ޗާޔާ ރީފް އެއްލައިދޫ ރިސޯޓުން ލީސް ރެންޓުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުސޫލުން ނުދެއްކުމުން ޖޫރިމަނާއަށް އަށްރާފައިވާ 19،274.16 ޑޮރަލު ސާދަ ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ޚަލާސް ކުރުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އެ ގޮތަށް ހުކުމް ކުރީ ލީސް ރެންޓުގެ ގޮތުގައި އެއްލައިދޫ ރިސޯޓުން ދައުލަތައް ދައްކަން ޖެހޭ ފައިސާ ކަނޑައެޅިފައިވާ އުސޫލުން ދައްކާފައި ނުވާތީ ޖޫރިމަނާއަށް އަރާފައިވާ ފައިސާ ހޯދުމަށް މީރާއިން ދައުވާކުރި މައްސަލަ ބެލުމަށް ފަހު އެވެ. ހުކުމްކޮށްފައި ވަނީ އެއްލައިދޫގެ ޣައިރު ހާޒިރުގަ އެވެ.

އެއްލައިދޫ ރިސޯޓުން ޖޫރިމަނާއަށްވާ ފައިސާ ނުދެއްކުމުން މިރާ އިން ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ޔަޒީދު މުހައްމަދު ސޮއިކުރައްވާފައިވާ އެ ރިސޯޓުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލު ލިޔުމެއް އެއްލައިދޫއަށް ފޮނުވާފަ އެވެ.

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ސޮއި ކުރައްވާ އިއްޔެ ކުރެއްވި ހުކުމްގައި ބުނަނީ އެއްލައިދޫ ރިސޯޓުން ދައްކަންޖެހޭ ފައިސާތައް ދައްކާ ނިންމާފައިވާކަމަށް އެއަލައިދޫގެ ވަކީލު ވިދާޅުވި ނަމަވެސް އެކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އަދި ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގައި ބުނާގޮތުން އެއްވެސް ޓެކްސް އެއް ޖޫރިމަނާއެއް ނުދައްކާ އޮވެއްޖެނަމަ ދައްކަން ޖެހޭ ފައިސާގެ ތަފްސީލު ހިމެނޭގޮތަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސް އޭޝަން ސޮއިކުރައްވައި ހުށަހަޅާ ލިޔުމަކީ ދައްކަން ޖެހޭ އަދަދު ސާބިތުކުރުމަށް އޮތް ހެއްކެއް ކަމަށެވެ. އަދި އެ ލިޔުމަކީ ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އިއްޔެ އިން ފެށިގެން 14 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މީރާއަށް ދައްކާ ހަލާސް ކުރުމަށް އެއްލައިދޫއަށް އަންގައި ހުކުމް ކުރާ ކަމަށެވެ.