10:00


މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބާއްވާ ނައިޓް މާކެޓް، ހަ ސަތޭކަ އަށް ވުރެ ގިނަ މޭޒާ އެކު ރޭ ހުޅުވައިފި އެވެ.


ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި އަލޯރާ ގުޅިގެން ބާއްވާ "އަލޯރާ ނައިޓް މާކެޓާ" ކުރިން ހުޅުވުމަށް ހަމަޖައްސާފައި އޮތީ ބުދަ ދުވަހުގެ ރެ އެވެ. އެހެންނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ބުރާސްފަތި ދުވަހުގެ ރެއަށް ފަސްކުރީ އެވެ. 631 މޭޒުގެ ޖާގައާ އެކު ކުރިއަށްދާ ނައިޓް މާކެޓް ރޭ ހުޅުވައިދެއްވީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އެވެ.


ނައިޓް މާކެޓް ކުރިއަށްދަނިކޮށް ރޭ ވެސް ވަނީ މޫސުން ގޯސްވެ، ވިއްސާރައިގެ އަސަރު ކޮށްފަ އެވެ. އެގޮތުން މީހުން ތޮއްޖެހިފައި އޮތް ނައިޓް މާކެޓް ސަރަހައްދަށް ވިއްސާރަވުމާއެކު މުދާތައް ރައްކާތެރިކުރުމަށް ގިނަ ވިޔަފާރިވެރިން ވަނީ މޭޒުތައް ސަތަރިން ނިވާކޮށް، އަދި މުދާތައް ވާރެއިން ސަލާމަތްކުރުމަށް ކޮތަޅު ފަދަ ތަކެތި ބޭނުންކޮށްފަ އެވެ. އެހެންނަމަވެސް، ކުއްލިއަކަށް ވެހިގަތް ވާރޭގައި ބައެއް މޭޒުތަކުގައި ހުރި މުދާތައް ތެމި ފޯވި އެވެ. އަދި އިލެކްޓްރޯނިކް ސާމާނާއި ގޮނޑި މޭޒުފަދަ ތަކެއްޗަށްވެސް ފެންއެޅިފައިވެ އެވެ.


ނައިޓް މާކެޓުގައި މޭޒެއް ކުއްޔަށް ހިފައިގެން އުޅޭ ފިރިހެނަކު ބުނީ، ވާރޭގެ ސަބަބުން މިފަހަރުގެ ވިޔަފާރި ވަރަށް ބޮޑަށް " ދަށަށްދާނެ" ކަމަށެވެ. އެގޮތުން ރޭ ވެސް މާބޮޑު އެއްޗެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.


ވިއްސާރައިން ސަލާމަތްވުމަށް ނައިޓްމާކެޓަށް ގޮސް ތިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަހައްދުގައި އަޅާފައި ހުރި ދޯނި އާއި ބޯޓު ފަހަރުތަކަށްވެސް އަރާފަ އެވެ.