އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓެކްސް ބޮޑު ވެގެންދާއިރު އެކަމުގެ ބާރު އެންމެ ބޮޑަށް ކުރާނީ ނިކަމެތިންގެ ޖީބަށެވެ. މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރާ ބިލް މުޅި މަޖީލިހުގެ ކޮމިޓީއަށް ހުށަހެޅީ މީގެ ގާތްގަޑަކަށް އެއް މަސް ކުރިންނެވެ. އެއާއެކު ފެށުނު ބޮޑު ޚިޔާލު ބަދަލުވުމުގެ ތެރޭގައި، އެކި ފަރާތްތަކުގެ ޚިޔާލުތައް މީސް މިޑިއާގައާއި އެކި ތަންތަނުގައި ބަންޑުންވިއެވެ.

މި ހޫނު ބަހުސް، މަޖިލިސް ކޮމިޓީގައާއި މަޖިލީހުގައިވެސް ފެނުނެވެ. މަޖިލީހުގެ ކޮމިޓީގައި މި ބިލަށް އިސްލާހުތަކެއް ހުށަހެޅުމަށް ބައެއް މެމްބަރުންވެސް އެދުނު އިރު، މަޖިލީހުގެ ތަޅުމުގައި މި ބިލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ނަމަވެސް މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެ ބިލް ތަސްދީގު ކުރައްވާފައެވެ.

މި ބިލާއެކު، އަންނަ ޖެނުއަރީ މަހުން ފެށިގެން ޓޫރިޒަމްގެ ބޭނުންތަކަށް ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި، ގެސްޓު ހައުސްތަކާއި އެ ނޫން ވެސް ތަންތަނުން ނުވަތަ ޓޫރިސްޓު ޚިދުމަތްތަކުން ނަގާ ޓެކްސް 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވާނެއެވެ. އަދި، އާންމު ޚިދުމަތްތަކާއި މުދަލުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ޖެނުއަރީ މަހުން ފެށިގެން ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވާނެއެވެ. މީގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭއެވެ.

މިއީ "ރިގްރެސިވް" ޓެކްސެއް؛ އަސަރު ކުރާނީ ނިކަމެތިންނަށް

ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމަކީ އެންމެ އާދައިގެ މުސާރައެއް ލިބޭ ރައްޔިތުމީހާ އަށް އޭގެ ސަބަބުން ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ އާތިފް ޝަކޫރު ވެސް ވިދާޅުވި ފަދައިން މިއީ ރިގްރެސިވް ޓެކްސްއެކެވެ.

އިގްތިސާދީ ނަޒަރިއްޔާތަކުން ބަލާއިރު، ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމަކީ އޭގެ ސަބަބުން ޕަވާ އޮފް ކޮންޒިއުމިން ނުވަތަ ތަކެތި ގަތުމުގެ ބާރު ދައްވާނެ ސަބަބެކެވެ. އާންމުންގެ ދިރިއުޅުމަށް އޭގެއިން ބޮޑު ލޮޅުމެއް އަންނާނެ ކަމެކެވެ. މި ޓެކްސްއަށް "ރިގްރެސިވް ޓެކްސް" އޭ ކިޔެނީ އެހެންވެއެވެ. މީހުންނަށް އަދި އެމީހުން ދިރިއުޅުމަށް ސީދާ އަސަރު ކުރާނެ ޓެކްސްއަކަށް މި ޓެކްސް ވުމުންނެވެ.

އެންމެ އާދައިގެ މީހާއަށް ޖީއެސްޓީގެ ނެގަޓިވް އިމްޕެކްޓް ކުރާނެ ބަރުކޮށްއާތިފް

ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުން ދާއިރު، ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމުން މި އަދަދުތައް އިތުރަށް ބޮޑުވެގެންދާނެއެވެ. ގިނަ މީހުންނަކީ މިހާރުވެސް ލިބޭ އާމްދަނީއިން ކިރިޔާ ދިރިއުޅޭ މީހުންނަށް ވާއިރު، މިފަދަ މީހުންނަށް ޖީއެސްޓީ ބޮޑު ކުރަން ފާސް ކުރުމަކީ ލިބޭނެ ބޮޑު ގެއްލުމެކެވެ.

ޓެކްސް ބޮޑުވުމާއެކު ތަކެތީގެ އަގުތައް ހައްތަހާ އުފުލިގެންދާނެއެވެ. އެހެންވެ، އިންފްލޭޝަން ދަށްވުމުން ޓެކްސް ބޮޑުކުރަން ބޭރުގެ މާލީ އިދާރާތަކުން ވެސް ވަނީ ލަފާދީފައެވެ.

އެންމެ މުއްސަނދިންގެ ޖީބަކަށް ޖީއެސްޓީ ދެ ޕަސެންޓުގެ އިތުރުވުމެއް އިހުސާސެއް ނުކުރެވޭނެއާތިފް

އާތިފް ގަބޫލުކުރައްވާ ގޮތުގައި ޖީއެސްޓީ ދެ ޕަސެންޓު ބޮޑުކުރުމުން އޭގެ އަސަރު މުއްސަނދިންނަކަށް އިހުސާސެއް ނުކުރެވޭނެއެވެ. އެކަމަކު، ލިބޭ އެއްޗެއް ކިރިޔަކިރިޔާ ފަރުޖައްސާލަން ޖެހިފައިވާ ނިކަމެތި އާއިލާތަކަށް އެކަމުގެ އަސަރު ހިތި ވާނެއެވެ.

ތަކެތީގެ އަގު އުފުލުން ނުވަތަ އިންފްލޭޝަންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ޖީއެސްޓީ ބޮޑު ކުރުމަކީ ރަނގަޅުކަމެއް ތޯ ސުވާލުކުރަން ޖެހެއެވެ. މި އަހަރު އިންފްލޭޝަންގެ ރޭޓް 3.2 އިންސައްތައިގައި ހުރިއިރު މި އަންނަ އަހަރު އިންފްލޭޝަން ރޭޓް 5.4 އިންސައްތަ އަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ޓެކްސް ބޮޑު ކުރީއިރު ޖޫރިމަނާއާއި ގެއްލުނު ފައިސާ ނުހޯދޭ!

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުގެ މައިގަނޑު އެއް ބޭނުމަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ. އެހެން ނަމަވެސް، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުގެ އިތުރުން، އާމްދަނީ އިތުރު ކުރުމަށް ސަރުކާރަށް ކުރެވޭނެ ކަންކަން އެބަ ހުއްޓެވެ. އޭގެ ތެރޭގައި އިންކަމް ޓެކްސް އާއި ވިޔަފާރިތަކުގެ ފައިދާއިން ނަގާ ޓެކްސް ފަދަ ޓެކްސްތަކުން މިހާރު ކަނޑައެޅިފައިވާ ރޭޓް ބޮޑުކުރުން ހިމެނޭ ކަމަށް އާތިފް ވިދާޅުވިއެވެ.

މީގެ އިތުރުން، ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ އާއި ކޮރަޕްޝަނާއި ޚިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ އެތަކެއް ފައިސާ ހޯދުމަކީވެސް މުހިއްމުކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީރާ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2016އިން ފެށިގެން 2020ގެ ނިޔަލަށް އެކަނިވެސް ކޮރަޕްޝަނާއި ޚިޔާނާތްތަކުގެ ފައިސާ ނުލައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ 16.9 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ 78 އިންސައްތައަކީވެސް ހަމަ އެކަނި ރިސޯޓުތަކުގެ ކުއްޔާއި، އެއާ ގުޅޭ ޖޫރިމަނާގެ ފައިސާއެވެ.

މީގެ ތެރެއިން 13.5 ބިލިޔަން ރުފިޔާއަކީ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ އާއި އިންޓްރަސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާއެވެ.

އޭގެ އިތުރުން ވިޔަފާރި ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 1.8 ބިލިއަން ރުފިޔާ ލިބެން ޖެހޭއިރު އެހެނިހެން އާމްދަނީ އާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހެނީ 623.3 މިލިއަން ރުފިޔާއެވެ.

މީގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހެނީ 1.6 ބިލިއަން ރުފިޔާއަށް ވާއިރު، ޓީޖީއެސްޓީގެ ގޮތުގައި ލިބެންޖެހެނީ 624 މިލިއަން ރުފިޔާއެވެ.

މި ހާލަތަށް ބަލާއިރު، ދައުލަތަށް ލިބެންޖެހޭ ފައިސާއިން ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބެން ޖެހެނީ އެހެނިހެން ކަންކަމުން ފެންނަ އަދަދުތަކާ އަޅާބަލާއިރު މަދު އަދަދެކެވެ.

ރާއްޖޭގެ ރިސޯޓެއް

ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާތައް ނުދައްކާ 18 ރިސޯޓް ކުންފުންޏަކަށް މިއަހަރުވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނޯޓިސް ދީފައިވާއިރު، މިކަމުގައި މާ ބޮޑު ކުރިއެރުމެއް އަދިވެސް ލިބިފައެއް ނެތެވެ. މި ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމްގެ ވިސްނުމަކީ އެއްވެސް ރިސޯޓެއް ބަންދުނުކޮށް އެ ފައިސާތައް ހޯދުން ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޚިޔާނާތައި ކޮރަޕްޝަނުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާތަކުގެ އަދަދު އެތައް ބިލިއަނަކަށް އަރައެވެ. މިގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ޖަރީމާ އާއި ކޮވިޑްގެ ދަތި ދުވަސްވަރު ހިންގި 30 މިލިއަން ރުފިޔާގެ ވެންޓިލޭޓަރުގެ ބޮޑު ޚިޔާނާތުން ގެއްލުނު އެތަކެއް ބިލިއަން ރުފިޔާގެ އެންމެ ފައިސާ ފޮއްޗެއްވެސް މިއަދާ ހަމައަށް އައިރު ހޯދިފައެއް ނެތެވެ.

މީގެ ތެރެއިން އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލަތައް މިއަދުވެސް ކުރިއަށްދާއިރު، ވެންޓިލޭޓަރު މައްސަލައިގައި ގެއްލުނު ފައިސާތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވި ނަމަވެސް، ނިމިދިޔަ ދެ މަހު ވެސް މި މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނެތެވެ. މީގެ ދެ މަސް ކުރިންވެސް އޮތް ގޮތަށް، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހިސާބުން އޮތީ ހުއްޓިފައެވެ.

ދައުލަތަށް ޓެކްސްގެ އާމްދަނީ މުހިންމު!

އެހެނިހެން ގޮތްގޮތުން ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްގޮތް ހުރި ނަމަވެސް، ޓެކްސް އާމްދަނީ އަކީ ދައުލަތަށް ވަރަށް ވެސް މުހިންމު އާމްދަނީއެކެވެ. އާތިފް ބުރަވެލައްވާ ފަދައިން އާމްދަނީ އިތުރު ކުރުމަކީ ދައުލަތަށް މިވަގުތު ވަރަށްވެސް މުހިންމު ކަމެކެވެ.

މި އާމްދަނީގެ ބޮޑު ބައެއް ގައުމުގެ އުމްރާނީ ތަރައްގީއަށް ހޭދަވާއިރު، މިއީ ގައުމު ތަރައްގީ ވުމަށް ނުހަނު ބޭނުންވާ އެއްޗެކެވެ. މީގެ އިތުރުންވެސް، ރިކަރެންޓް ޚަރަދުގެ ގޮތުގައި ހޭދަކުރުމަށް މިހާރަށް ވުރެ މާ ބޮޑު އަދަދެއް ދައުލަތަށް ލިބިގެންދާނެއެވެ. އެގޮތުން ދައުލަތުގެ ޚަރަދުގެ އެންމެ ބޮޑު ބައި ރިކަރެންޓް ޚަރަދަށް ދާއިރު، މިއީ އެކަމުން ދައުލަތަށް ލިބޭނެ ކުރިއެރުމެކެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ނިމިދިޔަ އަހަރު އެކަނިވެސް ދައުލަތަށް ލިބުނު އާމްދަނީގެ 73 އިންސައްތަ ރިކަރެންޓް ޚަރަދަށް ހޭދަ ކުރިއިރު، މިއީ 2021 ވަނަ އަހަރަށް މަޖިލީހުން ފާސް ކުރި ބަޖެޓަށް ވުރެ ވެސް 11 އިންސައްތަ ބޮޑު އަދަދެކެވެ. ވަކިން ޚާއްސަކޮށް، ސިޔާސީ މަގާމްތައް އިންތިހާއަށް އިތުރު ވެފައިވާ މިދަނޑިވަޅުގައި، ޓެކްސްގެ އާމްދަނީ އިތުރު ވުމަކީ ދައުލަތުގެ ބަޖެޓް އިތުރަށް ޑެފިސިޓް (ދަރަނިވެރި)ނުވެ ހިފެހެއްޓުމަށް ލިބޭނެ ބޮޑު އެހީއެކެވެ.

ޓެކްސް ބޮޑު ކުރުމާ މެދު އާންމުންގެވެސް ޚިޔާލު ތަފާތެވެ. އެކަމަކު، މިކަމުން ތާށި ކަމެއް އަންނާނެކަން ގަބޫލު ކުރެއެވެ. ޓެކްސް ބޮޑު ކުރުމަކީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މުހިންމު ކަމެއް ކަމަށް އެއް ބަޔަކު ދެކޭއިރު، އަނެއް ބަޔަކު ދެކެނީ ޓެކްސް ބޮޑު ކުރުމަކީ މި ވަގުތު ގެއްލުންހުރި ކަމެއްގެ ގޮތުގައެވެ.