ފީފާ ވޯލްޑްކަޕްގައި ފަހަތުންއަރައި ސާބިއާ ބަލިކޮށް ސްވިޒަލޭންޑުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގަތަރުގެ 974 ގައި ކުޅުނު މި މެޗު ސްވިޒަލޭންޑުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އަދި ދެ ޓީމުންވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ސްވިޒަލޭންޑުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ސްވިޒަލޭންޑަށް މި ގޯލު ޖެހައިދިނީ ޒާޑެން ޝަގީރީއެވެ. މިއީ ޑްޖިބްރިލް ސޯ ލީގެ ޕާހަކުން އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ނަމަވެސް އޭގެ ހަ މިނެޓުފަހުން ސާބިއާއިން ވަނީ ގޯލެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ސާބިއާގެ ޑޫސަން ޓެޑިޗް ނެގި ހުރަހަކުން އަލެކްސެންޑާ މިޓްރޮވިޗް ޖެހި ގޯލެކެވެ.

މެޗުގެ 44 ވަނަ މިނެޓުގައި ސާބިއާއިން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. ޓެޑިޗް ދިން ޕާހެއްގެ ބޭނުން ހިފައިގެން އެ ގޯލު ކާމިޔާބުކުރީ ޑޫސަން ވްލާހޮވިޗްއެވެ.

އެ ނަތީޖާއިން ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސްވިޒަލޭންޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ސިލްވަން ވިޑްމާ ނެގި ހުރަހަކުން ބްރީލް އެމްބޯލޯ ކާމިޔާބުކުރި ގޯލެކެވެ.

ވޯލްޑްކަޕްގައި ސްވިޒަލޭންޑާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން---

ބޮޑު އުންމީދަކާއިއެކު ދެވަނަ ހާފާއި ކުރިމަތިލި ސްވިޒަލެންޑުން، މި ހާފުގެ ވަރަށް ކުރީކޮޅު ވަނީ އަލުން ލަނޑެއް ޖަހައި މެޗުގައި ލީޑު ނެގިއެވެ. ރުބެން ވަރްގަސް ޖައްސާލި ޕާހަކުން އެ ގޯލު ޖެހީ ރެމޯ ފްރެއުލާއެވެ.

މި ނަތީޖާ އާއިއެކު ސްވިޒަލެންޑް ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ގްރޫޕް ޖީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމު ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ.

އެ ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އިން ޖާގަ ހޯދީ ބްރެޒިލްއެވެ. ބްރެޒިލް އެއްވަނަ މަގާމުގައި އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ.

މި ގުރޫޕުގެ ޕޮއިންޓް ތާވަލުގެ ތިން ވަނައިގައި ކެމެރޫން އޮތީ ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ކެމަރޫންގެ މައްޗަށް ސާބިއާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގުރޫޕުގެ ފުލުގައި ސާބިއާ އޮތީ ތިން މެޗުން ލިބުނު އެއް ޕޮއިންޓާކުއެވެ.