ޓަކި ޖަހައިލިތާ އިރުކޮޅެއް ފަހުން ދޮރު ހުޅުވައިލުމާއެކު މިޝްޔާވެސް ފޯނަށް ބަލަން ހުރެފައި އިސް އުފުލައިލިއެވެ. ފެނުނު މީހެއްގެ ސަބަބުން އޭނާގެ ހުރިހާ ހިއްސުތަކެއްގެ މަސައްކަތްތައްވެސް މަޑުޖެހިގެން ދިޔައެވެ. ސިކުނޑީގެ މަސައްކަތްހުއްޓި މީހާ ގަނޑުވިއެވެ.

މިޝްޔާއަށް އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ފައިގެ ވަރު ދޫވުމާއެކު އޭނާއަށް ކޮޅަށް ހުންނަން ދަތިވިއެވެ. ނައިރާއަށް އެ ގެއަށް އެ އާދެވުނީ އަނެއްކާ އޮޅިގެން ހެއްޔެވެ؟ އޭނާގެ ބޮޑުބޭބެ އެގޭގައި ހުންނަންވީ ކީއްވެހެއްޔެވެ؟ މިޝްޔާއަށް ނޭވާ ލާންވެސް ހަނދާންނެތިފައި ހުރެވުނުއިރު އޭނާގެ ބޮލަށް ބަރުވާން ފެށިއެވެ.

"މަންމަ ކޮބާ؟" ނައިރާގެ އެ ސުވާލާއެކު މިޝްޔާއަށް ނައިރާއަށްވެސް ބަލައިލެވުނެވެ. ހާޝިމްގެ ނަޒަރު ވެސް މިޝްޔާއަށް ހުއްޓުނެވެ. ނައިރާއާއެކު މިޝްޔާ ހުރުމުން އޭނާއަށް ހައިރާންކަމެއް ވެރިވެފައިވެއެވެ. ނައިރާ ވާހަކަ ދެއްކުމުންވެސް ހާޝިމްއަށް އެ އަޑަށް ސަމާލުކަމެއް ދެވޭގޮތެއް ނުވިއެވެ. ނައިރާ އެ ސުވާލު ތަކުރާރުކޮށްލުމާއެކު ހާޝިމް ޒުބައިދާ ގޭގައި އުޅޭ ކަމަށް ބުނެލިއެވެ. އެއަށްފަހު އޭނާއަށް އަނެއްކާވެސް ބަލައިލެވުނީ މިޝްޔާއާ ދިމާލަށެވެ. މިޝްޔާއަށް ހުރެވުނީ ހަރަކާތެއްވެސް ގެންނަން ނޭނގިފައެވެ. ދެފައި ހީވަނީ އެތަނުގައި ތަތްލާފައި ހުރިހެންނެވެ. ހޮސްޕިޓަލްތެރޭގައި ދިމާވި ހާދިސާގެ އިތުރުން މީގެ ކުރީގެ ހާދިސާތައް އޭނާގެ ހަނދާނަށް އަންނަން ފެށުމުން ދެލޯ ފެންކަޅި ވާގޮތްވިއެވެ.

ހާޝިމް މާ ވަރަކަށް މިޝްޔާއަށް ބަލަން ފެށުމުން ނައިރާވެސް މިޝްޔާއަށް ބަލައިލިއެވެ. މިޝްޔާ ހުރި ގޮތް ފެނުމާއެކު އޭނާއަށް އަނެއްކާވެސް ބަލައިލެވުނީ ހާޝިމްއަށެވެ.

"މިޝޫ... ކިހިނެއްވީ؟" މިޝްޔާގެ ކޮނޑުގައި ހިފައްޓައިލަމުން ނައރާ ސުވާލުކޮށްލުމުން މިޝްޔާ ނައިރާއަށް ބަލައިލިއެވެ. މިޝްޔާއަށް ވެފައިހުރި ގޮތުން ނައިރާ ކަންބޮޑުވިއެވެ. އޭނާގެ ނަޒަރު މިޝްޔާގެ ތުރުތުރު އަޅަމުންދިޔަ ދެ އަތަށް ހުއްޓުމާއެކު ހާސްކަމާއެކު އޭނާއަށް މިޝްޔާގެ އެ އަތުގައި ހިފައްޓައިލެވުނެވެ.

"މިޝޫ..." ނައިރާ އަނެއްކާވެސް ގޮވައިލިއެވެ. ނައިރާ ބަލަން ހުއްޓާ މިޝްޔާގެ ލޮލުން ކަރުނަތައް ތިރިއަށް އޮހިގެން ދިޔައެވެ.

"ހާޝިމް. ހާދަ ގިނައިރުވަނީ؟ ކާކުތަ އައީ؟" ހަވީރު ސައި ހެދުމަށްފަހު ޒުބައިދާ ނުކުމެލީ ހާޝިމް ނައިސް ގިނައިރު ވާން ފެށުމުންނެވެ. ހާޝިމްގެ އެއް ފަރާތުން އޭނާ ދޮރުން ބޯ ދިއްކޮށްލުމާއެކު، ނައިރާ ފެނުމުން އޭނާ ކުޑަކޮށް ހައިރާންވިއެވެ.

"ނައިރާ ކީއްކުރަނީ؟" ޒުބައިދާ އެހެން ބުނެލިއެވެ.

"ކައިވެނި ކުރި ވާހަކަ ބުނެލަން ވެގެން އައީ... މިޝޫ..." އަވަސް އަވަހަށް ޒުބައިދާއަށް ޖަވާބު ދިނުމަށްފަހު ނައިރާ އަނެއްކާވެސް އޭނާގެ ސަމާލުކަން މިޝްޔާއަށް ހުއްޓައިލިއެވެ. އެއްފަހަރު ހާޝިމްއަށް ބަލައިލުމަށްފަހު އަނެއްފަހަރު ނައިރާއަށް ބަލައިލާފައި، މިޝްޔާ އަވަސް އަވަހަށް ސިޑިން ފައިބަން އަވަސްވެގަތެވެ. އޭނާ ދިޔަގޮތުން ބޮޑުކަމެއް ވެއްޖެކަމުގައި ނައިރާއަށް ޔަޤީން ކުރެވުނެވެ. މިޝްޔާ އެކަނިކޮށްލާކަށް އޭނާގެ ހިތެއް ނޭނދުނެވެ. ފަހުން އަންނާނެކަމަށް ބުނެ ނައިރާވެސް މިޝްޔާއަށް ގޮވަމުން މިޝްޔާގެ ފަހަތުން ހިނގައިގަތެވެ.

"އެމީހުންނަށް އެވީ ކިހިނެއް؟" ޒުބައިދާ ސުވާލުކޮށްލުމުން ހާޝިމް ނޭނގޭ ކަމަށް ބުނެ ދޮރު ލައްޕައިލިއެވެ. އޭނާ ގޮސް މޭޒު ދޮށުގައި އިށީންއިރުވެސް، ވިސްނެނީ ނައިރާއާއި އެކު ހުރި މިޝްޔާއާ މެދުގައެވެ. ނައިރާއާއެކު މިޝްޔާ ހުންނަންވީ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އޭނާ އެގޭގައި އުޅުނުއިރުވެސް ދުވަހަކުވެސް ނައިރާ އެގެއިން ފެނިފައި ނުވެއެވެ. އަނެއްކާ ނައިރާއާ މިޝްޔާއާ އެކުވެރިވީ އޭގެ ފަހުން ހެއްޔެވެ؟ ހާޝިމް ޚިޔާލުތަކަކަށް ގެއްލިފައި އިންނަން ފެށުމުން ޒުބައިދާ އެކަމާ ބެހޭގޮތުން ސުވާލުކުރިއެވެ.

"މާބޮޑުކަމެއް ނުވޭ... މިއުޅެނީ ކުޑަކޮށް ބޮލުގައި ރިއްސާތީ..." ހާޝިމް ބުނެލިއެވެ.

"ގައިމު ކުރިއަކުން ނުބުނޭ" ޒުބައިދާ ބުނެލިއެވެ.

"އާނ... ދެންމެ... މީ އަނެއް ބޭސް ގުޅައެއް ވެސް ގެނެސްދީބަލަ!" ހާޝިމް އެހެން ބުނެލުމުން ޒުބައދާ ކޮޓަރިއަށް ވަނުމާއެކު ހާޝިމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

އެ ދިޔަ ގޮތަށް ގޮސް މިޝްޔާ އެއީ ކާރަށެވެ. ނައިރާވެސް ކާރަށް އަރާ އިށީނެވެ.

"ކާކުތަ އެއީ؟" ކޮންމެވެސް ވަރަކަށް އަވަސްވެފައިވާ ނޭވާތައް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން މިޝްޔާ ނައިރާއަށް ބަލައިލުމަށްފަހު ސުވާލުކޮށްލިއެވެ.

"އެއީ... މަންމަ އިނދެގެން އުޅޭ މީހާ..." ނައިރާ އެހެން ބުނެލުމަށްފަހު، އަނެއްކާވެސް، ވީ ގޮތާ ބެހޭގޮތުން މިޝްޔާއާ ސުވާލުކޮށްލިއެވެ.

"އެއީ... އެއީ ކާކުކަން އެނގޭތަ؟" މިޝްޔާއަށް އޭނާގެ ދެލޯ ފުހެލެވުނެވެ. ނައިރާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ.

"ނޫން. މިޝޫއަށް އެނގޭ މީހެއްތަ އެއީ؟" ނައިރާ މިޝްޔާގެ އަތުގައި ހިފައްޓައިލިއެވެ. މިޝްޔާ ބޯ ޖަހައިލިއެވެ.

"އަހަންނަށްވުރެ ބޮޑަށް އޭނަ އެނގޭނެ އެހެން މީހަކު މި ދުނިޔޭގައިވެސް ނުހުންނާނެ!" މިޝްޔާ އެހެން ބުނެލުމުން ނައިރާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ.

"ދޮންބެ ދައްތަ ބޭނުންތަ އެއީ ކާކުކަން އެނގެން؟" މިޝްޔާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ނައިރާ އަވަސް އަވަހަށް ބޯ ޖަހައިލިއެވެ.

"އެއީ އަހަރެންގެ ބޮޑުބޭބެއަކީ..." މާކިން އަދި މިޝްޔާގެ ފަރާތުންވެސް މިޝްޔާއަށް ލިބުނު ގޯނާތައް ނައިރާއަށް އެނގިފައިވުމާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މިއީ ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ؟ ހާޝިމް ދެކެ މާކިން ރުޅި އަންނަ ވަރު ނައިރާއަށް އެނގެއެވެ. މާކިން ދުވަހަކުވެސް ހާޝިމްއަށް މާފެއް ނުކުރާނެއެވެ. އެއީ އޭނާގެ މަންމަ އިނދެގެން އުޅޭ މީހާކަށް އެނގުމުން މާކިން އޭނާ ދެކެ ރުޅި އަންނާނެއެވެ. ނައިރާގެ ހިތުގައި ރިއްސައިލިއެވެ. އޭނާއަށް ލިބުނު އުފާވެރިކަމުގައި އެހާ އަވަހަށް ސިއްކަޖެހެނީ ހެއްޔެވެ؟ ނައިރާގެ ހަނދާނަށް އައީ ހާޝިމް އޭނާއަށް ބަލައިލާ ނަޒަރެވެ. އެ ނަޒަރުން އެކަނިވެސް ހާޝިމްގެ ހިތުގައި ވާ އެއްޗެއް އޭނާއަށް އަންދާޒާ ކޮށްލެވެއެވެ. އެއީ މިޝްޔާގެ ބޮޑުބޭބެކަން އެނގުމުން ހާޝިމް އެފަދަ ކަމެއްކޮށްފާނެކަމުގައި ނައިރާއަށް ޔަޤީން ކުރެވުނެވެ.

"އައި އެމް ސޮރީ މިޝޫ.. އަހަންނަކަށް ނޭނގެ އެއީ..." ނައިރާއަށް ބުނެވުނެވެ. އޭނާ ކަންބޮޑުވިއެވެ. މިޝްޔާ އޭނާއާ މެދު ދެކޭނެ ގޮތެއްވެސް ނައިރާއަކަށް ނޭނގުނެވެ. މިޝްޔާ އިތުރަށް އެއްޗެއް ނުބުނުމުން ނައިރާއަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާާއަށް އިސްޖަހައިލެވުނެވެ. މިޝްޔާގެ އެހިމޭންކަމުން ނައިރާ ދެރަވިނަމަވެސް އޭނާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. މިޝްޔާ އޭނާ ދެކެވެސް ހިތްހަމަނުޖެހުނީބާއޭ ނައިރާގެ ހިތަށް އެރިއެވެ. ޑްްރައިވަރު ކައިރީގައި ކާރު ދުއްވައިލަން ބުނަމުން ނައިރާ ކާރު ލޯގަނޑުން ބޭރު ބަލައިލިއިރު، އޭނާގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. އެވާހަކަ ތައް މާކިންއަށް އެނގުމުން ވާނެ ގޮތެއް އަންދާޒާކޮށްލާކަށްވެސް ނައިރާއަކަށް ނޭނގުނެވެ.

ގެއާ ހިސާބަށް އާދެވެން ދެންވެސް އެ ދެމީހުން ދެމެދު އިތުރު ވާހަކަތައް ނުދެކެވެއެވެ. ކާރު އައިސް ގޭޓުން ވައްދައިލުމަށްފަހު ދޮރު މައްޗަށް ހުއްޓުމާއެކ ނައިރާ އަދިވެސް އެއްފަހަރު މިޝްޔާއަށް ބަލައިލިއެވެ. މިޝްޔާ ދޮރުފަތް ހުޅުވާލާފައި ގޮސް ގެއަށް ވަނުމުން އޭނާފެ ފަހަތުން ނައިރާވެސް އެތެރެއަށް ވަނެވެ. މިޝްޔާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ދޮރުލައްޕައިލުމުން އެ ހިސާބުގައި ނައިރާ މަޑުވެސްކޮށްލިއެވެ. އެހެންނަމަވެސް މިޝްޔާއާ އިތުރަށް ވާހަކަ ދައްކާނެހާ ހިތްވަރެއް އޭނާއަށް ނުލިބުމާއެކު، ގޮސް ކޮޓަރިއަށް ވަނެވެ.

***

މިޝްޔާ ކޮޓަރިއަށް ވަނުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާ ކަރުނަތައް ފުހެލިއެވެ. އެކަމުގައި ނައިރާގެ ކުށެއްނެތްކަމުގައި އޭނާއަށް އެނގުނު ނަމަވެސް، އެވަގުތު، އެ ޙާލަތުގައި ކަންތައްކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ނައިރާ އާ ވާހަކަ ނުދެއްކީ އެހެންވެގެންނެވެ. ނައިރާގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުމާއެކު ދެރަވެފައި ހުރިކަމުގެ އަސަރުތައް އޭނާއަށް ކިތަންމެ ރީތިކޮށްވެސް ފެނުނެވެ. އެހެންނަމަވެސް، އެވަގުތު ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ދުނިޔޭގައި ދިރިއުޅޭ އެންމެންގެ ތެރެއިން ހާޝިމް ނައިރާގެ ދޮންބައްޕައަށް ވާންވީ ކީއްވެހެއްޔެވެ؟

މާކިން އޮފީސް ނިންލާފައި ގެއަށް އައިއިރު، ހަތެއް ޖަހާ ބޮޑުވެއްޖެއެވެ. ގޭތެރެއިން އެކަކުވެސް ފެންނާކަށް ނެތެވެ. އެހެން ހުއްޓާ އެ ދިމާލަށް ރިފްއަތު އައެވެ. އޭނާ ގަޑއަށް ބަލަމުން އައިސް އިސް އުފުލާލި ވަގުތު މާކިން ފެނުމުން މީޓިންއާ ބެހޭގޮތުން ސުވާލުކޮށްލިއެވެ. މާކިން ހުރިހާ ކަމެއް ވެސް ރަނގަޅުކަމަށް ބުނެލުމުން ރިފްއަތު މާކިންގެ ކޮނޑުގައި ޖަހާލާފައި އޭނާ ބޭރަށް ދަނީއޭ ބުނެލއިެވެ.

މާކިން ސިޑިން މައްޗަށް އެރުމަށްފަހު، އޭނާ ކޮޓަރިއަށް ދިޔުމުގެ ކުރިން މިޝްޔާގެ ހަބަރެއް ބަލައިލަން ބޭނުންވިއެވެ. މިޝްޔާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު އޭނާ ދޮރުފަތް ހުޅުވައިލިއެވެ.

ބެލްކަނީގެ ދޮރުފަތް ހުރީ ހުޅުވާފައެވެ. މިޝްޔާ ވީ ބެލްކަނީގައިކަން އޭނާއަށް އެނގުނެވެ. އޭނާ ގޮސް ނުކުތްއިރު މިޝްޔާ ހުރީ ރެއިލިންގައި އަތް އަޅުވާލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ.

"މިޝޫ... ދިޔައިންތަ ނައިރާއާ އެކީ މިއަދު؟" މާކިން މިޝްޔާގެ ކައިރީގައި ހުއްޓި ގޮވައިލުމާއެކު މިޝްޔާއަށް ސިހިފައި މާކިންއާ ދިމާލަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާއަށް އަވަސް އަވަހަށް ލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލެވުނެވެ.

"ކީއްވެ ތި ރޮނީ؟" މާކިން ކަންބޮޑުވިއެވެ. އެވާހަކަތައް މާކިންއާ ހިއްސާކުރާނީ ބާއޭ ނޫނީ ނޫންވީބާއޭ މިޝްޔާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ ކަމެއް ނުވެޔޭ ބުނެލި ނަމަވެސް، މާކިން އެ ވާހަކައެއް ގަބޫލެއް ނުކުރިއެވެ. އެންމެ ފަހުން މާކިންގެ ކުރިމަތީގައި ހައިޔާރު ބެހެއްޓުމަށްފަހު، މިޝްޔާ މިއަދުގެ ހާދިސާ މާކިންއަށް ކިޔައިދިނެވެ. މާކިންއަށްވެސް ލިބުނީ ސިހުމެކެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އެއީ ދޮންބެ ދައްތަގެ މައްސަލައެއް ނޫނޭ... ވަރަށް ދެރަވެފައި ހުރީ. އަހަރެންވެސް ފަހުން ވާހަކައެއް ނުދައްކަން." މާކިން މިޝްޔާގެ ގައިގައި ކުޑަކޮށް ބައްދައިލއެވެ. މިޝްޔާ ވާހަކަ ދެއްކުމުން މާކިން ބޯ ޖަހައިލިއެވެ. އޭނާ އިރުކޮަޅަކު މިޝްޔާ ކައިރީގައި ހުރުމަށްފަހު، މިޝްޔާ ހަމައަކަށް އެޅުމުން އެ ކޮޓަރިން ނުކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަތްއިރު ނައިރާ އިނީ އެނދުމަތީގައި އިށީނދެގެންނެވެ.

ކޮޓަރީގެ ދޮރުފަތް ހުޅުވައިލި އަޑަށް ނައިރާ ބަލައިލިއެވެ. މާކިން ފެނުމުން ހިނިތުންވެލަން ވެސް އޭނާއަކަށް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް ނަިއރާ އިނީ ހާސްވެފައެވެ. އެވާހަަކަތައް އޭނާ މާކިންއަށް ކިޔައި ނުދިނަސް މިޝްޔާގެ ފަރާތުން އެނގޭނެކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް މާކިންއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ހިތަށް އަރާފައިވެސް ނައިރާ ފަސްޖެހުނެވެ. މާކިން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓުމާއެކު ނައިރާއަށް އިސް އުފުލައިލާ މާކިންގެ ދެލޮލަށް ބަަލައިލެވުނެވެ. އެ މޫނުމަތިން ނައިރާއަށް ފެންނަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެކެވެ.

(ނުނިމޭ)