މާޗު އެއް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމަހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ޝިލްޑުތަކުގައި އަތުންނާއި ފައިން ތަޅައި، ފުލުހުންގެ ސަފުތައް ފަޅާލި ކަމަށް ތުހުމަތު ކުރެވުނު މީހުން ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ހެކި ހުށަހަޅައިފި އެވެ.

ފުލުހުންގެ ޝިލްޑުތަކުގައި އަތުންނާއި ފައިން ތަޅާއި، ފުލުހުންގެ ސަފުތައް ފަޅާލި ކަމަށް ތުހުމަތު ކުރެވޭ 12 މީހުންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
އެ 12 މީހުންގެ ތެރެއިން މިއަދު ބާއްވާފައި ވަނީ 10 މީހެއްގެ ޝަރީއަތެވެ.

ކޯޓުގައި ޖާގަ ނެތުމުން އެމީހުންގެ ޝަރީއަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިބަޔަށް ބަހައިގެންނެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ބައެއް މީހުން މިއަދު ކޯޓަށް ހާޒިރުވެފައި ނުވާތީ ގާޒީ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުން އެމީހުން ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.

އެ 10 މީންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ މާޗް އެއް ވަނަ ދުވަހު މާލޭގެ މަގުތަކުގައި ކުރި މުޒާހަރާތަކުގެ ތެރެއިން އަލިކިލޭގެފާނުމަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި މީހުން އެއްވެފައިވާ ސަރަހައްދުގައި ތިބެ އެ ހިސާބުގައި ޝީލްޑު ހިފައިގެން ފުލުހުން ތިއްބައި ޝިލްޑުތަކުގައި އަތުންނާއި ފައިން ތަޅައި ކޮށްޕާފައިވާ ކަމުގެ ތުހުމަތުގަ އެވެ. އަދި އެ ސަރަހައްދުގައި ޝީލްޑު ހިފައިގެން ފުލުހުން ތިއްބައި ޝީލްޑުތަކުގައި އަތުންނާއި ފައިން ތަޅައި ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަދެފައިވާކަމުގެ ތުހުމަތު ވެސް ބައެއް މީހުންގެ މައްޗަށް ކުރެ އެވެ.

އެމީހުން ދައުވާ އަށް އިންކާރު ކުރުމުން ދައުލަތުން މިއަދު ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ އެ ދުވަހު އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ފުލުހުންނާއި އެ ދުވަހު އެ ސަރަހައްދުން ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކެކެވެ.

ދައުވާ ހުށަހެޅުމުން އެ 10 މީހުން ވެސް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާ އަށް އިންކާރު ކުރާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާ އެކު ކަމަށް ވެސް އެމީހުން ބުންޏެވެ.
ވަކީލަކު އައްޔަން ކުރަން އެދުމުން ގާޒީ ވަނީ ފަސް ދުވަހުގެ ފުރުސަތެއް ވަކީލަކު އައްޔަން ކުރުމަށް އެމީހުންނަށް ދީފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް މިމަހުގެ 23 ވަނަ ދުވަހު ބާއްވާނެ ކަމަށާއި، ދިފާއީ ވަކީލުން ދައްކާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެ ދުވަހު އޮންނާނީ ހެކިބަސް ނެގުން ކަމަށެވެ. އަދި ވިދާޅުވީ އެ ދުވަހާ ހަމަޔަށް ވަކީލަކު އައްޔަން ނުކުރި ނަމަވެސް މައްސަލަ އެ ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ.