ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގައި ސަރުކާރަށް ޕްރެޝަރު ކުޑަވާ ގޮތަށް ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ސުޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވާ ހާއްސަ މުޝީރު ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ހަސަން އެހެން ވިދާޅުވީ ސަން މީޑިއާ ގުރޫޕަށް މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ.

ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ޑރ. ހަސަން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ އަޅާ ބަލާއިރު ރައީސް ވަހީދުގެ ސަރުކާރުގެ ސިޔާސީ މަގާމުތައް އެތައް ތަނަކުން މަދުވެފައި ގާބިލު ބޭފުޅުން ގިނަ ވާނެ ކަމަށެވެ. ނަމަވެސް ސިޔާސީ މަގާމުތައް އިތުރުވެގެން ދިއުމުގައި ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ވެރިންނާއި ޕާޓީތަކުގެ ޒިންމާ ތަންކޮޅެއް ބޮޑުވާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ޕާޓީތަކުގެ ޒިންމާ ތަންކޮޅެއް ބޮޑުވާން ޖެހޭ. އެބޭފުޅުން އެބަޖެހޭ އެބޭފުޅުންގެ ފަރާތުން ނޫނީ ޕާޓީގެ ފަރާތުން ސަރުކާރަށް ނޫނީ ރައީސުލްޖުމްހޫރިއްޔާ އަށް ވީހާ ވެސް ޕްރެޝަރު ކުޑަވާ ގޮތަކަށް މަސައްކަތް ކުރައްވަން. އޭރުން ސިޔާސީ މަގާމުތައް މަދު ކުރުމަށް ހިތްވަރަކަށް ވެގެންދާނެ،" ރައީސް މުހައްމަދު ނަޝީދަށް ވެސް ލަފާއެރުއްވެވި މުޝީރު އަދި ފަހުން ނަޝީދުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ފާޑުވިދާޅަމުން ގެންދެވި ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ސިޔާސީ މަގާމުތައް އިތުރުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި މަގާމުތަކަށް އެންމެ އެކަށީގެން ނުވާ ބޭފުޅުން އައްޔަން ވެގެން ދިއުމަކީ އެއަށް ވުރެ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"މިހެން ދަންނަވާ އިރު ވެސް ގަބޫލު ކުރަން ޖެހޭ ކުރީގައި ވެރިކަން ކުރަމުން އައީ އެންމެ ޕާޓީއެއް. މީހާރު ވެރިކަމުގައި މިއޮތީ ހަތް ޕާޓީއަކާއި މަދަނީ އިއްތިހާދެއް، އެހެންވީމާ ގިނަ ބަޔަކު ހިމެނޭ ސާރުކާރެއްގައި މަގާމުތައް އިތުރުވެގެން ދިއުމަކީ ފިތުރީ ކަމެއް. އެހެން ނަމަވެސް ކުރިޔާ އަޅާ ބަލާއިރު އަދިވެސް ސިޔާސީ މަގާމުތަކުގެ އަދަދު މާ ބޮޑަށް ވެސް މަދު،"

މިސާލު ދައްކަވަމުން ހަސަން ވިދާޅުވީ ކުރީގެ ސަރުކާރުން އުފައްދާފައިވާ ހެލްތު ކޯޕަރޭޝަންތަކާއި ޔުޓިލިޓީސް ކުންފުނިތަކުން 70 އަށް ވުރެ ގިނަ ބޯޑު މެންވަރުން މަދުކޮށް ކުރިޔަށް އޮތްތަނުގައި ސަރުކާރުގެ 40 އަށް ވުރެ ގިނަ ކުންފުނި އުވާލައި އެކުންފުނިތަކުގެ ބޯޑުން ގިނަ އަދަދެއްގެ މެންބަރުން މަދު ކުރައްވާނެ ކަމަށެވެ.

"މިއަށް ވުރެ ވެސް މަދު ކުރެވޭނެ ގޮތްތަކެއް އެބަހުރި. ރައީސް [ ވަހީދު] ގެންގުޅުއްވާ ވިސްނުންފުޅަކީ ވެސް އެއީ،"

ހަސަން ވިދާޅުވީ ސަރުކާރުގައި ބައިވެރިވާ ޕާޓީތަކަށް ސިޔާސީ މަގާމުތަކަށް ބޭފުޅުން ކަނޑައެޅުމަށް ފުރުސަތު ދީފައި ވަނީ ކޯޓާއެއްގެ ދަށުން ކަމަށާއި އެކޯޓާ އަށް ބޭފުޅުން ހުށަހެޅުއްވުމުގައި ރައީސް އެދިވަޑައިގަންނަވަނީ ގާބިލު ބޭފުޅުން ހުށަހަޅަން ކަމަށެވެ. ނަމަވެސް އެންމެ ގާބިލު ނޫން މަދު ބޭފުޅުން ކޮޅެއް ވެސް އެބަތިއްބެވި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"ރައީސްގެ ވިސްނުންފުޅަކީ ކަމަށް ގާބިލު ބޭފުޅުން ގެނައުން. ވަޒީރުންގެ މަޖިލީހަކީ ވެސް ޕްރޮފެޝަންލަށް، ގިނަ ބަޔަކު ބަޔަކު ބަލައިގެންފައިވާ ކެބިނެޓެއް، ސެޓްޓޭ މިނިސްޓަރުންނާއި ގިނަ ބޭފުޅުންނަކީ ތައުލީމީ ގާބިލު ބޭފުޅުން. މަދު ބޭފުޅުންކޮޅެއް އެހެން ގޮތްގޮތަށް ވަޑައިގެން ތިއްބެވީ،"

ހަސަން ވިދާޅުވީ ހަތް ޕާޓީ އާއި މަދަނީ އިއްތީހާދެއް ބައިވެރިވާ ސަރުކާރެއް ގާއިމުވެގެން ދާއިރު އަދި ވަރަށް ފުންނާބު އުސް ތައުލީމީ ބޭފުޅުން ހިމެނިގެންދާއިރު އެއަށް ވުރެ މަދުން އާދައިގެ ބޭފުޅުން ވެސް ތިއްބަވާނެ ކަމަށާއި އޭގެ ތެރޭގައި ޖަޒުބާތީ ބޭފުޅުން ވެސް ތިއްބަވާނެ ކަމަށެވެ.

"ޖަޒުބާތީ ބޭފުޅުން ވެސް ތިއްބަވާނެ ހުރިހާ ވައްތަރެއްގެ ބޭފުޅުން ހިމެނޭނެ އަދި ބައެއް ފަހަރު އެކަންކަން [މަގާމު ދެއްވާ ސިޓީތައް] ސޯޝަލް މީޑިއާތަކުން ކުރިން އައުމަކީ ވެސް އެކަށީގެންވާ ކަމެއް. ބޮޑު އިއްތިހާދެއް ގެންގުޅުމުގެ އެންމެ ބޮޑު ޗެލެންޖަކީ އެއީ،" ފަހަކަށް އައިސް މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުން އިއުލާން ނުކުރަނީސް އެކަމުގެ ސިޓީތައް ފޭސްބުކްގައި އާންމުވަމުން ދިއުމާ ބެހޭ ގޮތުން ހަސަން ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ސަރުކާރު ސްޕޯކްސްޕާސަން ސަން މިޑިޔާ ގްރޫޕްގެ ސަން އެފްއެމަށް ދެއްވި އިންޓަވިއުއެއްގައި މީގެ ދެ ހަފުތާ ކުރިން ވިދާޅުވީ އިތުރު ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނާއިބުން ދެން އައްޔަން ނުކުރައްވާނެ ކަމަށެވެ. އޭރު ވެސް 15 ސްޓޭޓް މިނިސްޓަރުންނާއި 15 މިނިސްޓަރުންގެ ނާއިބުންނާ އެކު ޖުމްލަ 30 ބޭފުޅަކު ވަނީ އައްޔަންކުރައްވައިފަ އެވެ. އޭގެ ފަހުން ވެސް ބޭފުޅުން ވަނީ އައްޔަން ކުރައްވައިފަ އެވެ. ސިޔާސީ މަގާމުތައް އައްޔަން ކުރަމުންދާ ދިއުމާ ގުޅިގެން މިހާރުގެ އިދިކޮޅު ފަރާތްތަކާ ވަރަށް ގިނަ އާންމުންގެ ފާޑުކިޔުންތައް ވަނީ ދެ މަސްވީ ސަރުކާރަށް އަމާޒުވެފަ އެވެ.