ކޯރަމް ގެއްލިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.

އާބިޓްރޭޝަންގެ ބިލުގެ ބަހުސް ހިނގަމުން ދަނިކޮށް، 10:10 އެހާކަންހާއިރު ޖަލްސާގެ ކޯރަމް ގެއްލިގެން ކޯރަމް ރަނގަބީލު ޖެހުމުން ވެސް ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ ވަރަށް ކޯރަމް ނުލިބުމުން 10:15ގައި ޖަލްސާ މެދުކަނޑުއްވައި ލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން 10:30 އާ ހަމައަށް މެންބަރުންނަށް ވަގުތު ދެއްވުމަށް ފަހު ދެން ޖަލްސާ ފައްޓަވާނީ 11:00 ގައި ކަމަށެވެ.

"ޖަލްސާގެ ކޯރަމް ނެތުމާ އެކު މަޖިލީޙުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ނ)ގެ ދަށުން މެންބަރުންނަށް ވަގުތުކޮޅެއް އަރުވާނަން 10:30 އާ ހަމައަށް. އެއަށް ފަހު އަޅުގަނޑުމެންގެ މަސައްކަތް ފަށާނީ 11:00ގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން،" ޝާޙިދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އާބިޓްރޭޝަންގެ ބިލުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ސްޓްރާޓާ އުސޫލުން އިމާރާތް ކުރުމުގެ ބިލާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި، ސިވިލްސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމު ހުށަހަޅުއްވާފައިވާ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. އޭގެ އިތުރުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާއި މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހް ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓާއި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލު ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމުގެ އިތުރުން ބައެއް ބިލުތަކަށް ވޯޓަށް އެހުމަށް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާ އިރު ކޮންމެ ދުވަހަކީ ކޯރަމް ގެއްލިގެން ޖަލްސާ ހުއްޓާލަން ޖެހިފައިވާ ދުވަހެކެވެ. އެހެންކަމުން ޖަލްސާގެ ކޯރަމް ހަމަ ކުރުމަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމުގެ އިތުރުން ސިޔާސީ ޕާޓީތަކުން އެކަމާ މެދު ވިސްނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފަ އެވެ.