ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީ، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުން ބޭއްވީ މާލޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުގައެވެ.

އެ ކޮމިޝަނުން ކުރި ޓުވީޓެއްގައިވާ ގޮތުން، އެ ބައްދަލުވުމުގައި ޑރ. އަޝްރަފް ވަނީ ޕާކިސްތާނުގެ އާ ސަފީރު ކަމަށް ގިލާނީ އައްޔަންކޮށްފައިވާތީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

"ދެ ފަރާތުގެ ވެސް މަސްލަހަތު އޮތް ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި،" ހައި ކޮމިޝަންގެ ޓުވީޓުގައިވެއެވެ.

މީގެ އިތުރުން، ދެ ބޭފުޅުންގެ އިތުރު ބައްދަލުވުންތައް ބޭއްވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ޓުވީޓުގައިވެއެވެ.

ދެހާސް ވިހި ވަނަ އަހަރު ޕާކިސްތާނުގެ ސަފީރު ކަމާ ހަވާލުވެވަޑައިގަތް ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތާރް މުޚްތާރަށް ފަހު އެ މަގާމަށް އައްޔަންކުރި ގިލާނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފަތްކޮޅު އެރުވީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ޑރ. އަޝްރަފް ދިވެހި ބަހުގެ އެކެޑަމީގެ ތިންވަނަ ދައުރުގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ އަށްވަނަ ދުވެހެވެ.