09 Apr 2012, 13:24
ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީޙުގެ މެންދުރު ދަންފަޅީގެ ޖަލްސާ ވެސް މެދުކަނޑާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ 1:00 ގެ ދަންފަޅި ފެށުމަށް ބޭނުންވާ ކޯރަމް ހަމަ ނުވެގެން ކޯރަމް ރަނގަބީލު ޖަހައިގެން ވެސް ޖަލްސާ ފަށަން ބޭނުންވާ ވަރަށް މެންބަރުން ވަޑައި ނުގެންނެވުމުން 1:05ގައި ޖަލްސާ މެދު ކަނޑުއްވާލައްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ "މަޖިލީހުގެ ގަވާއިދުގައި ބުނާ ފަސް މިނިޓް މަޑުކުރުމުން ވެސް ކޯރަމް ހަމަ ނުވެގެން ކޯރަމް ރަނގަބީލު ޖަހައިގެން ވެސް ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ ވަރަށް މެންބަރުން ވަޑައި ނުގެންނެވުމުން 1:30 ގައި ޖަލްސާ ފެށުމަށް، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާ މެދުކަނޑައިލަން" ކަމަށެވެ.
އަދި 1:30ގައި ޖަލްސާ ފަށަށް ބޭނުންވާ ވަރަށް ކޯރަމް ހަމަ ކޮށްދެއްވުމަށް ވެސް ޝާހިދު މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
މިއަދުގެ ޖަލްސާގައި ތިން ފަހަރެއްގެ މަތިން ކޯރަމް ގެއްލިގެން ޖަލްސާ މިވަނީ މެދުކަނޑާލަން ޖެހިފަ އެވެ. މިއަދުގެ ޖަލްސާގައި ފުރަތަމަ ކޯރަމް ގެއްލުނީ 10:15 އެހާކަންހާއިރު އެވެ. އަދި 11:00ގައި އަލުން ޖަލްސާ ފަށައިގެން ކުރިއަށް ގެންދަނިކޮށް 11:15 އެހާކަންހާއިރު ވެސް ކޯރަމްގެއްލިގެން ޖަލްސާ މެދުކަނޑައިލަން ޖެހުނެވެ. 1:30ގައި ޖަލްސާ ފަށާއިރު ކުރިއަށްގެންދާނީ ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވޯޓަށް އެހުމުގެ މަސައްކަތްތަކެވެ.