"ގަތާދާ ރަހިމަހުﷲ ވިދާޅުވިއެވެ. ހަމަ ކަށަވަރުން ގުރުއާން ތިޔަބައިމީހުންގެ ބައްޔާއި އެ ބަލީގެ ފަރުވާ ތިޔަބައިމީހުންނަށް ބުނެދެއެވެ. ތިޔަބައިމީހުންގެ ބައްޔަކީ ކުށްފާފައެވެ. އަދި ތިޔަބައިމީހުންގެ އެ ބަލީގެ ފަރުވާއަކީ އަސްތަޣުފާރެވެ."

***

"ސުބުހާނަﷲ. އަދާ ތިހެން ނުބުނޭ..ކޮންމެ އިންސާނަކަށް ތަފާތު ސިފަތަކާއި ރީތިކަމެއް ދެއްވާފައިވޭ. އެކި މީހުން ރީތިކަން ދެކެނީ އެކިގޮތަށް. އަދާގެ މި މާކް ހުރުމަކީ ހަގީގަތުގައި ލިބިފައިވާ ތަފާތުކަމެއް. ސޯ ކޫލް..."ދާނިޔާ އަދާރާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ."ކޮބާ އާރިސް؟ އޭނަ އެފަހުން އެއްޗެއް ނުބުނޭތަ؟"

"އައި ތިންކް ހީޒް ކްރޭޒީ...ނޯމަލްއެއްނޫން. ޑިޕްރެޝަންވިޔަސް މީހުން އެވައްތަރަކަށް ނޫޅޭނެ. އާރިސްއަކީ ސައިކޯއެއްހެންވެސް ހީވޭ. ބުނެބަލަ ދާނީ. ކިހިނެއް ހިތަށް ހަމަޖެހުމެއް ލިބޭނީ؟ ހުސާމް އެއުޅެނީ މެރީކުރަން. އަހަންނަށް ޖެއްސުމަށްކަން ޔަގީނޭ އެ ފިރިހެނާ އެއުޅެނީ................" އަދާރާ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ. ހޫނުވާން ފެށުމުން ކަޅު ހެދުން ހަށިގަނޑުން މިނިވަން ކޮށްލިއިރު އެތެރެއިން ލާފައި ހުރީ ޕީޗްކުލައިގެ ޓީޝާޓަކާއި ހުދު ހަރުވާޅުކޮޅެކެވެ. ދޫކޮށް އޮތަސް ހަށިގަނޑުގެ ލޫޅާފަތިކަން ހާމަކޮށްދެއެވެ.

"ވެމްޕަޔާ ޑައިރީސް ކުޅެން ތިގެއަށް ތިދިޔައީ ދޯ. ޓޫ ހޮޓް ބްރަދާސްގެ ދެމެދު ތާށިވެފައި އެކަމަކު ތަފާތުގޮތަކަށް ތި ސްޓޯރީ ނިއުޅެމުންދަނީ. ފަހު ޗެޕްޓާތަކުގައި ވާނެގޮތް ހިތަށް ގެންނާން އުދަގޫ..." ދާނިޔާގެ ހިތުގައި ކަންބޮޑުވުން އުފެދިފައިވަނީ ނިގާބުއަޅާ ކުއްޖެއްގެ މިފަދަ ވާހަކައެއް މީހުން "ނެގަޓިވް"ކޮށް ނަގާނެކަން ވިސްނޭތީއެވެ. ދާނިޔާ ބޭރަށް ނިކުމެފައި އިރުގަނޑެއްނުވެ އައީ އައިސްކްރީމް ހިފައިގެންނެވެ. އައިސްކްރީމް ކެއުމުން ސްޓްރެސް ދުރުވާނެކަމަށް ބުނެފައި އޭނަ އަނެއްކާ އެނދަށް އަރާ އިށީނެވެ.

"އަހަރެން ހިތަށް އަރަނީ ނިގާބު ނަގަންވީއޭ. ވަރަށް ދުވަސްވާންދެން އެންމެނަށް ފިލައިގެން އުޅެވިއްޖެ. ގަދަކަމުން ލޯތްބެއް ނުހޯދޭނެ. ބިރުގަންނަ މީހަކު ބިރުން ފިތްކަނޑައިގެން ދިޔައީމަ ވީނު..."

"އެކަމަކު......އަދާ. ނިގާބު އެޅުމަކީ ދީނުގައި އެންމެ ރަގަޅުގޮތް..."

"މިބުނީ ގޭތެރޭގައި އުޅޭއިރު.."

"އަދާއަށް ފެންނަގޮތެއް..."

"ގެއިން ބޭރަށް ދާންވީމަ ނިގާބު އަޅާނީ. ފެމިލީއާއިއެކު ފިލައިގެން އުޅުމުގެ މާނައެއްނެތް. އަހަރެންގެ އިން ލޯސް އިންނަށް ހާޓްއެޓޭކެއް ނުޖެހުނިއްޔާ ވެދާނެ..."އަދާރާ ހޭންފެށި ގޮތަށް ލޮލުން ކަރުނައައިިރުވެސް ނުހުއްޓުނެވެ. އޭނަގެ މޫނުމަތިން އެއްކޮށް ފިޔާތޮށިކުލަ އެރިއެވެ." ހެލޮވީން މާސްކެއް އަޅައިގެން އުޅެނީއޭ ހިތަށް އަރާނެ. އެންމެ ކުރިން ހުސާމްގެ މަންމައަށް ފެނިލާނީ. އައި ކާންޓް ވެއިޓް މައިދައިތަގެ ޝޮކްޑް ޕްރިޓީ ފޭސްދެކޭހިތުން. ވިލަންއެއްގެ ބައި ކުޅެލަން މިކަހަލަ ފޭސްއެއް ހުރީމަ ސުއިޓަބްލްވާނީ. އެހެންނޫނަސް މަގޭ މައިދައިތަ ގޭތެރޭގަިއ އުޅޭއިރު ލާ ހެދުންތައް ފެނުނީމަ ތަރިބުރައިގެން ދާވަރުވޭ. ހަރުވާޅަކާއި ބާރު ޓީޝާޓެއްލައިގެން ގަސްތަކަށް ފެންދޭން ބެލްކަންޏަށްވެސް ނިކުމެފައި ހުރެދާނެ..."

ދާނިޔާއަށް އެގޮތް ކަމުނުދިޔައެވެ. އަދާރާ ޖަޒުބާތުގައި ޖެހުނަސް ދީނާއި ޚިލާފުކަމެއް ކުރަން ހިތްވަރުދޭކަށް ނުވާނެއެވެ.

ދާނިޔާ އައިސްކްރީމް ސަމުސަލެއް އަނގަޔަށް ލިއެވެ."އަދާގެ ސަބަބުން އާރިސްގެ މަންމަ ނިގާބުއަޅައިފިއްޔާ ކިހާ ރަގަޅު."

"އޭގެ އިދިކޮޅަށްކަން ނޭގޭ ވާނީ....." އަދާރާގެ ލޮލުގެ ސްކްރީނަށް ފެންނަނީ ޖުއާނާގެ ރީތި މޫނެވެ. އެކުއްޖާގެ ސްޓައިލިޝްކަމާއި އިސްތަށިގަނޑު ގެ ބުޅިކަމެވެ. އޭނަގެ ފަން އިސްތަށިގަނޑުވެސް ރީތި ސްޓައިލަކަށް ހަދާފައި މޭކަޕްކޮށްލުމުން ޖުއާނާ ވަރު ނުވާންވީ ސަބަބެއްނެތެވެ.

"ނޯ.............."ދާނިޔާގެ އަޑު ބަލިކަށިވިއެވެ.

"ކިހިނެއްވީ؟" އަދާރާ ލޯ ހަނިކޮށްލިއެވެ.

"ބީ އެ ގުޑް ގާލް. ޕްލީޒް..."

"އަހަރެން ބޭނުމީ ވިލަންއަކަށްވެގެން ޖުއާނާ އެގެއިން ފޮނުވައިލަން. ކުށަކަށްވާނެގޮތެއް ދާނީ ބުނެބަލަ. ހީޒް މައިން. ޖުއާނާ މަގޭ އެއްޗެއް ހާސިލުކުރުމަކީ އިންސާފެއްނޫން. އަހަރެން އެކަން ހުއްޓުވާނަން...."

އަދާރާއަށް އެހާ ފަސޭހައިން ވިސްނާނުދެވޭނެކަމާއި ގޮތްދޫނުކުރާ މިޒާޖެއްހުރިކަން އެނގުމުން ދާނިޔާ އެވަގުތަށް ޖަދަލުނުކުރަން ނިންމިއެވެ. ހެޔޮ ނަސޭހަތެއް އަޑުއަހާވަރަށްވުރެ އަދާރާގެ ހިތަށް އަނިޔާ ލިބިފައިވަނީ ކަމުގައި ނިންމިއެވެ. އޭނައަށް ބޭނުންވަނީ ތެރަޕީއެވެ. ނަމަވެސް ދާނިޔާގެ އެކުވެރިޔާ މަގު އޮޅި އަނދިރީގެ ތެރެއަށް ގެނބިގެން ދިޔުމަށްވުރެ އަތުގައި ހިފާ ނެގުމަށް ޟަމީރުވިސްނާދިނެވެ. ދާނިޔާ އަދާރާއަށް ދަރުސްގެ ވީޑިއޯތަކާއި ހަދީސްތައް ފޮނުވިއެވެ. ކެތްތެރިވުމަށް އަންގަވާފައިވާ އާޔަތްތައް ފޮނުވާދީ ހަދާންކޮށްދިނެވެ. ދާނިޔާ ފުލުފުލުގައި ދީނީ މެސެޖްތަކާއި ޕޯސްޓްތައް ފޮނުވަންފެށީ އަދާރާއަށް އެއްޗެއް ވިސްނޭނެކަމުގެ އުއްމީދުގައެވެ. ބޭވަފާތެރިއަކަށްޓަކާ ތިމާގެ އަމިއްލަ ނަފުސް އަނދިރީގެ ތެރެއަށް ވައްޓާނުލަން ކިތަންމެ ފަހަރަކު ބުނެދިނެވެ.

***

ހުސާމްއަށް ހަގީގަތް އެނގުމަށްފަހު ލޯ ފޮރުވައިގެން އުޅުމުގެ މާނައެއް ނެތްކަން އަދާރާއަށް ވިސްނުނެވެ.ލޯ ފެންނަގޮތަށް މޫނު ފޮތިކޮޅު އަޅައިގެން ކޮޓަރިން ބޭރަށް ނުކުތުމުން އެންމެންގެ ނަޒަރުގައި އޭނަގެ ލޯ އަޅައިގަތްކަން ވިސްނުމުން އަދާރާގެ ހިތަށް ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ދެރައީ ޝުވޭކާރު ރަށުގައި ނެތުމެވެ. ޖުއާނާ ގޮވައިގެން ޔޫރަޕަށް ބާޒާރުކޮށްލަން ދިޔައީ އެއާއިލާގެ ފެންވަރާއި އިއްޒަތް އޭނައަށް އަންގާ އޭނަ ދެރަކޮށްލުމުގެ ނިޔަތުގައިކަމަށް އަދާރާ ނިންމިއެވެ. އޭނައަށްޓަކާ ޕާޓީއެއް ބާއްވާ ނުލިތާގައި ރީތި ހެދުމަކާއި ގަހަނާއެއް ދިނީއެއްވެސް ނޫނެވެ. އަތުގައި އަޅުވާދިން އަނގޮޓި ފިޔަވާ އެހެން އެއްވެސް ހަދިޔާއެއް ދިނުމެއްނެތެވެ. އަދާރާގެ މުށިކުލައިގެ ވިދުންގަދަ ލޮލުގެ ޖާދޫގައި ގޭގައި މަސައްކަތްކުރަން އުޅޭ އެންމެން ޖެއްސިއެވެ.

"ޢަދާރާގެ ލޯ ހާދަ ރީއްޗޭ. އެހާ ރީތި ކުދިން އެހާ ފޮރުވިގެން އުޅުމުގެ މާނައަކީ ކޮބައިތަ؟"

"އެސްފީނާ ޖެހިދާނެތީ..."

އެޖުމްލަތަކުން އަދާރާގެ ހިތަށް ވަގުތީ އުފާތަކެއް ލިބުނެވެ. ތައުރީފު އަޑުއަހަން ނޭދޭނީ ކޮން ހިތެއް ހެއްޔެވެ؟

އޭނަ ކުޑައިރުއްސުރެ ލޮލުގެ ބޮޑުކަން ސިފަކުރަން މަންމަވެސް ގޮވައިލާނީ މަންމަގެ ގަބުޅިއޭ ކިޔާފައެވެ. ބައެއްމީހުން އޭނަ ސިފަކުރާނީ ލޯބޮޑު ބުރަކި ކިޔާފައެވެ. އޭނަގެ މޫނުގައި ހުންނަ އުފަން ލަފާއި ބޮޑު ދެލޮލާއި މީހުން އަޅައިގަނެ ގަނާކުރާވަރުން އަބަދުވެސް ފިލައިގެން އުޅެން ބޭނުންވިޔަސް ފަހަކަށް އައިސް ބައެއް މީހުންނަށް އޭނަގެ ލޯ ރީތިކަމުން އަޅައިގަންނަކަން ފާހަގަކުރެވެން ފެށުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެންފެށިއެވެ. ޚާއްސަކޮށް މޫނު ބުރުގާ އަޅައިގެން ހުރެ ނުކުތުމުން އޭނަގެ ލޮލަށް މީހުން ބަލާކަން ފާހަގަކުރެވުނެވެ. އަންހެންކުދިންވެސް ދިމާލަށް އެހެން ބުނަންފެށިއެވެ. ކުޑައިރު ލޯ ދެކެ ފޫހިވެ ލޯ ނަގާ އެއްލައިލަން ބޭނުންވި އިރެއް އަޔަސް މިހާރު ލޯ އިޝްތިހާރުކުރަން ބޭނުންވީއެވެ. ހުސާމްއަށް ފިލައިގެން އުޅެން ޖެހުނު ދުވަސް މާޒީއާއި އެކުވެގެން ދިޔުމުން ފިލުމުގެ މާނައެއް ނެތްކަން ވިސްނުނެވެ.

ބޯކޮށް ވާރޭވެހެމުންދާ އަޑު ރީތި މިއުޒިކެއްފަދައިން ގޭތެރޭގައި ހަރުލާފައިވާއިރު މަތީބައިގެ ކޮޓަރިއަކުން ހަޅޭއްލަވާ ސަކަރާތް ޖަހާ އަޑުވެސް ދޭތެރެއަކުން އިވިލައެވެ. ކާކޮޓަރިއަށް ވަން އަދާރާ ހޫނު ޗޮކްލެޓް ތަށްޓެއް ހިފައިގެން އެދިމާލަށް ހިނގައިގަތީ ހުސާމް ނުފެނި މާގިނައިރުވާން ފެށުމުންނެވެ. އަޑު އަންނަ ދިމާ ފާހަގަކޮށްގެން ގޮސް ހުޅުވާލާފައި ހުރި ކޮޓަރީގެ ދޮރުން ބޯ ދިއްކޮށްލިއިރު ބިލިއާޑް މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑިތަކުގައި އިށީދެލައިގެން އައްޔާޝް އާރިސް އަދި މާކް ތިބިއިރު މިނަލް ހުރީ ދަނޑިގަނޑެއް ހިފައިގެން މޭޒުކައިރީ ކޮޅަށެވެ. މޫސުމާއި ގުޅޭފަދަ ކޮޓްން ހެދުމަކާއިއެކު ވިކްޓޯރިއާ ސިކްރެޓް ހަރުވާޅެއްލައިގެން އިސްތަށިގަނޑު މައްޗަށް އައްސާލައިގެން ހުުރިއިރު މޫނަށް ނާރިގު ކުލަ އަރާފައެވެ. ހުސާމް ހުދުކުލައިގެ ގަމީހުގެ އަތުކުރި އުޅަބޮށްޓާއި ހަމަަޔަށް އޮޅާލާފައިވާއިރު ކަސްރަތީ ހަށިގަނޑަށް ކޮންމެވެސް ވަރަކަށް ހިފާލާފައެވެ. ނޫ ޖިންސްވެސް އެހާ ފިޓްކޮށެވެ. އެ ކަންނެތް ނަޒަރު އަދާރާއާއި ބައްދަލުވުމާއެކު ވަގުތުން އުފާވެރިކަން ފިލާ ބުމަގޮށްޖެހި ހަރުކަށިކަންވެރިވިއެވެ. ބިލިއާޑް ބޯޅަތަކުގައި ހިސާބަށްވުރެ ބާރަށް ދަނޑިގަނޑު ޖައްސާފައި ބޯޅަތައް ވިއްސާލުމާއެކު ހަށިގަނޑު ތެދުކޮށްލައިފިއެވެ.

"އަދާ.....ޔޯ ފޭސް އިޒް ނޭކެޑް.."މާކް ހަޅޭއްލަވައިގަތެވެ."މަހެއްކަހަލަ ބޮޑު ދެލޯވެސް އެބަފެނޭ..."

"ހެލޯ އަދާރާ...ބިލިއާޑް ކުޅޭނަންތަ؟ އަވަހަށް އާދޭ..."މިނަލް ދައުވަތު ދިނީ ހިނިގަނޑު މަތަކޮށްލަމުންނެވެ. މާކް އާރިސްގެ ކަންފަތްދޮށުގައި ކޮންމެވެސް އެއްޗެކޭ ބުނެލާފައި ގޮނޑިއަށް ދެފައި ލައިގެން އިންއިރު އައްޔާޝްގެ ނަޒަރު ހުއްޓުނީ އަތުގައިވާ ފޯނަށެވެ.

"ނޫން. ކުޅޭ މޫޑެއްނެތް.އެހެންނޫނަސް އަހަރެން އައީމަ ބައެއްކުދިން ހިތްހަމަނުޖެހޭހެންވެސް ހީވޭ...."އަދާރާ ކިތަންމެ ފިނިވިޔަސް ރުޅިވެރިކަމުގެ ހަމަލާއެއް ހުސާމްއަށް ނުދީ ދާހިތެއްނުވިއެވެ.

"އޯ......" މިނަލް ބުމަ އަރުވައިލަމުން ނުތަނަވަސްކަމާއެކު ހުނެވެ. އޭނައަށް ކަންބޮޑުވެފައި އާރިސްއަށް ބަލައިލެވުނުއިރު މާކްގެ ނަޒަރުވެސް ހުއްޓުނީ އާރިސްގެ މޫނަށެވެ. އެންމެން ދެކުނީ އާރިސްއާއި ދިމާލަށް ބުނި އެއްޗެއް ކަމުގައެވެ.

"ވަޓް؟"އާރިސް ހައިރާންވެފައި ކަހަލަ ގޮތަކަށް ފަހަރަކު މީހެއްގެ މޫނަށް ބެލިއެވެ. އަދާރާ އައުމާއެކު އުފާވެރިކަންނެތި ހުނުންވެސް ހުއްޓުނެވެ. އެކަން ބަދަލުކުރަންވެގެން މިނަލް މައުޟޫ އަނބުރާލައިފިއެވެ.

"ބޯކޮށް ވާރޭ އެބަވެހޭ ދޯ.."މިނަލް ބިއްލޫރި ދޮރުން ބޭރަށް ބަލައިލަމުން ހަރުވާޅުގެ ޖީބަށް އަތް ޖަހާލައިފިއެވެ."މިދަނީ ކާ އެއްޗެހި މިތަނަށް ގެނުވަން. އަވަހަށް އޯޑަރުދީ. ކޯނޗެއް ބޭނުމީ ސޭމް؟"

އަދާރާ އެއްޗެކޭ ނުބުނެ އަވަހަށް ތިރިއަށް ދިޔައީ ކޮފީއާއި އެއްޗެހި އަމިއްލަ އަތުން ގެނެސް ހުސާމްމެންނަށް ދިނުމުގެ ނިޔަތުގައެވެ. މިނަލް ތިރިއަށް އަންނަންވާއިރަށް އޭނަގޮސް މަސައްކަތް ފަށާނީއެވެ. ޖުއާނާ އައުމުގެ ކުރިން ހުސާމްގެ ހިތަށް ވެރިވެގަންނަން އޭނަގެ ހިތް ބާރުއަޅަނީއެވެ. އެހެން މީހެއްގެ ހައްގަކަށް ހުސާމް ވާތަން ދެކެން އޭނަގެ ހިތަށް ކުޅަދާނައެއްނުވާނެއެވެ. މާގިނައިރުތަކެއްނުވަނީސް އޭނަ ސްޓާރބަކްސް ކޮފީތަށިތަކާއިއެކު ޕިއްޒާއާއި ކުކީސް ތަބަކެއްގައި ރީތިކޮށް އަތުރާލައިގެން ގެނެސް އެތާ ހުރި ބިއްލޫރި މޭޒެއްގެ މަތީގައި ބެހެއްޓިއެވެ. ހުސާމް ކުޅެން ހުރެފައި ބަލާވެސް ނުލިއެވެ.

"މިހިރީ ސޭމް.....ފިނިވެފައި ތިހިރީ..."އަދާރާ ކޮފީއެއް ނަގާފައި ހުސާމްއަށް ދިއްކޮށްލިއެވެ.

"ތެންކިއު...."ހުސާމް ޝުއޫރުތައް ހިންދައިލިއެވެ. އެމޫނުމަތިން އެއްވެސް އަސަރެއް ނުދެއްކީ އެހެން މީހަކަށް ހަގީގަތް ފަޅާ އަރާފާނެތީއެވެ. އަދާރާ ފަރި ނަޒަރަކުން ހުސާމްގެ މޫނަށް ބަލާލުމަށްފަހު އެތަނުން ދާން ހިނގައިގަތްއިރު ހިތުގެ ތެޅުން ބޭރަށް އިވޭނެހެން ހީވިއެވެ. މިއީ ހަގީގީ ލޯތްބެވެ. ދުވަހަކު ފަނޑުވުމެއްނެތް ލޯތްބަކަށްވާނެކަން ޔަގީނެވެ. އަދާރާގެ ސިކުނޑީގެ ކަނަކުން އެންގިއެވެ.

ފުޅާ ފެންޑާގެ އެއްފަރާތުގައި ހުދާއި ރަންކުލައިގެ ގޮދަޑިޖެހި ދެމީހަކަށް އިށީދެވޭވަރުގެ ސޯފާއެއް ހުރިއިރު މެދުގައި ކުޑަ މޭޒަކާއި އަނެއްފަރާތުގައި ވެސް ބާލީސްޖެހި ދެ ގޮނޑި ހުއްޓެވެ. އަނެއްފަރާތުގައި ގޮދަޑިޖެހި ހަތަރުގޮނޑިއާއެކު ވަށް މޭޒެއް ބަހައްޓާފައިވާއިރު މޭޒުމަތީގައި ހުރި ވާސް ފަޅުފިލުވާލާފައިވަނީ ތާޒާ މާތަކުންނެވެ. ކުރެހުން އެޅި ތަބުތައް ކައިރީގައި އެއް ދުރުމިނަކަށް ހުދު ވަށިތައް ބަހައްޓާފައިވާއިރު ރަތްކުލައިގެ ފިނިފެންމާ ގަސްތައް އިންދާފައެވެ. ބޯމަތީގައި އެލުވާފައިވާ ލެންޓަންތަކުގެ ހިތްގައިމު އަލިން ތަނުގެ ހައިބަވަންތަކަން އިތުރުކޮށްދެއެވެ. ފެންޑާ ކުރިމަތީގައި ލޮލު ކޮޅަށް އޮބާލަންދެން އޮތް ފެހިކަންގަދަ ތާޒާ ވިނަގަނޑަށް ވާރޭގެ އެތައް ހާސްތިކިތަކުގެ ހަމަލާ އަންނަމުން ވިނަތައް ހަލަބޮލިކުރަނީއެވެ. އަދާރާ ސޯފާގައި ހަމަޖެހިލުމަށްފަހު އަތުގައި ހުރި ޗޮކްލެޓްތަށި މޭޒުމަތީގައި ބަހައްޓަމުން ވާރޭވެހޭ ހިތްގައިމު މަންޒަރަށް ސަމާލުކަން ހުއްޓާލައިފިއެވެ.

މިހާ އަރާމުގައި އިނދެ ވާރޭގެ މަންޒަރު ބަލައިގެން މިވަރަށް ހިތްހަމަޖެހުން ލިބުނު ހަނދާނެއް އަދި ނުވެއެވެ.

"މިހާ ރީތި ގަނޑުވަރެއްގައި އުޅެން ލިބިދާނެއޭ ހިތަކަށް ނާރާ. ހުސާމްއާއި ހެދި އުޅޭކަން މިގޭ މީހުންނަށް އެނގިއްޖެއްޔާ އަހަރެމެން ދެމީހުން އެކީ ބޭރަށް ލާފާނެ، މިހާރު މިގެއިން ދާކަށް ބޭނުމެއްނޫން. ހާދަ ރީއްޗޭ.." އަދާރާއަށް ހީލެވުނެވެ." ހަޔާތަކީ ފިލްމެއް ނަމަ އަހަރެން މިކުޅެނީ ނުބައި އަންހެންކުއްޖެއްގެ ރޯލުކަން ޔަގީން. އެންމެންވެސް ރުޅި އަންނާނީ އަހަރެންދެކެ....އެކަމަކު އަހަރެން ނުބައި މީހަކަށް ހެދީ ހުސާމް.ކުށަކީ ކޮބާ..."

"ތިހެން ބުނެގެން ބަހަނާ ދެއްކޭތަ؟ ނުބައި މީހަކަށް ވީ އެހެން މީހެއްގެ ސަބަބުންނޭ ބުނެގެން ގިޔާމަތްދުވަހު ސަލާމަތްވާނެތަ؟ އަދާ ތިކުރަނީ ރަގަޅުކަމެއްވެސް ނޫން. އަދި ރީތިކަމެއްވެސް ނޫނެއްނު..." ހިތް އެހެން ގޮތަކަށް ވިސްނާދިނެވެ. އަޖައިބެކެވެ. ހިތަކީވެސް ހާދަ އެހެން ކަހަލަ އެއްޗެކެވެ. މުނާފިގުކަން ބޮޑީނޫންހެއްޔެވެ؟ ދެފަހަރު އެއްގޮތަކަށް ވިސްނާދޭކަށް ނޭގެއެވެ.

އަދާރާ ޗޮކްލެޓް ތަށި ނަގާފައި ކޯވަރެއް ދަމާލައިފިއެވެ. މީހެއްގެ ހިލަންވުމުން އެއްފަރާތަށް ބަލައިލިއިރު އެތަނުގައި ހުރީ ހުސާމް ފިޔަވާ ދެވަނަ މީހެއް ނޫނެވެ.

"ފާރުގައިވެސް ކަންފަތް ހުރޭ. ސިއްރު ވާހަކައެއް ވިއްޔާ ނުދެއްކުން ރަގަޅީ..." އަދާރާ ކަތި ނަޒަރަކުން ބަލައިލީ ހުސާމްގެ ހިތަށް ތަދުކޮށްލުމަށެވެ.

ހުސާމްގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނެވެ."ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟"

"ތިކައިވެނި ކެންސަލްކުރޭ. ނޫނީ އެންމެނަށް ބޭޒާރުކުރާނަން.."އަދާރާ އިންޒާރެއް ދިނެވެ.

"މޮޔަވީތަ؟" ހުސާމް ދަތްޕިލާއަށް ބާރުކޮށްލަމުން އަތް ޖީބަށް ޖެހިއެވެ.

"މީހަކު މޮޔަވާނީ މިވަރަށްނު. ހާދަވަރަކަށޭ ދެރަކޮށްލީ. އެހެން ބުންޏަސް ހުސާމްއަށް ދެރައެއްދޭކަށް ބޭނުމެއްނޫން. އެހެންމީހުން އަނިޔާވެރިވިޔަސް އެވަރު އަނިޔާއެއް އެހެން މީހަކަށް ދޭން ނޭދެން. މިގެއަށް އާދެވުމަކީ ރަހުމަތެއް. ދެމީހުންނަށް އެއް ފުރާޅެއްގެ ދަށުގައި މިހެން ތިބެ ވާރޭވެހޭ މަންޒަރު ބެލުމަކީވެސް އުފަލެއް..." އަދާރާ ފެންކަޅިވިއެވެ. ޖަޒުބާތީ ނުވާން އޭނަގެ ހިތް އެންގިއެވެ. ހިތްވަރުކުރަންވާނެއެވެ.

އާރިސް ނިކުތްތަން ފެނުމުން އެހިސާބުން ދެމީހުންނަށް ހިމޭންވާން މަޖުބޫރުވިއެވެ.

ވާރޭ ހުއްޓައިލުމުން އަދާރާ އޭނަ އުޅޭ ކޮޓަރިއަށް ދިޔައިރު ކޮރިޑޯގެ ބޮކިތައްވަނީ ނިވާލާފައެވެ. އެންމެ ބޮތްކެއްގެ ފަނޑު އަލީގައި ހުސާމް ދާތަން ފެނިފައި އަދާރާ ފަހަތުން ދިޔައެވެ.

"ހުސާމް.."

އޭނަ އެނބުރި ބަލައިލުމާއެކު އަދާރާ ސިހޭގޮތްވިއެވެ. އާރިސްކަން އެނގުމުން ހިތަށް ނުބައިގޮތެއްވިއެވެ. އެދެމީހުން ފަހަތުން ހާދަ ވައްތަރެވެ. އިސްކޮޅު އެއްވަރުވެފައި ހަށިގަނޑުވެސް މާ ބޮޑު ތަފާތެއްނެތެވެ. އޮޅިގެން ނަމަވެސް ދެމީހުން މިއަދު ލައިގެން ތިބީ އެއްކުލައިގެ ހެދުމެވެ. ހުސާމްކަމަށް ހީކޮށް އިތުރު އެއްޗެއް ނުބުނެވުނުކަމީ ނަސީބެކެވެ.

"ސޮރީ.....އައި.."އަދާރާ އެއްޗެކޭ ބުނަން އުޅުނެވެ.

"އަދާރާ..ކީއްވެ ދުރުން އުޅެނީ؟ ރޫމަށް ނުވަންނަނީ ކީއްވެތަ؟" އާރިސް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

"ހީޒް ސްކެއާޑް އޮފް ރެއިން އެންޑް ތަންޑާ..ވެދާ ޕްރެޑިކްޓްކުރާގޮތުން މިރޭ ތަންޑާސްޓޯމްސް އާއި ހެވީ ރެއިން އެންޑް........." އައިނައި ދިމާލެއް ނޭގި ކުއްލިއަކަށް މާކް އެދެމީހުންގެ ދެމެދަށް ވަދެ ނިކަން "ސްވީޓް"ކޮށް ހީލައިފިއެވެ." އަދާ ދައްތި އާއި ތިއްތިބެ މެރީކޮށްގެން އުޅެންޏާ ސޭމް ރޫމްގައެއްނު އުޅެންޖެހެނީ. އޭރުން ތިއްތި ބިރުނުގަންނާނެ. މަންމައާއި ބައްޕަވެސް އެއްކޮޓަރީގައި ތިބެނީ......"

"މާކް ބިރެއްނުގަނޭތަ؟"

"ނޮޕް...." މާކް ވަގުތުން ބޯ ހޫރައިގަތެވެ."އިޓްސް އޯލްމޯސްޓް އިލެވެން.ނިދަން ދާންވީކަން ނޭގޭ...ގުޑްނައިޓް ދެކުދިން......"

މާކް ގޮސް ލޯމަތިން ގެއްލެންދެން ބަލަން ހުރެފައި އަދާރާ އެނބުރުނުއިރު އާރިސްގެ ނަޒަރު ހުއްޓިފައިވަނީ އެހެން ދިމާލަކަށެވެ.

ނުނިމޭ