ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު (އަންނި)ގެ ސަރުކާރު ބަދަލުކުރި މީހުން މަރާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑާ) އިންޒާރު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ އާބިޓްރޭޝަންގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނަކީ ބާޣީން ކަމަށް ސިފަކޮށް، އިބްރާހިމް ރަޝީދު ވިދާޅުވީ، ޒޮންބީންތަކެއް ފަދައިން އެމީހުން މުޅި ގައުމު "ކަބްޒާ" ]ހައިޖެކް[ ކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ނައްތާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކާވީސްރޭ މުޒާހަރާކޮށްފައި ބިއްލޫރިތަކާ އެއްޗެހި ތަޅައި ފެންފޯއްރުއްތަކާ އެއްޗެހި ވައްޓައި ޒޮންބީން އަރާހެން މުޅި ގައުމު މިއޮތީ ކަބްޒާކޮށްފައި. އެހެންވީމާ ހަނދާންކުރާތި އަޅުގަނޑުމެން ނުދޭނަން ފުރުސަތެއް. ދަނޑިބުރި ހިފައިގެން ނުކުމެ އެބަޔަކު މަރާލާނަން. އެ ބަޣާވާތްކުރި ބަޔަކު މިތަނުން ނައްތާލާނަން،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، އާސަންދައިގެ ދަށުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރުމަށް ކުރުމަށް ކަނޑައަޅާފައިވާ ފައިސާ ގައުމުގެ ބައެއް މުއްސަނދިން ފޭރިގެންފައިވާ ކަމަށެވެ. އަދި އާސަންދައިގެ ހިދުމަތް މި ސަރުކާރުން މެދުކަނޑާލައިފި ނަމަ ދަނޑިބުރި ހިފައިގެން ނިކުމެ ސަރުކާރު ވައްޓާލާނެ ކަމަށް ވެސް އޭނާ އިންޒާރު ދިނެވެ.

"އަޅުގަނޑުގެ ޝަކުވާ އަކީ އާސަންދައިގެ މައްސަލަ. އެއްވެސް ގޮތަކަށް އެއްވެސް ހާލެއްގައި އާސަންދަ މެދުކަނޑުވާލައިފި ކަމަށް ވަންޏާ އަޅުގަނޑުމެން މަޑެއްކޮށް ނުތިބޭނަން. ދަނޑިބުރި ހިފައިގެން މި ސަރުކާރު ވައްޓައިލާނަން،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އެ ބިލުގެ ބަހުސްގައި އާ ސަންދައާ ބެހޭ ގޮތުން އިބްރާހިމް ރަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ސަރުކާރުގެ ކޯލީޝަންގައި ހިމެނޭ ބައެއް މެންބަރުން ވިދާޅުވީ، ސަރުކާރުން އާސަންދައިގެ ހިދުމަތް ހުއްޓާލަން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ އެހިދުމަތް ވީހާ ވެސް ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕަބްލިކް ޓީވީގެ ކުރިމަތީގައި އިސްތިއުފާ ދެއްވުމުންނެވެ. ނަމަވެސް އިސްތިއުފާ ދެއްވިތާ 24 ގަޑިއިރު ފަހުން ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ ފޯސްކުރުވައިގެން ކަމަށެވެ.