09 Apr 2012, 12:41
ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކުންފުނި، މޯލްޑިވްސް ޓްރާންސް ޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހ. ފެއަރީ ޕެލަސް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އައްޔަން ކުރައްވައިފި އެވެ.
ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ހުންނެވި ޑރ. އަދުހަމް އެމްޓީސީސީގެ މި މަގާމާ ހަވާލުވެ ވަޑައިގެން ވަޒީފާ އަށް ނުކުންނެވީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ޑރ. އަދުހަމަކީ ޓްރާންސްޕޯޓް ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަދި އޮސްޓްރޭލިޔާގައި މެރިޓައިމް ލޯއިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ކުރިން އަދުހަމް ވަނީ ޕޯޓް މެނޭޖްމެންޓްގެ ދާއިރާއިންނާއި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ.
އެމްޓީސީސީއާ އަދުހަމް ހަވާލުވެ ވަޑައިގެންނެވި އިރު މިދިޔަ އަހަރުގެ ފަހު ތިން މަހު ކުންފުންޏަށް ލިބުނު ސާފު ފައިދާ 9.7 މިލިއަން ރުފިޔާ އަށް ވަނީ ވެއްޓިފަ އެވެ. އެމްޓީސީސީގެ ސާފު ފައިދާ 9.7 މިލިއަން ރުފިޔާ އަށް ދަށްވި އިރު އޭގެ ކުރީ ތިން މަހު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 19.8 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީގެ އެމްޑީ ކަމަށް އަދުހަމް ވަޑައިގަތުމުގެ ކުރިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ތިން ބޭފުޅަކު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ ކުރިން މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހުސެއިން އަމްރުގެ އިތުރުން ޗެއާމަން ހުސެއިން ހިލްމީ އާއި ބޯޑު މެމްބަރު އައްބާސް މުހައްމަދެވެ. ސަރުކާރުން ބުނެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ.