މިދިޔަ ބުދަ ދުވަހު އައިޖީއެމްއެޗް ކައިރީ ބަރަހަނާކޮށް އުޅުނު މީހާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ ބިދޭސީ އަންހެނެއްކަމަށާއި އޭނާ ގައުމަށް ފުރުވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ނިވާކަން ކުޑަކޮށް ކަނބާއައިސާރާނި މަގުގައި އަންހެނަކު އަޑުގަދަކުރަމުން އުޅުނު މައްސަލައެއް ބުދަ ދުވަހު ހެނދުނު ފުލުހުންނަށް ހުށަހަޅައިފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ބުނީ މިހާރު އޭނާ ރާއްޖެ ގެނައި ސްޕޮންސާއާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އައިޖީއެމްއެޗުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަކަމަށް ވެސް ބުންޏެވެ.

އޭނާ އަނބުރައި ގައުމަށް ފޮނުވާލުމުގެ މަސައްކަތް އޭނާގެ އާއިލާއާއި އޭނާގެ ސްޕޮންސާ ގުޅިގެން މިހާރު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެ މީހާގެ ވީޑިއޯއާއި ފޮޓޯ އާންމު ނުކުރަން ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.