09 Apr 2012, 13:31
ތާވަލްގެ އެއް ވަނައިގައި މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމަށް މެންޗެސްޓާ ސިޓީން ކުރަމުން އާ ފޮނި އުންމީދު ތަކަށް އާސެނަލް އިން ރޭ ހުރަސް އަޅައިފި އެވެ.
ސިޓީގެ އުންމީދުތަކަށް އާސެނަލް އިން ހުރަސް އެޅީ، ޕްރިމިއާލީގުގައި ރޭ މި ދެޓީމް ކުޅުނު ވާދަވެރި މެޗް 1-0 ލަނޑުން އާސެނަލް އިން ކާމިޔާބު ކުރުމުން ނެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު އާޓެޓާ އެވެ.
ދެޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔަ މެޗުގެ އެންމެ ފަހު 10 މިނެޓުގެ ތެރޭ އާސެނަލް އިން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ދެ ތިން ހަތަރު ބޯޅަ އެއް ފޮނުވާލައިފައެވެ. އެގޮތުން އާސެނަލްގެ ހުނަރުވެރި ފޯވާޑް ވެންޕާސީ އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވުނެވެ.
އަދި މެޗުގެ ދެ ވަނަ ހާފު މެންޗެސްޓާ ސިޓީން އިން ވެސް ވަނީ އާސެނަލްގެ ގޯލް ފޫއަޅުވާލެވޭތޯ އެއްތައް މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ 80 މިނެޓުގެ ކުޅުން ނިމުނުއިރު، ނަތީޖާއެއް މެންޗެސްޓާ ސިޓީގެ ފަރާތުން ނުނެރެވުމުން ކޯޗް ރޮބާޓޯ މަންޗިނީ ވަނީ، ފޯވާޑް ސާޖިއޯ އަގުއެރޯގެ ބަދަލުގައި ކާލޯސް ޓެވޭޒް ކުޅެންއަރުވާ ފައެވެ.
މެޗުގެ އެންމެ ފަހު ވަގުތާހަމައަށް މެންޗެސްޓާ ސިޓީން ކުރަމުންއާ އުންމީދުތަކަށް އިތުރު ހުރަހަކާ ކުރިމަތި ލާންޖެހުނީ މެޗުގެ 89 ވަނަ މިނެޓުގައި ސިޓީގެ މާރިއޯ ބަލޮޓެލީ ކުރި ފައުލަކާ ގުޅިގެން ރެފްރީ އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން ނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ހަތަރު މިނެޓާއެކު ފުރިހަމަ ވަގުތުގެ ކުޅުން ނިމުމުން، މެޗް ބެލުމަށްޓަކައި ދަނޑަށް ވަދެތިބި އާސެނަލްގެ ސަޕޯޓަރުން ވަނީ އުފާފާޅު ކޮށްފައެވެ.
ރޭގެ މޮޅާއެކު އާސެނަލްއަށް ލީގުގެ ތިން ވަނަ ލިބެނީ 61 ޕޮއިންޓާއެކު އެވެ. އަދި އަދި އާސެނަލްއާ ދެކޮޅަށް ނިކުތުމުގެ ކުރިން އެއް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެ މެދު އޮތް ފަސް ފޮއިންޓުގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކުރަން ނިކުތް މެންޗެސްޓާ ސިޓީ ވަނީ ތާވަލްގެ ދެ ވަނައި ގައެވެ. އެގޮތުން ދެ ވަނައިގައި 71 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތް އިރު، މެންޗެސްޓާ ޔުނައިޓެޑް އެއް ވަނައިގައި އޮތީ މެންޗެސްޓާ ސިޓީއަށް ވުރެ، އަށް ޕޮއިންޓުގެ ލީޑެއް ނެގުމަށް ފަހު އެވެ. އެއީ 79 ޕޮއިންޓް ލިބިގެންނެވެ.