މިދިޔަ ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ބުލެކް މާކެޓްގައި ޑޮލަރުގެ އަގު ވެއްޓިފައިވާ ކަމަށް އެ ކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު ވިދާޅުވީ މިދިޔަ ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ބާޒާރަށް ލިބުނު އެންމެ ބޮޑު ކުރި އެރުމަކީ ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް އައުން ކަމަށާއި ބޭރު ފައިސާގެ މާކެޓަށް ކުޑަ ނަމަވެސް ލުޔެއް ލިބުން ކަމަށެވެ.

"މިސާލަކަށް ކުރިން [ޑޮލަރު] ހުރީ ބުލެކްމާކެޓްގައި ވެސް 17ރ. ހިސާބުގައި. މިހާރު ގާތްގަނޑަކަށް 16.40ރ، 16.50ރ. އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބެނީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް އައިސްފައި ވަނީ އިންޑިއާ އިން ރާއްޖެ އަށް ދިން 50 މިލިއަން ޑޮލަރު އެކޮނޮމީގައި ދައުރުވާން ފެށުމާއި ރާއްޖޭގެ ފަތުރުވެރިކަން ހީކުރި ވަރަށް ވުރެ ރަނގަޅު ވުމުން ކަމަށެވެ.
"މި އަހަރުގެ ކުރީ ކޮޅުގައި ލިބިގެން ހިނގައްޖެ އިންޑިއާ ސަރުކާރުން ދައްކަން އޮތް 50 މިލިއަން ޑޮލަރު، އޭތި ރޯލް އޯވާ ކުރުވުމުގެ ސަބަބުން ބޭރު ފައިސާގެ އިންޖެކްޝަނެއް ލިބިގެން ދިޔައީ. އަނެއްކާ ލަފާ ކުރި އަދަދަށް ޓޫރިޒަމް ރަނގަޅު ސީޒަނެއް ވީމަޔާ އެކު ރަނގަޅުވެގެން މިދިޔައީ،" އަހުމަދު ވިދާޅުވި އެވެ.

މި ވަގުތަށް ބޭރު ފައިސާގެ މައްސަލަ ހައްލުވެފައި އޮތް ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުފައިސާގެ އަގު އަނެއްކާ ވެސް އުފުލިދާނެ ކަމުގެ ބިރުބޮޑުވެފައިވާ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލެން ފަށާފައިވާ އިރު ބޭރު ފައިސާ ހަރަދުކުރަން ޖެހޭ ވަރު އިތުރުވެ ޑޮލަރުގެ ޑިމާންޑް ބޮޑުވާނެ ކަމަށެވެ.

"އޭރުން އެކޮނޮމީގައި ހުންނަ ޑޮލަރު މަދުވެ ޑިމާންޑް ބޮޑުވީމާ، އަގު މައްޗަށް ދާނެ. އޭރުން ދެން އޮތީ ޑޮލަރުގެ އަގު ބޮޑުވެދާނެ ދުވަސްކޮޅެއް. މި ވަގުތު މިހެން އޮތަސް،" މިނިސްޓަރު ވިދާޅުވި އެވެ.

ސަން މީޑިއާ ގުރޫޕާ މިއަދު ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ވެސް ވަނީ ޑޮލަރުގެ އަގު ކުރިއާ އަޅާބަލާ އިރު ދަށްވެފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މުދާ އިމްޕޯޓްކޮށް ވިޔަފާރި ކުރާ ވިޔަފާރި ވެރިއަކު ނަން ނުޖެހުމަށް އެދި ބުނީ ބޮޑަތި އަދަދުތަކުން ޑޮލަރު ގަންނަން ލިބެނީ ބޮޑެތި އަގުތަކުގައި ކަމަށެވެ.

"އެއީ މިދުވަސްކޮޅުގެ ގޮތުން. އެކަމަކު އެއީ ދާއިމީ ކަމަކަށް ނުވާނެ،" އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޑޮލަރުގެ އަގު އަގު 12.85 ރުފިޔާ އިން 15.42 ރުފިޔާ އަށް ބަދަލުކުރުމާ އެކު ޑޮލަރުގެ ބުލެކް މާކެޓްގައި އަގު އިތުރަށް މައްޗަށް ދިޔަ އެވެ. މިދިޔަ އަހަރުގެ ފަހު ކޮޅުއްސުރެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންމެވެސް ވަރަކަށް ވަނީ ދަށްވެފަ އެވެ.