން ހޭލެވުމަށް ފަހު އެލާޓްވެފައި އެމީހުންނަށް ކަންތައްތައް ކުރުމަށް ފަސޭހަ ވެގެން ދެއެވެ.

ޑޮކްޓަރުން ބުނާގޮތުގައި ދުވާލު ގަޑީގައި ނިދާލުމުން މީހާގެ ބުންވަރު އިތުރުވެ ހަނދާން ވަރުގަދަ ވުމަށް ވެސް އެހީތެރިވެއެވެ. މީހާގެ މޫޑު ރަނގަޅު ވުމަކީ ވެސް ދުވާލުގެ ނެޕުން ލިބޭ ފައިދާ އެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ޑރ. ވިޕުލް ފާހަގަކުރާގޮތުގައި ދުވާލު ނިދަން ޖެހޭނީ ކުޑަ ވަގުތު ކޮޅަކަށެވެ. އަދި ނެޕް ނަގާއިރު މެންދުރު ފަހު ތިނެއް ޖެހުމަށްފަހު ނިދުން އެންމެ ރަނގަޅު ނޫން ކަމަށް އޭނާ ފާހަގަކުރެއެވެ. އެއީ އެއަށްފަހު ނިދުމުގެ ސަބަބުން ރޭގަނޑު ނިދުމަށް ބައެއް މީހުންނަށް އުނދަގޫ ވާ ކަމަށް އޭނާ ފާހަގަކުރެއެވެ.

އެހެންވީމާ ނިދަން ހަނދާން ކުރުން މުހިއްމު އިރު ނިދީގެ ވަގުތަކީ ވެސް މުހިއްމު އެއްޗެއްކަން ހަނދާން ކުރަން ޖެހެއެވެ.