ޕިޔޮންޔަންގް (އެޕްރީލް 9) : އުތުރުކޮރެޔާއިން ޖައްވަށް ފޮނުވާ ސެޓަލައިޓަށް ގޯނާ ނުކުރުމަށް އެޤައުމުން ޖަޕާނަށާއި ދެކުނުކޮރެޔާއަށް އިންޒާރުކޮށްފިއެވެ.

އުތުރުކޮރެޔާ ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ އެޤައުމުގެ ސެޓަލައިޓަށް ހުރަސްއަޅައި ގޯނާކުރާ ކޮންމެ ޤައުމަކީ ހަނގުރާމަ އިޢްލާންކުރާ ޤައުމެއްގެ ގޮތުގައި ބަލާނެ ކަމަށާއި އެކަމުގެ ރައްދު ވަރަށް ރަޙުމު ކުޑަގޮތަކަށް ދޭނެކަމުގައެވެ. އުތުރުކޮރެޔާގެ ރަސްމީ ނޫސްއެޖެންސީން ހާމަކުރި މިބަޔާނުގައި ޖަޕާނަށާއި ދެކުނު ކޮރެޔާއަށް ސީދާގޮތެއްގައި އިންޒާރުދީ ބިރުދައްކާފައިވެއެވެ. މިދެޤައުމަކީވެސް އުތުރުކޮރެޔާގެ ސެޓަލައިޓަށް ހުރަސްއަޅާފާނެ ކަމުގެ އިންޒާރުތައް ދީފައިވާ ދެޤައުމެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔުޝޮހީކޯ ނޮޑާ ދާދިފަހުންވަނީ އުތުރުކޮރެޔާއިން ޖައްވަށް ފޮނުވާނެކަން އިޢްލާންކޮށްފައިވާ ސެޓަލައިޓް ވައްޓާލަންޖެހިއްޖެ ޙާލަތެއްގައި އެކަން ކުރުމަށް ތައްޔާރަށް ތިބުމަށް ޖަޕާންގެ ދިފާޢީ ބާރުތަކަށް އަމުރު ކުރައްވާފައެވެ. ނަމަވެސް އުތުރުކޮރެޔާގެ ސެޓަލައިޓް ވައްޓާލުމަށް ނޮޑާ އަމުރުކުރެއްވީ އެސެޓަލައިޓް ފޮނުވުމަށް ބޭނުންކުރާ ރޮކެޓްގެ ސަބަބުން ޖަޕާނަށް ނުރައްކަލެއް ކުރިމަތިވާފަދަ ޙާލަތެއްގައި ކަމަށް ނޮޑާގެ އޮފީހުން ފަހުން ބުނެފައިވެއެވެ. މިފަދަ އިންޒާރެއް ދެކުނު ކޮރެޔާއިންވެސް ދީފައިވެއެވެ. މިއިންޒާރުތަކާއެކުވެސް މިފަދަ ފިޔަވަޅެއް އުތުރުކޮރެޔާއާ ދެކޮޅަށް އަޅަން ޖަޕާނަށްވެސް އަދި ދެކުނު ކޮރެޔާއަށްވެސް ނުކުރޭނެކަމަށް މުރާސިލުން ބުނެއެވެ.

އުތުރުކޮރެޔާގެ ސެޓަލައިޓް އުދުއްސާލުމަށް ބޭނުންކުރާނެ ކަމަށް ބެލެވިފައިވާ ބިޔަ ރޮކެޓަކީ އޭގެ ބައިތައް އެކިމަރްޙަލާގައި ވެއްޓޭގޮތަށް ފަރުމާކޮށްފައިވާ ރޮކެޓެއްކަމުން މިރޮކެޓްގެ ބައެއް ޖަޕާނަށް ނޫނީ ދެކުނު ކޮރެޔާއަށް ވެއްޓިދާނެ ކަމަށް އެދެޤައުމުން ލަފާކުރެއެވެ.

އެމެރިކާއާއި ޖަޕާނާ އަދި އެމެރިކާއިން ދެކޮޅުހެދި ނަމަވެސް ޖައްވަށް ސެޓަލައިޓް ފޮނުވުމުގެ ކަންތައް މިމަހުގެ ކުރީކޮޅު ކުރިޔަށްގެންދާނެކަން އުތުރުކޮރެޔާވަނީ ކަށަވަރުކޮށްދީފައެވެ. އުތުރުކޮރެޔާ ބުނާގޮތުން އެޤައުމުން ޖައްވަށް ފޮނުވަނީ މުސުމާބެހޭ ދިރާސާތައްކުރުމުގެ ސެޓަލައިޓެކެވެ.

މިސެޓަލައިޓް ފޮނުވުމުގެ ތައްޔާރީތައް އުތުރުކޮރެޔާއިން ވަމުންދާކަން ސެޓަލައިޓް ފޮޓޯތަކުން ހާމަވާ ކަމަށް ދެކުނު ކޮރެޔާއާއި އެމެރިކާ ބުނެއެވެ. އުތުރުކޮރެޔާއިން ސެޓަލައިޓެއް ފޮނުވުމުގެ ބޭނުމަކީ ދުރުރާސްތާގެ މިސައިލް ތަޖްރިބާކުރުން ކަމަށް ތުހުމަތުކޮށް އެމެރިކާވަނީ އުތުރުކޮރެޔާއަށް ދިނުމަށް ކުރިން އެއްބަސްވި ކާބޯތަކެތީގެ އެހީ ދިނުން ހުއްޓާލާފައެވެ.

އުތުރު ކޮރެޔާއިން ޖައްވަށް ސެޓަލައިޓެއް ފޮނުވުމަށް ނިންމީ ނިއުކްލިޔަ އަދި މިސައިލް ތަޖްރިބާތައް ހުއްޓާލުމަށް އެމެރިކާއާއެކު އެއްބަސްވެފައި ވަނިކޮށް ކަމަށް އެމެރިކާ ބުނިނަމަވެސް އެމެރިކާއާއެކު މިފަދަ އެއްބަސްވުމަކަށް އައިސްފައިވާކަން އުތުރުކޮރެޔާ ހާމަކޮށްފައެއް ނުވެއެވެ. --ނޫސްއެޖެންސީތައް