ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ޑެންމާކު ބަލިކޮށް އޮސްޓްރޭލިއާ އިން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ މޮޅުވެގެންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ.

އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ޑެންމާކަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އޭރިއާ ބޭރުން ޑެންމާކުގެ ޖޯކިމް ނެގި ހުރަސް، އޮސްޓްރޭލިއާގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް، އެ ބޯޅަ ދިފާއުކުރީ އެޓީމުގެ ކީޕަރު މެތިއު ރަޔަން އެވެ.

އޮސްޓްރޭލިއާ އިން މެޗުގައި ލަނޑު ޖަހާ ލީޑު ނެގީ 60 ވަނަ މިނެޓުގައެވެ. އެ ގޯލަކީ މެކްގްރީ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން މެތިއު ލެކީ ޖެހީ ރީތި ގޯލެކެވެ.

މި މޮޅާއެކު ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި އޮސްޓްރޭލިއާ އަށް ދެވަނަ ބުރުގެ ޖާގައެއް ވަނީ ލިބިފައެވެ. އެ ޓީމަށް ދެވަނަ ލިބެނީ ތިން މެޗު ކުޅެ، ހަ ޕޮއިންޓު ހޯދައިގެންނެވެ. އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން، ދެ މެޗުން މޮޅުވެފައިވާއިރު އެއް މެޗުން ވަނީ ބަލިވެފައެވެ.

އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ފްރާންސެވެ. އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. އެ ޓީމުވެސް ކުޅުނު ދެ މެޗުން މޮޅުވެފައިވާއިރު އެއް މެޗުން ބަލިވެފައިވެއެވެ.

އެ ގްރޫޕްގެ ތިން ވަނަ މަގާމު ލިބެނީ ޓުނީޝިއާ އަށެވެ. އެ ޓީމަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓު ލިބިފައެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ޑެންމާކަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.