ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ރޭޑިއޯ ލައިބްރަރީ މިހާރު ހުންނަ ފަޅި ކުއްޔަށް ދިނުމަށްޓަކައި އެތަން ހުސްކޮށް، ލައިބްރަރީގައި ހުރި ތަކެތި އާ އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއްވެސް އެއްޗަކަށް ގެއްލުމެއް ނުވާނެ ކަމަށް ޕީއެސްއެމްއިން ބުނެފިއެވެ.

ޕީއެސްއެމް އަޑުގެ އިމާރާތް ކުއްޔަށް ދިނުމަށްޓަކައި އެތަނުގެ އާކައިވް ލައިބްރަރީ އެހެން އިމާރާތަކަަށް ބަދަލުކޮށް، ލައިބްރަރީގައި ހުރި ބައެއް އެއްޗެހި ކ. ތިލަފުއްޓަށް ބަދަލުކުރާތީ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕީއެސްއެމް އަޑުގެ އާކައިވް ލައިބްރަރީ ބަދަލުކުރުމުގެ ތެރެއިން ---

އެކަމާ ގުޅިގެން ޕީއެސްއެމްގެ ތަރުޖަމާނު ޒީކް މުހައްމަދު "ސަން"އަށް ވިދާޅުވީ އަޑުގެ އާކައިވް ލައިބްރަރީ އެހެން އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ލައިބްރަރީގައި ހުރި 80 ޕަސެންޓް ޓޭޕްތައް މިހާރު ޑިޖިޓަލައިޒް ކޮށްފައިވާ ކަމަށެވެ.

"ތިލަފުއްޓަށް ފޮނުވާ އެއްޗިއްސަކީ މިވަގުތަށް އޭގެ ބޭނުން ނުހިފޭ ފޮނޮގްރާފް ޑިސްކްސް އާއި ކޮމްޕެކެޓް ޑިސްކްސް ފަދަ އެއްޗެހި،" އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމް އަޑުގެ އާކައިވް ލައިބްރަރީ ބަދަލުކުރުމުގެ ތެރެއިން ---

ޒީކް ވިދާޅުވީ ތިލަފުއްޓަށް ފޮނުވާ އެއްޗެހި ވެސް އެ ރަށުގައި ރައްކާކޮށްފައި ބަހައްޓާނެ ކަމަށެވެ. އަދި އެއްވެސް އެއްޗެއް ނުގެއްލޭނެ ކަމަށާއި ލައިބްރަރީ ބަދަލުކުރުމުގެ ތެރޭގައި އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.