ވެސްޓް ޕާކް ކުރިމަތީގައީ ވަޅިއަކުން ހަމަލާދީ މިދިޔަ ހަފުތާގައި މަރާލި މ. ފެއަރީ ކޯނާ، އަލީ ޝިފާން، 33،ގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޝިފާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ޅ. ކުރެންދޫ، މާފަހި، މުހައްމަދު އަލީ އާސިފާއި މާލޭ ދަފްތަރު، 2193 މުހައްމަދު ސައިފާން އަދި ހދ. ކުމުންދޫ، ފިނިފެންމާގޭ، އަލީ މަލާޝް ދޫކޮށްލީ އެ ތިން މީހުންގެ މުއްދަތު ޖެހުމަށް ރޭ ކޯޓަށް ހާޒިރުކުރުމުން އެމީހުން ބަންދުގައި ބައިތިއްބަން ކޯޓަށް ނުފެންނާތީ އެވެ.

ޝިފާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެ މައްސަލާގައި ހިމެނޭ އަނެއް ދެ މީހުންނަކީ ފުލުހުންނާއި އަމިއްލަ އަށް ހަވާލުވި މ. ދިންމަނަ، އަބްދުﷲތިލްމީޒާއި މ. ސިލްވާނެސްޓް މުހައްމަދު މިޝާން އަބްދުލްހާދީ އެވެ.

ދުވާލުގެ އަލިކަމުގައި މަގުމަތިން ޝިފާނަށް ހަމަލާދީ އޭނާ މަރާލީ އޭނާ ވެސްޓްޕާކުގައި ކޮފީއެއް ބޯންއިނދެފައި، ރައްޓެއްސަކު އަންނާތީ ބޭރަށް ނުކުތް ވަގުތު އެސަރަހައްދުން ޖީއެން ސައިކަލެއްގައި ދިޔަ ދެ މީހެއް ކަމަށްވެ އެވެ. އެ ހަމަލާއަށް ފަހު އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.