"އެތައް އަހަރަކަށް އެކީ އުޅުމަށްފަހުވެސް ކައިވެނިކޮށްގެން އެކީ އުޅުނަސް ބައިވެރިޔާގެ ހަގީގަތް ނޭގޭ ފަހަރު އާދެއެވެ. "

***

"ކައިރީގައި އިށީދެގެން އިން ޒުވާނާއަށް އޭނަގެ އިހުސާސްތައް އޮޅުންފިލީކަން ނޭގެއެވެ. ވަގުތުން ފެންފުޅިއެއް ދިއްކޮށްލުމުން އޭނަ ފުޅީގައި ތުންޖެހިގޮތަށް ބޯންފެށިއެވެ. ނޭވާއެއްލީވެސް ފެންފުޅި ހުރިގޮތަށް ކަރަށް އޮއްސާލާފައެވެ. ބާކީ ހުރި ފެންފޮދު މޫނުގައި ހާކައިލެވުނީ ވެސް އޮޅިގެންނެވެ.

"ތެންކިއު...." ކާއިނާތުއަށް ބުނެވުނީ ވައި އަޑަކުންނެވެ.

އެންމެންވެސް އޭނައަށް ބަލަން ތިބިއިރު އެތަނަށް އަޖައިބެއްފަދަ ހިމޭންކަމެއް ވެރިވެއްޖެއެވެ.

"އައްސަލާމް އަލައިކުމް. އަޅުގަނޑުގެ ނަމަކީ ކާއިނާތު. ކައުނު ނޫހުގެ........" ކާއިނާތު ކަރުކެހިލިއެވެ. ކާއިނާތު ތެޅިފޮޅެމުން އައިއިރު އޭނަގެ ފައިލް ނުގެންނަކަން ހަނދާންވިއިރު ކުރަންވީ އެއްވެސް ސުވާލެއް ހިތަކަށް ނައެވެ. އެހާވަރުން ސުވާލުތައް ދަސްކުރުމުންވެސް ހަދާނަށް ނައީވެސް ސައިރަސްގެ ސަބަބުންނެވެ. ކައުނު ނޫހުން ދީފައިވާ ސުވާލުތައް ހަނދާނަށް ނައުމުން އަމިއްލަ ސުވާލުކުރުން ނޫންގޮތެއް ނުފެނުނެވެ. ސައިރަސް ފެނިގެން ހުއްޓުނީ ހަމަ އެކަނި ހިތެއް ނޫނެވެ. ސިކުނޑިވެސް އެހެރީ މަސައްކަތް ހުއްޓި އޮޅިފައެވެ.

"ސޮރީ.....އަޅުގަނޑު...މްމްމް.....ސޯ އަޅުގަނޑަކީ އެސްޓްރޮނޯޓެއް...މިދެންނެވީ އަޅުގަނޑުގެ ޑްރީމްއަކީ ޖައްވަށް ދިޔުން. ސޯ........އައިމް ސޯ އޮނާޑް ޓު މީޓް ދަ ޔަންގެސްޓް އެސްޓްރޮނޯޓް. ސޯ ބްލެސްޑް ޓު ބީ ހިއާ އިން ދިސް.......ޔުނިވާސް ވިތް ޔޫ...."

ކޮންމެވެސް އެކެއްގެ މަޑު ހުނުމުގެ ކަންފަތުގައި ޖެހުމުން ކާއިނާތު ޙާސްވިވަރުން މޫނުގައި އަނެއްކާވެސް އަތް ހާކާލެވުނެވެ. މިވަރުގެ ޕްރެސް ކޮންފެރެންސްއަކާއި އޭނައާއި ދިމާވެފައެއްނެތެވެ. އޭނައަށް ސައިރަސްގެ ސަބަބުން މިވަރުގެ ލަދެއްގައި ބެދި މިވަރަށް ހާސްވާނެކަމަށް ހިޔެއްނުކުރެއެވެ. އޭރު ކާއިނާތުއަށް ނޭގުނީ އޭނަ މޫނުގައި އަތް އުނގުޅާލައިގެން ލޮލުގައި ގަދަޔަށް އަޅާފައި ހުރި އަނދުންތައް ލޮލާއެކު މޫނަށް ފޭދިފައި ހުރިކަމެވެ.

"އަޅުގަނޑުގެ ސުވާލަކީ.....އާ ޔޫ އެ މުސްލިމް؟"

"ނޫން..." ސައިރަސް ބުމަ އަރުވައިލިއެވެ. އެ ސުވާލުން ހައިރާންވީފަދަ ގޮތަކަށެވެ.

"އަޅުގަނޑު ހީކުރީ މުސްލިމެއްކަމަށް. އެހެންވިއްޔާ އަޅުގަނޑު އަހާފައިވާގޮތުން ނީލް އާމްސްޓްރޯންގް ޖުލައި ވިހި 1969 ވަނަ ދުވަހު ހަނދަށް ގޮސްފައި ބަޒް އަލްޑްރިންއައި ދެމީހުން ހަނދުގައި ތިންގަޑިއެއްހާއިރުވާންދެން ހިނގިކަމުގައިވޭ. އޭނަ ހަނދުގައި ފައި ޖައްސައިލިވަގުތު އަޒާންގެ އަޑު އިވުނު ކަމުގައި އެހިން. އެއީ ތެދުވާހަކައެއްތޯ؟" ކާއިނާތު ކުޑަކޮށް ހަމަޖެހެން މަސައްކަތްކުރިއެވެ. ސައިރަސްގެ މޫނަށް ނުބަލާ ދުރަށް ބަލަހައްޓައިގެން ހުންނަން ވުމުން ކޮންމެވެސް ވަރަކަށް ލަދުން ސަލާމަތްވެވުނެވެ.

"އަޒާން؟ އެއީ......"

"މުސްލިމް ޕްރެޔަރ ކޯލް...ﷲއަކްބަރު....މީންސް ގޯޑް އިޒް ގްރޭޓް.." ކާއިނާތު ކުޑަކޮށް ހީލިއެވެ،

"ބިއުޓިފުލް...ނީލް އާމްސްޓްރޯންގްގެ ވާހަކަތައް އަހަން އެކަމަކު ތި ޚަބަރު އަލަށް އަޑުއެހީ. ތީގެ އޯތެންޓިސިޓީއާއިމެދު އެއްވެސް އެއްޗެއް ބުނާކަށް ނޭގޭ..."

"ތަރީގެ އިލްމުވެރިންނަށް ﷲ ތައާލާ މިވަރުގެ ނަސީބެއް ދެއްވާ ދުނިޔެއިން ބޭރަށް ދާން އެދިއެދި ތިބި އެތައް ބަޔަކަށް އެ ނަސީބު ނުލިބި ޖައްވަށް ދެވުމުގައި ކޮންމެވެސް ހިކުމަތެއްވާނެ. އެތީސްޓުންނާއި އެހެން ދީންތަކުގެ އެސްޓްރޮނޯޓުން ޖައްވަށް ގޮސްފައި ތިބޭއިރު ގޯޑްގެ ޕްރެސެންސް އެއްވެސް ވަރަކަށް ފީލްވޭތޯ؟ ޔަގީނުންވެސް ޔުނިވާސް ދަސްކުރަމުން ދާވަރަކަށް....ޔޫ ނޯ.....ގޯޑްގެ ކުޅަދުންވަންތަކަން ތިބޭފުޅާއަށްވެސް ފެނިލައްވާނެ. ޖައްވުގައި އެއްވެސް ސްޕިރިޗުއަލް އެކްސްޕީރިއެންސްއެއް ކުރެވުނުތޯ؟"

"އޮފްކޯޒް. ....."

"އެވާ ބީން ޓު މޫން އޯރ ސްޓާރސް؟ "

"ނޮޕް....."

"ބިކޯޒް އަޅުގަނޑު ބައެއް ރޭ ތަރިތަކާއި ހަނދަށް ބަލަން ހުއްޓާ މިސްޓަރ ސައިރަސްގެ ސިފަ ފެންނަހެން ހީވޭ...ހެލުސިނޭޝަންއެއްވެސް ނޫން. އިޓްސް ސޯ ރިއަލް...."ކާއިނާތު ޚިޔާލީ އޮއިވަރުގައި ބެހެމުންގޮސް ކޮންމެވެސް ވަރަކަށް ހިތް ހުޅުވައިލެވިއްޖެއެވެ. ވަށައިގެން ހުނުމުގެ އަޑު އިވުމުން ބުނެވުނު އެއްޗަކާއިމެދު ވިސްނާލާފައި ކާއިނާތު ބޭނުންވީ ދުވެ ފިލުމަށެވެ.

"ޔޫ ނޯ..އަޅުގަނޑަށް ވީގޮތަކީ މިސްޓަރ ސައިރަސްއަށް އެޑްމަޔާކުރެވޭ. އެހާ ޔަންގްއިރު ޖައްވަށް ދެވުނީމަ އެހެންވެ ފަލަކާއި ހެދިި އުޅެވޭވަރުން އެފަދަ ކަމެއް ފެނުމަކީ....އިޓްސް ރީޒަނަބްލް..."

"ތެންކިއު...."

"އައި ތިންކް ޖައްވީ ޓްރިޕެއްގައި އެވަގުތު ހުރީކަމަށް ވާނީ. އެހެންނޫންނަމަ ހަނދުން އެގޮތަށް ސިފަވުމަކީ އެކަށީގެންވާކަމެއް ނޫން....."

އެންމެން އަޑުވީއްލާ ހޭންފެށީ ކާއިނާތުގެ މޮޔަ ވާހަކަތައް އިވިފައެވެ. ޖައްވަށް އިންސާނަކު ދިޔަސް އެމީހަކު އެހާ ރީއްޗަށް ސިފަވާނީ ކިހިނެއްހެއްޔެވެ. ތިން ކިލޯމީޓަރަށްވުރެ ދުރު ހަމަ ލޮލުން ފެނުމުގެ ގާބިލުކަމެއް އިންސާނާގެ ލޮލަކުވެސް ނެތެވެ.

"އައި ސީ ވިތް އެ ޕަވާފުލް ޓެލެސްކޯޕް...." ކާއިނާތު އެތަންކޮޅު ހަމަޖައްސައިލަންް މަސައްކަތްކުރިއިރު އެތެރެހަށި އަނދަނީއެވެ. ސައިރަސްގެ ކުރިމަތީގައި އެންމެން އޭނައަށް މާލާމާތްކޮށް ޖޯކަރަކަށް ހެދުމުން އޭނަފަދަ ނޫސްވެރިއެއްގެ ޝަޚުސިއްޔަތު ވެއްޓޭނެއެވެ. މިއީ ކޮންކަހަލަ ބަޔެއްހެއްޔެވެ؟ މީހަކަށް އިހުތިރާމް ކުރުމެއްވެސް ނެތެވެ.

"އަޅުގަނޑުގެ އެންމެ ފަހުގެ ސުވާލަކީ ދުވަހަކުވެސް ވޯމްހޯލެއްގެ ތެރެއިން ޝޯޓްކަޓެއް ނަގައިގެން ގެލެކްސީއަކަށް ދެވުނުތޯ؟ލައިކް އެންޑްރޮމެޑާ ގެލެކްސީ؟ އެހެން ދެވުނިއްޔާ އެގެލެކްސީގައި އިންސާނުންނަށް ދިރިއުޅެން އެކަށީގެންވާ ވަސީލަތެއް ހުރިތޯ؟" މިފަހަރުވެސް އެންމެންގެ މަޑު ހުނުމުގެ އަޑު އިވުމުން ކާއިނާތު ކަޅިއަޅައިގަންނަން އުޅެފައިވެސް ހިނިތުންވެލައިގެން ހުރީ ސައިރަސް ދޭނެ ޖަވާބެއް އަޑުއަހަން ކެތްމަދުވެފައެވެ.

"ވޯމް ހޯލަކީ އަދި މޫވީތަކާއި ވާހަކަތަކުން އިންސާނުން އެހެން ގެލެކްސީތަކަށް ޝޯޓްކަޓް ނަގާ ދޮރާށްޓެއް. އަދި އަޅުގަނޑުމެންގެ ޓެކްނޮލޮޖީ އެހިސާބަށް ނުފޯރާ..ޔުނިވާސްގެ އެންމެ ޕަސެންޓެއް އަދި އިންސާނުންނަށް އެނގެނީ. ވަރަށް ކުޑަ މިންވަރެއް........." ސައިރަސްގެ ރީތި ހިނިތުންވުމުން އެ ހޯލްތެރެވެސް ދިއްލުނުހެން ކާއިނާތުއަށް ހީވިއެވެ.

"އަދި އެންމެ ސުވާލެއް......"

"ވަޓް އެބައުޓް ފްރީފޯލް؟ އެތަނުގައި އެހުރިހާ ދުވަހު ކައިބޮއި ފެންވަރާ ހަދަނީ ކިހިނެއްތޯ؟ ބަލިވެއްޖެއްޔާ ބޭސްކުރާނީ ކާކު؟ ޓޮއިލެޓް ކުރަންވެއްޖެއްޔާ؟އަދި......."ކާއިނާތުގެ އެއް ސުވާލުގެ ތެރޭ ހިމެނި އެތައް ސުވާލުތަކުން އެންމެންނަށް މަޖާކަމަކަށްވިއެވެ. ހަގީގަތުގައި އެވަގުތު އެތާ ތިބި ނޫސްވެރިންނަށް އެ ސުވާލުތަކުގެ ޖަވާބު އެމީހުންނަށްވެސް ނޭގޭކަމަށް ހިތާހިތުން އެއްބަސްވެވުނެވެ. މަޖާ ވިޔަސް އެއީވެސް އެނގެން ޖެހޭނެކަމެކެވެ.

ޕްރެސް ކޮންފެރެންސް ނިންމައިލުމަށްފަހު ކާއިނާތު އޮޓޯގްރާފެއް ބޭނުންވެގެން ސައިރަސްގެ ގާތަށް ދިޔައެވެ. އަދި އޭނައަކީ ސައިރަސްގެ އެންމެ ބޮޑު ފޭންގެ ގޮތުގައި ތައާރަފުވިއެވެ. ނިކަން ސިއްރުން ސައިރަސްގެ އަތަށް ލެއްވި ކަރުދާސްކޮޅުގައި އޭނަގެ އީމެއިލް އެޑްރެހާއި ފޯނު ނަމްބަރު އޮތެވެ. ސައިރަސްއައި އެހާ ގާތުން ބައްދަލުވުމުން ކާއިނާތުގެ ބުއްދި ސަލާމަތުން ހުރިކަން ނަސީބެކެވެ. އޭނައަށް ވީގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ސައިރަސްއާއެކު ސެލްފީއެއް ނަގަންވެގެން ހުއްޓުމާއެކު މޫނު ފެނިފައި ކާއިނާތު ޝޮކަކަށް ނުދިޔައީ ހަމަ ކިރިޔާއެވެ. ހަޅޭއްލަވައިގެންފާ ދުއްވައިގަތްގޮތަށް ވަދެވުނީ ފާޚާނާއަށެވެ. ކާއިނާތު ދަބަސް ހުޅުވާލައިގެން ލޯގަނޑު ނަގާފައި މޫނަށް ރަގަޅަށް ބަލައިލިއެވެ. އަނދުން ފޭދިގެން މޫނަށް އެޅިފައި ހުރުމުން ކާޓޫނެކޭ ތަފާތެއްނެތެވެ. ގަތް ލަދުންނާއި ވީ ދެރައިންގޮސް ކާއިނާތު އަމިއްލަ ނަފުސަށް އެތައް އެއްޗެއް ކިޔެވެ. ފޯނު ބަލައިލިއިރު އޮފީސް ގްރޫޕްގައި ފޯރިފަށެެއް އޮތެވެ. ލައިވްކޮށް ދެއްކި ބައެއް ތަންކޮޅު ނަގާފައި ޒޫމްކޮށްފައިޖޯކު ޖަހަނީއެވެ. އަސަލް ވައިބާއަށް އަދި ވަދެފައެއްނެތެވެ. އަސަލްވެސް ހީކުރާނީ ކީކޭހެއްޔެވެ؟

***

ކާއިނާތު ޓެރެސްމަތީގައި ގޮދަޑި ފަތުރާލައިގެން ރަޖާގެތެރެއަށް ވަދެ އެއްއަތް ބޯދަށަށް ލައްވާލައިގެން އޮތެވެ. އިރުއިރުކޮޅާ ފޯނަށް ބަލައިލަނީ ތުން އަނބުރާލާފައެވެ. ސައިރަސްގެ ކޯލަކަށް އިންތިޒާރުކޮށްކޮށް ލޮލާއި ކަންފަތްވެސް ބޭގަރާރުވެއްޖެއެވެ. އޭނަ ކުރި މޮޔަ ސުވާލުތަކުން ސައިރަސް ފޫހިވީ ނޫންހެއްޔެވެ؟ ހަގީގަތަކީ އެންމެ ފަހުގެ ސުވާލުތައް އޭނަ ކުރީ ސައިރަސްގެ ޖާދޫގައި ޖެހުނުލެއް ބޮޑުކަމުންނެވެ. އޭނައަށް އެ ސުވާލުތަކުގެ ޖަވާބު އެނގެއެވެ. އެވަރަށް އޭނަވަނީ ވީޑިއޯތައް ބަލާފައެވެ. އެމީހުން ކައި ބޮއި ފާޚާނާކުރާގޮތް ދައްކުވައިދޭ ވީޑިއޯ އެތައް މިލިއަން މީހުންނެއް ބަލާލާފައިވިއެވެ. ސެޓްފިކެޓެއްނެތަސް އޭނަ ޖައްވާއިބެހޭގޮތުން ކިތަންމެ އެއްޗެއް ހޯދާ ބަލާ ދަސްކޮށްފިއެވެ. ކޮންމެވެސް ދުވަހަކުން ސައިރަސްއާއި އެއް ފެންވަރެއްގެ އެސްޓްރޮނޯޓަކަށްވެގެން ޖައްވަށް ދެވޭނެކަމުގެ ޔަގީންކަން އަމިއްލަ ހިތަށް އޭނަ ދިނެވެ.

ފޯނު ދިއްލުމުން ކާއިނާތުގެ ހިތް އަވަސްވެގަތެވެ. އަވަހަށް ބަލައިލިއިރު އާޔާ ފޮނުވާފައި އިން ވައިބާ މެސެޖެކެވެ. ސައިރަސްގެ ފޯނެއް ނޫންކަން އެނގުމުން ހިތަށް ލިބުނު މާޔޫސްކަމާއެކު ފޯނު އެއްލައިލަން އުޅެފައިވެސް މެސެޖް ކިޔައިލިއެވެ.

ސިއްްހަތު ސަލާމަތުން ހުރުމަކީ ހާސް ނިއުމަތެކެވެ. ބަލިވުމުގެ ކުރިން ވީހާވެސް ގިނަ އަޅުކަންކުރުމާއިއެކު އާޚިރަތަށް މަސައްކަތްކުރާށެވެ. ސަބަބަކީ ބޮޑު ބައްޔެއްވުމުން ގިނަފަހަރު ސަޖިދައެއް ކުރެވޭނެ ވަރެއްވެސް ހަށިގަނޑުގައި ނުހުންނަ ވަރުވެދާނެތީއެވެ.

"އައްބާސްގެފާނުގެ ދަރިކަލުން އަބުދުﷲ ވިދާޅުވިއެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ. "މީސްތަކުން އެއާމެދު ކަންފަސޭހަކޮށް ފަރުވާކުޑަކޮށްލާ ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތު ސަލާމަތުން ހުރުމާއި ހުސްވަގުތު ލިބިގެންވުމެވެ."

މިރޭ އިޝާ ނަމާދުނުކުރެވޭކަން ހަދާންވިޔަސް ކަންނެތްކަމާއި ހިތާމައިގެ ސަބަބުން ތެދުވާހިތް ނުވެ ބާލީހުގައި ބައްދާލައިގެން އޮތީ ސައިރަސްގެ އިންތިޒާރުގައެވެ.

***

ރަގަޅަށް ނުނިދި ފަތިސް ނަމާދުވެސް ނުކުރެވުމުން ކާއިނާތުގެ ދުވަސް ފެށުނީވެސް ބާއްޖަވެރިގޮތަކަށް ނޫނެވެ. ހިތަށް ލިބިފައިވާ މާޔޫސްކަމާއި ނުތަނަވަސްކަމާއެކުގައިވެސް އެ ޝުއޫރުތައް ހިތުގެ ފުންމިނުގައި ފޮރުވައިގެން ހުރެ ކައުނު ނޫސް އޮފީހަށް މިސްރާބުޖެހިއެވެ. ދިޔަ މަގުމަތީގައިވެސް އެރީތި ދެލޯ ބޭގަރާރުކަމާއެކު މަގުމަތިން ދަތުރުކުރަމުން ދިޔަ މީސްތަކުންނަށް ބެލުނީ އެންމެ ސޫރައެއް ދެކިލާހިތުންނެވެ.

"އައިމް ކާސްޑް...."ކާއިނާތު އަމިއްލަ ނަފުސަށް ރުޅި އައެވެ."އެހެންވާނެއްނު. ނަމާދުވެސް ކޮށްނުލާ....އެންމެ ނަމާދެއްވެސް ދެން މިސް ނުކުރާނަން. ނަމާދުނުކޮށް ދުޢާކުރިޔަސް ހިތްއެދޭ ކަންތައް ހާސިލުވާނެގޮތެއްވެސް ނޯންނާނެކަން ޔަގީން. އަހަންނަށްވެގެން މިއުޅެނީ ކިހިނެއްތަ؟"

އޮފީހަށް ވަނުމާއެކު އެންމެންގެ ނަޒަރުންވެސް ކާއިނާތުއަށް ހީކުރެވުނީ އެންމެ އެއްޗެކެވެ. މަލާމާތެވެ. އަސަލްގެ ރުޅި ފިނިކުރަން ދައްކާނެ ބަހަނާއެއް ވިސްނަމުންގޮސް އެ ކެބިން ހުޅުވައިލިއިރު ތަނުގައި އަސަލްގެ މީރުވަސް ހިފާލާފައިވިޔަސް އޭނަ އައިކަމުގެ އެއްވެސް ނިޝާނެއްނެތެވެ. ކޮންމެ އެއްޗެއް ހުރީ ތަރުތީބުން ބަހައްޓާފައެވެ. އަސަލްގެ ކޯލެއް ނައިތާ މެސެޖެއްވެސް ނައެވެ. އޮޅިގެން އަސަލް ބްލޮކްކޮށްލެވުނުކަމަށް ހިތާ ޗެކްކޮށްލެވުނެވެ.

ކޮފީގަޑީގައި މެސްއަށް ކާއިނާތުވަދެ ސައިތަށްޓަކާއެކު ސްނިކާސް ޗޮކްލެޓަކާއި ޗިޕްސްމޯކާންފެށިއެވެ. ފޮނި އެއްޗެހިން ކެއުމުން އޭނަގެ ހާސްކަން ފިލައިދާނެއެވެ.

"މަވެސް ހީކުރީ އެހެން..."އެންމެ ގާތުގައި އިން މިސްބާހުގެ ކުރިމަތީގައި ހުރީ މަސްހުނި ބްރޭކްފާސްޓެކެވެ. ގިނަ ކުދިން އޮފީހަށް އަންނާނީ ސައިނުބޮއި ތިބެއެވެ. ލިބޭ ހުސްވަގުތު އެންމެން އެކީ ސައިބޯއިރު ގެއިން ނާސްތާކޮށްލައިގެން އަންނަ ކުދިން ކޮފީއަކުން ފުއްދާލައެވެ.

"ކީކޭ؟"ކާއިނާތު ލޯ އަޅައިލިއެވެ.

"ޖައްވަށް ގޮސް އެމީހުން ނުކައި ނުބޮއި އަދި ފާޚާނާނުކޮށް ތިބެފައި ބާވައޭ ދުނިޔެއަށް އަންނާނީ؟ ފާޚާނާ ނުކޮށް އެންމެ ދުވަހަކު ހުންނަން ވީމަ ކިހާވަރެއްގެ އުދަގޫކަމެއްކަން އިހުސާސްކުރެވޭނީ...."

"އައްޗިޑި. ދެން ކެވުނަވެސް ނުދޭތި.."ކާއިނާތު ރުޅިއަންނަގޮތްވިއެވެ.

"އޭނަ ޖަވާބެއްވެސް ނުދިން ދޯ...."

"އެހެންތަ؟ ސައިރަސް ރޭގައި މަށަށް ގުޅި......."ކާއިނާތު ވަގުތުން އަމިއްލަ ނަފުސްގެ ދިފާއުގައި ނުކުތެވެ. އޭނަ އެހެން ބުނެލިލެއް ބާރުކަމުން ހުރިހާ މޭޒެއްގައި ތިބި ސްޓާފުންނަށް އެ އަޑު އިވި ސަމާލުކަން ލިބުނެވެ." ރޭ އެހެންވެ ނުވެސް ނިދުނު. ޖައްވާއި ބެހޭގޮތުން އެންމެ ރެއަކުން އޭނަ ކިޔަވާދިންވަރުން މާދަންވެސް އޭގެ އުޅަދެއްގައި މަށަށް ޖައްވަށް ދެވިދާނެއޯ އޭނަ ބުނީ. އޭނަގެ ބައްޕަގެ އޮބްޒާވެޓަރީއެއްވެސް ހުރޭ. އޭގެ ދުރުމީއިން ބެލީމަ އެންޑްރޮމެޑާ ގެލެކްސީވެސް ރީއްޗަށް ފެނެޔޯ ބުނީ................."

"އޯހް.....އެތާ ދިރިއުޅޭ އޭލިއަންސްއިންވެސް ފެނެޔޭ ބުނީ........ސައިރަސްގެ ސިކްރެޓް ޕްރޮޖެކްޓްގެ އެސިސްޓެންޓަށް އަހަރެން ގެންދާނަމޭވެސް ބުނި....."

އެންމެން ޕަކަޕަކަ އަޅާފައި ހޭންފެށިއެވެ.

"ކާއިނާތުގެ އެހެން ކަމެއްނެތަސް ހުނަރެއް އެބަހުރިކަން ޔަގީން..."ޖީލަންވެސް ކޮށްލީ މަލާމާތެކެވެ.

"ޖީލަންއަށް ހެކި ދައްކާނަމޭ. ހުރެބަލަ...ހިތްވަރުކުރޭ. އޭނަ ގާތު ބުނާނަމޭ ގުޅާށޭ............"

ބައެއް މީހުން ގަބޫލުނުކުރިޔަސް ކާއިނާތުގެ ވާހަކަ ޔަގީންކުރި ކުދިންގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގައިގަތެވެ. ކާއިނާތު އެހާ ކާމިޔާބުހޯދާގޮތެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

ކުއްލިއަކަށް އެންމެންގެ ނަޒަރު ހުއްޓުނީ އަސަލްއާއިއެކު ވަދެގެން އައި މިސްޓަރ ސައިރަސްއަށެވެ. އިހުތިރާމް އަދާކުރަން އެންމެން ކޮޅަށް ތެދުވުނެވެ. ކާއިނާތު ފިޔަވައެވެ.އަތްދިގު ގަމީހަކާއި ޗޮކްލެޓްކުލައިގެ ފަޓުލޫނެއްގައި ހުރިއިރު އަސަލްއަށްވުރެ ދިގުވެފައި މޫނަށް ރަންކުލަ އަރާފައިވާއިރު ހިތްތައް ހުއްޓޭވަރުވެއެވެ. ކާއިނާތު އަނގައިގާ އޮތް ސްނިކާސްކޮޅުވެސް ދިރުވައިނުލާ އަނގަ ހުޅުވުނުގޮތަށް ބަލަން އިދެވުނީއެވެ. ސައިރަސް ސީދާ އައީ އެމޭޒުދޮށަށެވެ. އަސަލް އޭނަގެ މުވައްޒަފުން ސައިރަސްއަށް ތައާރަފުކޮށްދިނެވެ.

"މޯނިން މިސް ކާއިނާތު. ދިގު ފްލައިޓްތަކަކަށްފަހު ސާކޭޑިއަން ސައިކަލް ޑިސްރަޕްޓްވީމަ އިންޓަވިއު ނިންމާފައި ދިޔަގޮތަށް މާ ގަދަޔަށް ނިދައިލެވުނީ. އެހެންވެ ރޭގައި ގުޅާނަމޭ ކިޔާފައި ނުގުޅުނީ. އަސަލްގެ ފަރާތުން ކާއިނާތު މިތާ ވޯކްކުރާކަން އެނގުނީމަ މީޓްކޮށްލަން އައީ......................." ސައިރަސްގެ ވާހަކައިން ކާއިނާތު ކޮށިއަރާގޮތްވިއެވެ.

"ކާއިނާތު އެކަމަކު ބުނީ ސައިރަސް ގުޅައިގެން ރޭ ނުވެސް ނިދުނު ވާހަކަ...."ބިލާލް ހޭންފެށިއެވެ.

ކާއިނާތުގެ އަނގައިން ބަސްހުސްވިއެވެ. ފޮނި ކަނޑަން ހަދައިގެން މިގޮތަށް ލަދެއްގައި ބެދި ބޭޒާރުވެދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. އޭނަ ސައިރަސްއަށް އިތުބާރުކުރާތީ އެހެން ބުނީ ރޭގައި ނުގުޅިޔަސް ގުޅާނެކަން ޔަގީންވާތީއެވެ. މާޒީއަކީ ކޯނޗެއްހެއްޔެވެ؟ އެދުވަސް އަލުން ނާންނާނެއެވެ. އުޅެން ޖެހެނީ ދުވަހުން ދުވަހަށެވެ. ވީއިރު ދޮގެއް ހެދިކަމަކަށް ނުވާނެކަމަށް ކާއިނާތުގެ ސިކުނޑިއަށް އަރާ އިން ޝައިތާން ބުނެދިނެވެ.

"ބިލާލްއަށް އެއް ޖުމްލަ ނީވުނީނު. އަހަރެން ބުނީމެއްނު ހުވަފެނުގައޭ......"ކާއިނާތު ގެ މޫނު ރަތްވެގެން ދިޔުމާއެކު ހާސްކަމުގެ ހުނުމެއް ހީލިއެވެ.

"އިޓްސް އޯކޭ. އުފާވެއްޖެ ބައްދަލުވީމަ. ގުޅާނަން އިނގޭ. ހޭވް އެ ޕްލެޒެންޓް ޑޭ......"ސައިރަސް ކާއިނާތުއާއި ސަލާމްކޮށްލާފައި އަސަލްއާއިއެކު ދާން ހިނގައިގަތީ ކާއިނާތު އެތައް ޖަޒުބާތެއްގެ ތެރޭ ހަފުސްކޮށްލާފައެވެ. އެމީހުން ލޯ ކުރިމަތިން ގެއްލުމާއެކު އެންމެންގެ މަލާމާތާއި ކުރިމަތިލާން ޖެހުނެވެ. އެވަރުން ކާއިނާތުގެ ވާހަކައަށް އެމީހުންނަށް ދުވަހަކުވެސް އިތުބާރުނުކުރެވޭނެކަމުގައި ބުނެލިއެވެ. މިސްބާހު ހުރީ ކާއިނާތުއާއި އެއްކޮޅަށެވެ. ކާއިނާތު ހުވަފެނެއްގެ ވާހަކަ ދެއްކީ ކަމަށާއި އެއީ މައްސަލައެއް ނޫންކަމުގައި އޭނަ ބުނެލިއެވެ. އެންމެންގެ ތެރެއިން ސައިރަސް ކާއިނާތުއަށް ގުޅުމަކީ ޝަރަފެއްކަމަށާއި އެންމެން ކާއިނާތުގެ އުފަލުގައި ބައިވެރިވާން އޭނަ އެދުނެވެ.

***

ކާއިނާތުއަށް ސައިރަސް ފޮނުވީ މެސެޖެކެވެ. ރޭގަނޑު ކެއުމަކަށް ދައުވަތުދީފައި އޮތް މެސެޖް ފެނުމުން ކާއިނާތުގެ ހިތް އުފަލުން ނަށައިލިއެވެ. އެއްވެސް މީހަކަށް ނާންގާ ސިއްރުން ކެއުމަށް ދާން ތައްޔާރުވާން ހުއްޓާ އަސަލް ގުޅިއެވެ. ފޯނު ނުނަގަން ހުރެފައިވެސް ކާއިނާތު ފޯނުނެގިއެވެ.

"ކާއީ. މިރޭ މިގޭގައި ޑިނާރ އެއް އެބައޮތް. ކާއީ ގެންނަންކަމަށް. އިޝާއަށްފަހު މަންމަ ގޮވައިގެން އަންނައްޗޭ....."

ކާއިނާތުއަށް އަސަލް ގުޅައިގެން އެހާ އުދަގޫވީ ފަހަރެއް ނައެވެ. އޭރު އޭނަގެ އެނދުމައްޗަށް ހުރިހާ ހެދުންތައް އަޅައިގެން ހުރެ ހޮވަންވީ އެއްޗެއް ނޭގިގެން ފަހަރަކު ހެދުމެއް ގައިގާ ޖައްސަމުން ދިޔައެވެ. ފޯނު ސްޕީކަރަށް ލާފައި އެނދުމަތީގައި ބާއްވައިގެން ހުރިއިރުވެސް ކާއިނާތުގެ ސިކުނޑިވަނީ ސައިރަސްގެ ތަސްވީރުތަކުން ފުރާލަފައެވެ.

"މާދަން ރޭ ކިހިނެއްވާނެ؟"

"މިރޭ ކުޑަ ޕާޓީއެއް އޮތީ އެހެންވެ. ފެމިލީއަށް ކާއީ އިންޓްރޮޑިއުސްކޮށްދޭން. ރަސްމީކޮށް..........."

"ވަރަށް ގަދަޔަށް ބޮލުގައި ރިއްސާތީ އަވަހަށް ނިދަން ކަމަށް. ސޮރީ...އެހެން ފަހަރަކުން އިނގޭ..." ކާއިނާތު އުުޒުރެއްދެއްކިއެވެ.

"ޑޮކްޓަރަށް ދައްކަން އެޕޮއިންޓެންޓެއް ހަދާދޭންވީ؟ކާއީ މާ ގިނައިން މަސައްކަތްކޮށް ނުނިދާއުޅޭތީ ޓެންޝަން ހެޑޭކްކަން ނޭގޭ. އެހެންނޫނަސް އެހެން ކަމެއް ނެތްތޯ ޔަގީންކޮށްލަން ޖެހޭނެ........"އަސަލްގެ އަޑުގައި ކަންބޮޑުވުމާއި އޯގާތެރިކަން އެކުލެވުނެވެ. އޭނަ ބަލިވެއްޖެއްޔާ އަސަލް އަޅާލާނެވަރު އޭނަގެ ކޮންމެ ވާހަކައަކުންވެސް އަންގައިދެއެވެ.

"އެޕޮއިންޓްމެންޓެއް ހައްދާލިޔަސް އޯކޭ...."

"ބޭސްކައިފިންތަ؟"

"ހޫމް....."ކާއިނާތު އަނެއް ހެދުން ގައިގާ ޖައްސައިލިއެވެ. މެރޫންކުލައިގެ އެހެދުން ރަގަޅުވާނެކަން ނޭގެއެވެ. އަސަލް ހިތްވަރުގެ ބަސްތަކެއް ބުނުމަށްފަހު ލޯބިވާ ވާހަކަ ބުނެފައި ފޯނު ކަނޑައިލުމުން ކާއިނާތު އަވަސްވެގަތީ ތައްޔާރުވުމަށެވެ. މިރެއަކީ ޚާއްސަރެއަކަށް ވާނެކަމާއިމެދު އޭނަ ޝައްކެއް ނުކުރެއެވެ. ސައިރަސްއާއެކު ހަޔާތުގެ އާ ސަފުހާތަކެއް ފުރާލުމަށް އަޒުމް ކަނޑަ އަޅައިގެން ހުރެ ކާއިނާތު ގެއިން ބޭރަށް އެޅީ އެހެން ރާސްތާއަކަށް ދާން އެޅި ފުރަތަމަ ފިޔަވަޅެވެ. އަސަލްގެ އޯގާތެރިކަމާއި ހިމާޔަތުން ފުރިގެންވީ ސާހިލް ދޫކޮށް މާސިންގާ ކަނޑަށް ނުކުތީ އެވެ. އިސްތިޚާރާ ކުރުމެއް ދުޢާކުރުމެއް ނެތި އަމިއްލައަށް ނިންމި ނިންމުމެކެވެ. މުސްލިމެއް ނޫނަސް އޭނައަށްޓަކާ މުސްލިމްވެ ހަޔާތުގެ ބައިވެރިޔަކަށްވާނެކަމަށް ކާއިނާތު ފޮނި ހުވަފެންތައް ދެކުނެވެ.

***

ސައިރަސް ކާއިނާތު ގޮވައިގެން ދިޔައީ ސަފާރީއަކަށެވެ. ސަފާރީ ޑެކްމަތީގައި ހަނދާއި ތަރިތަކުގެ ދަރުބާރުގައި ދެމީހުންގެ ކެއުން ކުރިއަށް ދިޔައިރު ކާއިނާތުގެ ހިތް ސައިރަސްއަށްޓަކާ ގުރުބާންވާވަރުވިއެވެ. ސައިރަސް ލޯބީގެ އެއްވެސް ވާހަކައެއް ނުދެއްކިކަމުގައި ވިޔަސް އެކުއްޖާގެ ހިތް އޭނަ ދެނެގަތްފަދައެވެ. ފުރަތަމަ ރޭގެ ކެއުން ރަސްމީކޮށް ދިޔައިރު ގިނައިން ދެކެވުނީ ފަލަކުގެ ވާހަކަތަކެވެ. ސައިރަސްގެ ޒާތީ ދިރިއުޅުމަށްވުރެ ބޮޑަށް ކާއިނާތުގެ ވާހަކަތައް އޭނަ އެހިއެވެ. ލޯބިވެރިޔަކު ހުރިތޯ ސުވާލުކުރުމުން އެމޫނަށް އެތައް ހާސް ކުލައެއް އެރިއެވެ.

ނުނިމޭ