04 Dec 2022, 19:42
ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން ރ. ދުވާފަރު ކަައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކުރި ފަހުން ކައުންސިލްގެ ޒިންމާތަކާ ހަވާލުވި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހު ވެސް މަގާމުން ސަސްޕެންޑުކޮށްފިއެވެ.
މިދިޔަ މަހުގެ 28ވަނަ ދުވަހު ދުވާފަރު ކައުންސިލްގެ މެމްބަރުން ސަސްޕެންޑުކުރީ، ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ހާމަވުމާ ގުޅިގެންނެވެ.
ކައުންސިލްގެ އެސްޖީ ސަސްޕެންޑު ކުރުމާ ގުޅިގެން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް "ސަން"އަށް ވިދާޅުވީ، އޭނާ މަގާމުން ސަސްޕެންޑު ކުރީ، ޚިޔާނާތުގެ މައްސަލައިގައި ޝާމިލްވާކަމުގެ ތުހުމަތުގައި ކަމަށެވެ.
"އެއީ ހަމަ އެ މައްސަލައިގަ ޝާމިލްވާކަމަށް ތުހުމަތު ކުރެވިގެން އަޅުގަނޑުމެން ސިވިލް ސާވިސް ކޮމިޝަނަށް ފޯވާޑް ކުރީ އެބޭފުޅުންނަށް ފެންނަ ފިޔަވަޅެއް އަޅަން،" އަފްޝަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ ޒިންމާތައް ސިވިލް ސާވިސް ކޮމިޝަނުން އެހެން މީހަކާ ހަވާލުކުރާނެކަމަށެވެ.
ދުވާފަރު ކައުންސިލްގައި މިހާރު ތިއްބަވަނީ ހަ ކައުންސިލަރުންނެވެ. އެ ކައުންސިލްގެ މެންބަރު އަހްމަދު ސަމޫހު ވަނީ އިސްތިއުފާދެއްވާފައެވެ. އޭނާގެ ބަދަލުގައި ކައުންސިލަރަކު އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
އެލްޖީއޭއިން އެކުލަވާލި ރިޕޯޓުގައި ވަނީ ލާމަރުކަޒީ ގާނޫނާއި، އެގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާކަމަށެވެ.
އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުންނުދާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.