10:00


ޖަލުގެ ގޮޅިތަކުގައި ހުންނަން ނުޖެހޭ ޒާތުގެ ބައެއް ތަކެތި ހުރިކަމުގެ މައުލޫމާތި ލިބިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މާފުށީ ޖަލުގައި ޚާއްސަ އޮޕަރޭޝަނެއް ރޭ ހިންގަން ފަށައިފި އެވެ.


ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ރޭ ފެށި އެ އޮޕަރޭޝަނަކީ، ޖަލުގެ ގޮޅިތަކުގައި ހުންނަން ނުޖެހޭ ޒާތުގެ ބައެއް ތަކެތި، ގޮޅިތަކުގައި ބަންދުގައި ތިބި ބައެއް ފަރާތްތަކުން ގެންގުޅޭ ކަމުގެ މަޢުލޫމާތު ލިބެމުން ދިއުމާއި ގުޅިގެން އެފަދަ ތަކެތި ހުރިތޯ ބަލައި ޗެކްކުރުމަށް ފެށި އޮޕަރޭޝަނެކެވެ. އަދި މާފުށީ ޖަލުގެ ކަންކަން އިތުރަށް އިސްލާޙްކޮށް، މިހާރުން މިހާރަށް ހަމަމަގަށް އަޅުވަންޖެހޭ ކަންކަން އިސްލާޙް ކުރުމަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްއަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއް ކަމަށްވެސް ބުނެފައިވެ އެވެ.


މިއޮޕަރޭޝަން ކުރިއަށްދާއިރު، ޖަލުގެ ސަލާމަތީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންތައްތައް ދެނެގަނެ އެފަދަ ކަންތައް ފުރިހަމަ ކުރުމަށްޓަކައި ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްއަށް ފުލުހުންނާއި ސިފައިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.