އޭއެފްސީ ކަޕުގެ ގްރޫޕް ސީގައި އަންނަ ބުދަ ދުވަހު ސައުދީ އަރަބިއްޔާގެ އަލް އިއްތިފާގާ ދެކޮޅަށް ރަށުން ބޭރުގައި ނިކުންނާނީ އާ ހިތްވަރަކާއެކު، ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައި ކަމަށް ވީބީ އައްޑޫ އެފްސީގެ ކޯޗް ތުރުކީގެ ޖޭން ވަނީ ބުނެފި އެވެ.

މާލޭގައިކުޅެ 6-3 އިން ވީބީ ބަލިކުރި އަލްއިއްތިފާގު ޓީމާއެކު ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗަށް ވީބީ އިއްޔެ ސައުދީއަށް ފުރުމުގެ ކުރިން، އެންނަންބަރު ފާލަންކާރީ ހުރެ ސަންއޮންލައިނަށް ދިން އިންޓަވިއުގައި ވަންލީ ބުނީ، ބުދަ ދުވަހުގެ މެޗަށް ނިކުންނައިރު ޓީމަށް ވަނީ އާހިތްވަރެއް ލިބިފައިވާ ކަމަށާއި އެގޮތުން މާލޭގައި ކުޅެ ބަލިވި މެޗިގައި ސަންޕެންޝަންގެ ސަބަބުން ނުކުޅެވުނު، ކީޕަރު އަބުދުﷲ ޒިއަޒަން އާއި ޗާލްސް އަށް އެ މެޗުގައި ކުޅެވޭނެތީވެ ކަމަށެވެ. އަދި އެދުވަހުގެ މެޗުގައި ޓީމް ނިކުންނާނީ އެޓޭކިން ގޭމެއް ކުޅެ މެޗުން މޮޅުވުމުގެ އަޒުމުގައި ކަމަށް ވެސް ވަންލީ ބުންޏެވެ.

"އިއްތިފާގާ ދެކޮޅަށް ވީބީ ކުޅޭ ދެވަނަ މެޗަށް ޓީމް ނިކުންނާނީ އާ ހިތްވަރަކާއެކު. މެޗުގެ ނަތީޖާ ރަނގަޅު ކުރަން ވަރަށް މަސައްކަތް ކުރާނަން. އަނިޔާގެ މައްސަލަތަކެއް ވެސް އެބަހުރި. އެކަމަކު އެހާ ސީރިއަސް އަނިޔާގެ މައްސަލަތަކެއް ކުޅުންތެރިންނަށް ކުރިމަތި ވެފައެއް ނުވެ" ވަންލީ ބުންޏެވެ.

ވަންލީ ބުނީ، ސައުދީ އަރަބިއްޔާގެ އަލް އިއްތިފާގާ ދެކޮޅަށް ވީބީން ނިކުންނައިރު، އެގައުމުގެ މާހައުލަށް ޓީމް ހޭނުމުގެ ގޮތުން މާދަމާ ވެސް ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށާއި އެގޮތުން ސައުދީގެ މާހައުލަކީ ވީބީގެ ކުޅުންތެރިންނަށް ވަރަށް ހިތްގައިމު މާހައުލަކަށް ވާނެ ކަމަށް ވެސް ވަންލީ ބުންޏެވެ.

އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ސައުދީއަށް ފުރި ވީބީ ޓީމުގައި 18 ކުޅުންތެރިންނާއެކު، އަށް އޮފިޝަލުން ނެވެ.

އޭއެފްސީ ކަޕުގެ ގުރޫޕް ސީގައި މިހާތަނަށް ކުޅުނު ތިން މެޗުން އެންމެ ޕޮއިންޓެއް ލިބިފައިވުމުން ދެ ވަނަ ބުރަށް ދިއުމަށް ވީބީއަށް ބާކީ އޮތް ތިން މެޗުން މޮޅުވާންޖެހޭނެ އެވެ. އެވަރުން ވެސް ގިނަވެގެން ލިބޭނީ 10 ޕޮއިންޓެވެ. އެކަމަކު ގްރޫޕް ސީގެ އެއްވަނާގައި އޮތް އިއްތިފާގަށް މިހާރު ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ދެ ވަނާގައިވާ ކުވޭތުގެ އަލްކުވޭތު އެފްސީ އާއި ލުބުނާނުގެ އަލްއަހްދު އެފްސީ އަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.