ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދާދި ފަހުން ލިބިވަޑައިގެންނެވި، ކުރީގެ އިންފޯމޭޝަން މިނިސްޓަރު ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ)ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށު ނަމާދު މިރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ.

އުމުރުފުޅުން 72 އަހަރުގައި އިބްރާހީމް މަނިކު އަވަހާރަވީ، ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

އިބްރާހީމް މަނިކުގެ ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު، 16:45ގައި، ބެންގަލޯގެ ޤުއްދޫސް ސެމެޓްރީގައެވެ. މޫނު ދެއްކުން އޮތީ 15:30 އިން ފެށިގެންނެވެ.

ވީހާވެސް ގިނަ ބަޔަކު ޖަނާޒާގައާއި ޣައިބަށް ކުރެވޭ ކަށުނަމާދުގައި ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

ދިވެހިރާއްޖޭގެ އަޑާ 1974 ވަނަ އަހަރުގެ ޖުލައި 24ގައި އިބްރާހީމް މަނިކު ގުޅިވަޑައިގަތީ އާދައިގެ ވަގުތީ ވަޒީފާއަކަށެވެ. އޭގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު އެހާތަނަށް މީޑިއާގެ ތަޖުރިބާއެއްވެސް ލިބިވަޑައިގެންފައެއް ނުވެއެވެ. އަޑުގެ ވަގުތީ ވަޒީފާއިން ދާއިމީ ވަޒީފާއަށް ބަދަލުވީ 1976 ވަނަ އަހަރުއެވެ. ކުރެއްވި ބުރަ، އަދި އިހުލާސްތެރި މަސައްކަތްތަކާއެކު އަޑުގެ ވެރިޔާގެ މަގާމާ ހަމައަށް ވަޑައިގެންނެވިއެވެ.

އޭގެ ފަހުން 1980ގެ އަހަރުތަކުގެ ތެރޭގައި ޓީވީއެމްގެ ވެސް ވެރިޔާގެ މަގާމު ލިބިވަޑައިގެންނެވިއެވެ. އޭގެ ފަހުން އެ ދާއިރާގެ ވަޒީރުކަން ވެސް ކުރެއްވިއެވެ. ދެހާސް ހަވަނަ އަހަރު ޔޫތު މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން 32 އަހަރު އިބްރާހީމް މަނިކު ވަނީ މެދުކެނޑުމެއް ނެތި ބްރޯޑްކާސްޓިން ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ.