ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވުމާ ގުޅިގެން ރާއްޖޭގެ ގިނަ ރަށްތަކެއް ބޯފެނަށް ޖެހިފައިވާ މައްސަލަ ހައްލުކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓާއި ސިފައިން ގުޅިގެން ފަށާފައިވާ ހާއްސަ މަޝްރޫއުގެ ދަށުން ރ. އަތޮޅުގެ ގިނަ ރަށްތަކަކަށާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ޑިޒާސްޓަރު ސެންޓަރުން އަންގަމުން ގެންދާ ތަރުތީބެއްގެ ދަށުން ފެނުގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށާއި ފެލިވަރު މަސްބޯޓަކަށް ރޭ ދަންވަރު ފެން ބަރުކޮށްގެން ފުރައިގެން ގޮސް މިއަދު ހެނދުނު ރ. އަލިފުއްޓަށް 38 ޓަނުގެ ބޯފެން ފޯރުކޮށްދީފައިވާ ކަމަށެވެ.

ޑިޒާސްޓާ ސެންޓަރުން އިމަޖެންސީގައި ފެން ފޯރުކޮށްދިނުމަށް އެދިފައިވާ ރ. އަތޮޅުގެ އިތުރު ރަށްރަށުގެ ތެރޭގައި އެ އަތޮޅު އުނގޫފާރާއި މާކުރަތާއި ރަސްމާދޫ އާއި އިންނަމާދޫ އާއި އިނގުރައިދޫ އަދި ކިނޮޅޮސް ހިމެނޭ ކަމަށާއި އެމްއެންޑީއެފުން ބުންޏެވެ.

ބޯފަނަށް ޖެހިގެން ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުގައި މިހާތަނަށް 55 ރަށަކުން އެދިފައިވާ އިރު ސިފައިން ވަނީ މިހާތަނަށް ބ. އަތޮޅުގެ ތިން ރަށަކަށާއި ރ. އަތޮޅުގެ ދެ ރަށަކަށް ގާތްގަނޑަކަށް 164 ޓަނުގެ ބޯފެން ފޯރުކޮށްދީފަ އެވެ. އަދި ދެކުނުގެ އަތޮޅުތަކުން ގއ. ވިލިނގިއްޔާއި އައްޑު އަތޮޅުގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދު އަށް ބޯފެން ވަނީ ފޯރުކޮށްދީފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އައްޑޫ ސިޓީއަށް ފެން ފޯރުކޮށްދިނުމަށް މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިފައިން ހަރަކާތްތެރިވަމުން އަންނައިރު ޑިޒާސްޓާ އިން އެދެމުންދާ ތަރުތީބުތަކުން އައްޑު ސިޓީގެ އާއްމު ތާނގީތަކަށް ކޮންމެ ދުވަހަކު 10 ޓަނު ފެން ސިފައިން ފޯރުކޮށްދެ އެވެ. އެގޮތުން ސިފައިން އިއްޔެ ވަނީ ފޭދޫގެ އާއްމު ތާނގީތަކަށް ފެންފޯރުކޮށްދީފަ އެވެ. އަދި މިއަދު ހިތަދު އަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ގެންދަނީ ކުރަމުންނެވެ.