ޖަލްސާކުރާ މާލަމަށް ނުވަދެ ރައްޔިތުންގެ މަޖިލީހުގެ ސައިކޮޓަރި އާއި އެހެންތަންތަނުގައި މެންބަރުން ތިއްބެވުމަކީ، ގަސްތުގައި މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދަން ބޭނުންނުވާކަން އަންގައިދޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލިގެން 10:15 އެހާކަންހާއިރު ޖަލްސާ މެދުކަނޑައިލުމަށް ފަހު 11:00ގައި ނާޒިމްގެ ރިޔާސަތުގެ ދަށުން ޖަލްސާ ފަށައިގެން ކުރިއަށް ގެންދަވަނިކޮށް ދެވަނަ ފަހަރަށް ކޯރަމް ގެއްލިގެން ޖަލްސާ ކުރިއަށް ނުގެންދެވިގެން 11:15 އެހާކަންހާއިރު ޖަލްސާ މެދުކަނޑުއްވައި ލައްވަމުން ނާޒިމް ވިދާޅުވީ، އެވަގުތު މަޖިލީހުގައި ހިނގަމުންދިޔަ ކޮމިޓީތަކުގައި ތިއްބަވަން ޖެހޭނީ 22 މެންބަރުން ކަމަށާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ޗުއްޓީނަންގަވާފައި ވަނީ ހަ މެންބަރުން ކަމަށްވާ އިރު، އެވަގުތު 47 މެންބަރުން ޖަލްސާގައި ތިއްބަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"މިވަގުތު ހިނގަމުން ދަނީ ދެ ކޮމިޓީއެއް. އެއީ 22 މެންބަރަކު އެ ކޮމިޓީތަކުގައި ތިއްބަވާނީ. ދެން މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޗުއްޓީގައި ތިއްބެވި ހަ މެންބަރަކު. އެހެންކަމަށް ވިޔަސް މަޖިލީހުގެ މާލަމުގައި މިހާރު ވެސް ތިއްބަވަން ޖެހޭނެ 47 މެންބަރުން. އެހެންވީމަ ކޯރަމް ހަމަ ނުވެގެން ޖަލްސާ މެދުކަނޑާލަނީ. މަޖިލީހުގެ މާލަމަށް ނުވަދެ މަޖިލީހުގެ ސައިކޮޓަރީގަ އާއި އެހެންތަންތާނގައި މެންބަރުން ތިއްބެވުމަކީ ގަސްތުގައި ޖަލްސާ ކުރިއަށް ގެންދަން ބޭނުންނުވާކަން އެނގޭކަމެއް. އެހެންވީމާ އެސަބަބަށް ޓަކައި ޖަލްސާ މެދުކަނޑާލަނީ. ދެން ޖަލްސާ ފަށަން ގަސްތުކުރަނީ 11:30ގަ،" ނާޒިމް ވިދާޅުވި އެވެ.

އެގާރަގަޑީ ތިރީހުގައި ޖަލްސާ ފެށުމަށް ނިންމަވައި ޖަލްސާ މެދުކަނޑުވައި ލެއްވި ނަމަވެސް އަލުން ޖަލްސާ ފަށާފައި ވަނީ 11:35 އެހާކަންހާއިރު އެވެ.

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގެ ކޯރަމް ފުރަތަމަ ގެއްލުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނިކޮށް 10:15 އެހާކަންހާއިރު އެވެ.