ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި، ގްރޫޕް ޑީގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު، ޓިއުނީޝިއާ އަތުން ވޯލްޑް ކަޕުގެ އެންމެފަހުގެ ޗެމްޕިއަން ފްރާންސް ބަލިވެއްޖެ އެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ފްރާންސް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުން މޮޅުވި ނަމަވެސް، ޓިއުނީޝިއާ އަށް މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ލިބޭގޮތެއް ނުވިއެވެ.

އެ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅެއް ހޯދީ، ފަހު މެޗުގައި ފްރާންސް އަތުން އެކަންޏެވެ. ފުރަތަމަ ދެ މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވި އިރު އަނެއް މެޗުންވީ ބައްޔެވެ.

ފްރާންސް އަތުން ހޯދި މޮޅާއެކު ޓިއުނީޝިއާ އަށް ގްރޫޕް ސްޓޭޖުގައި ލިބެނީ ޖުމްލަ ހަތަރު ޕޮއިންޓެވެ. މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގަ ހޯދީ ފްރާންސެވެ. ދެން ދެވަނަ ބުރުގެ ޖާގައެއް ހޯދީ، އޮސްޓްރޭލިއާ އެވެ. ފްރާންސާއި އޮސްޓްރޭލިއާ އަށް ހަ ޕޮއިންޓު ލިބިފައިވާއިރު، ފްރާންސަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ޓިއުނީޝިއާ އަށް ތާވަލުގެ ތިންވަނަ ލިބެނީ ހަތަރު ޕޮއިންޓާއެކުއެވެ. ފުލުގައި އޮތީ، އެއް ޕޮއިންޓާއެކު ޑެންމާކެވެ.

މިރޭގެ މެޗަށް ނުކުތްއިރު ވެސް ފްރާންސަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން، އެޓީމުން މެޗަށް ނުކުތީ ފުރަތަމަ 11 އަށް ބޮޑު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ނުވަ ބަދަލެއް ފްރާންސް ޓީމުގެ ފުރަތަމަ 11 އަށް ގެނެސްފައިވެއެވެ.

އާންމުކޮށް ފުރަތަމަ 11 ގައި ހިމަނާ ގިނަ ކުޅުންތެރިންތަކެއް މި މެޗުގެ ފުރަތަމަ 11 ގައި ހިމަނާފައި ނުވާއިރު، ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މިހާފުގައި ފްރާންސްގެ ކުޅުންތެރިންނަށް ފޮނުވާލެވިފައި ވަނީ އެންމެ ދެ ހަމަލާއެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން ޓިއުނީޝިއާގެ ކުޅުންތެރިން އެޓޭކިންގް ގޭމެއް ކުޅުނުއިރު، މިހާފުގައި އެޓީމުގެ ކުޅުންތެރިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ.

ކުރިއަށް ޖެހިގެން، "ޕްރެސިންގް" ގޭމެއް ޓިއުނީޝިއާ އިން ދެވަނަ ހާފު ފަށައިގެން ކުޅުމުގެ ނަތީޖާ އަކަށްވީ، މިހާފުގެ 13 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ޖަހައި ލީޑު ނެގުމެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވަހްބީ ޚަޒްރީ އެވެ، މިއީ ލައިޑޫނީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޚަޒްރީ ޖެހި ލަނޑެކެވެ.

ފްރާންސާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ގެޓީ އިމޭޖަސް

މިއާއެކު ފްރާންސުން ވަނީ އެޓީމުގެ މޮޅެތި ކުޅުންތެރިންނަށް މެޗުގައި ފުރުސަތު ދީފައެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި އެޑްރިއަން ރަބިއޮޓާއި ކިލިއަން އެމްބާޕޭ ވަނީ ކުޅެން އަރުވާފައެވެ. އަދި 73 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން އަށްވެސް ފުރުސަތު ދީފައިވެއެވެ.

ގެނައި ބަދަލުތަކާއެކު ފްރާންސް ޓީމުގެ ކުޅުމުގެ ފެންވަރު ރަނގަޅުވެ، އެޓޭކުތައްވެސް ވަރުގަދަވިކަން ފާހަގަކުރެވުނެވެ. ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ފްރާންސް ޓީމުން މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ވަނީ، ޓިއުނީޝިއާގެ ގޯލުގެ ތެރެެއަށް ބޯޅަ ވައްދާލާފައެވެ. އެހެންނަމަވެސް، މި ހަމަލާ އުފެއްދި ގްރީޒްމަން، ބޯޅަ ލިބުނުއިރު އޮފްސައިޑު މަގާމެއްގައި ހުރުމުން ރެފްރީ ވަނީ ވީއޭއާރުގެ އެހީ ހޯދުމަށްފަހު މިއީ ލަނޑެއް ނޫން ކަމަށް ނިންމާފައެވެ.

މެޗުން މޮޅުވި ނަމަވެސް ޓިއުނީޝިއާ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލުނީ، މި ގުރޫޕުގެ އަނެއް މެޗުގައި ޑެންމާކުގެ މައްޗަށް އޮސްޓްރޭލިއާ އިން ކުރި ހޯދުމުންނެވެ. އެ މެޗު އެއްވަރުވި ނަމަ ޓިއުނީޝިއާ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނީހެވެ.

ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރި ފްރާންސް ޓީމުގެ ކުޅުންތެރިން --ފޮޓޯ/ގެޓީ އިމޭޖަސް

މި ނަތީޖާ އާއިއެކު ގްރޫޕް އެފް އިން ދެވަނަ ބުރުގެ ޖާގަ ހޯދި ފްރާންސުން ދެވަނަ ބުރުގައި ކުޅޭނީ ގްރޫޕް ސީގެ ދެވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. އަދި އޮސްޓްރޭލިއާ ބައްދަލު ކުރާނީ އެ ގުރޫޕުގެ އެއްވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ.

އެ ގުރޫޕުގައި ހިމެނެނީ ޕޮލެންޑާއި، އާޖެންޓީނާގެ އިތުރުން ސައުދީ އަރަބިއްޔާ އަދި މެކްސިކޯ އެވެ.