09 Apr 2012, 13:37
ސްޕެނިޝް ލީގުގެ ތާވަލްގެ އެއް ވަނާގައި އޮތް ރެއާލް މެޑްރިޑް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ރޭ ހިފެހެއްޓި ނަމަވެސް އެންމެ ފަހު ވަގުތު ވެސް ލަނޑު ޖަހަން ކުޅުންތެރިން މަސައްކަތްކުރި ކަމަށް ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރިއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އެއް ޕޮއިންޓް ލިބުމުން އަދިވެސް އެއް ވަނައިގައި 79 ޕޮއިންޓް ލިބިގެން މިވަގުތު އޮތީ އެޓީމެވެ. އަދި ލީގުގެ ދެ ވަނާގައި 75 ޕޮއިންޓާއެކު ރެއާލްއާ ވާދަވެރި ބާސެލޯނާ އޮތް އިރު، ރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ތިން ވަނާގައި އޮތީ 49 ޕޮއިންޓާއެކު ވެލެންސިޔާ އެވެ.
ލަނޑެއް ނުޖެހުނަސް ދެ ޓީމުގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް އުފެއްދި މިމެޗުގައި ރެއާލް އަށް ވަނީ ވެލެންސިޔާގެ ގޯލް ފޫއަޅުވާލުމަށް މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައި ވެސް ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ.
ރޭގެ މެޗަށްފަހު އިނގިރޭސި މީޑިއާތަކަށް ދީފައިވާ އިންޓަވިއުގައި ރެއާލްގެ ޕޯޗުގަލްގެ ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ ބުނެފައި ވަނީ، އަމިއްލަ ދަނޑުގައި ކުޅެ މޮޅު ނުވުމަކީ ލީގް ކާމިޔާބު ނުވުމަށް ދިމާވި ދައްޗެއް ކަމުގައި ވިޔަސް، މެޗުގައި ހުރިހާ ކުޅުންތެރިން ވެސް ދެއްކި ކުޅުމަކީ ހިތްހަމަޖެހޭ ވަރުގެ މޮޅު ކުޅުމެއް ކަމަށެވެ. އަދި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ރެއާލްގެ ކުޅުންތެރިން ލީޑް ނެގުމަށް މަސައްކަތް ކުރި ނަމަވެސް، ނަސީބު ދެރަކަމުން ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ދިޔައީ ބޭކާރު ވެގެން ކަމަށް ރޮނާލްޑޯ ބުންޏެވެ.
"ވެލެންސިޔާއަކީ ވަރަށް އެޓޭކިން ފުޓްބޯޅައެއް ކުޅޭ ޓީމެއް. އަދި އެހާމެ މޮޅު ވެސް ޓީމެއް. އެ ޓީމުގެ ޑިފެންޑަރުގެ ހުށިޔާރުކަން ފެނުނު. އަހަރެމެން ޓީމުން ދެއްކީ ހިތްވަރުގަދަ މޮޅު ކުޅުމެއް. އަހަރެން ވަރަށް އުފާވެ ބައިކޮޅަށް ގޯލެއް ނުވަދެ، މެޗުގައި ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތައް" ރޮނާލްޑޯ ބުޏްނެވެ.
ރޮނާލްޑޯ ބުނީ، ލީގުގައި އަދި ބާކީ ހަތް މެޗް ކުޅެން އޮތް އިރު، ރެއާލްއަށް ވެސް އަދި ފުރުސަތު ނުގެއްލޭ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗު ތަކަކީ ވާދަވެރި އަދި އެހާމެ ފޯރި ގަދަވެގެން ދާނެ މެޗްތަކެއް ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.
އަދި އަންނަ ބުދަ ދުވަހު އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗަކީ ރެއާލް އަށް މުހިންމު މެޗަކަށް ވީއިރު، އެ މެޗުން މޮޅުވުމަށް ރެއާލް ނިކުންނާނީ ފައިނަލް މެޗެއްގެ ގޮތުގައި ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.
އަދި މިމަހުގެ 21 ވަނަ ދުވަހު ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ނިކުންނަ މެޗަކީ ވެސް ރެއާލްއަށް މުހިންމު މެޗެއް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
ލީގުގައި ގޯލް ޖެހުމުގެ ލިސްޓުގެ ދެ ވަނާގައި 37 ގޯލް ކާމިޔާބުކޮށްގެން ރޮނާލްޑޯ އުޅޭއިރު، އެއް ވަނާގައި އުޅެނީ 38 އަށް ގޯލް ކާމިޔާބުކޮށް ބާސާގެ ލިއޮނަލް މެސީ އެވެ.