އޯޓިޒަމްގެ ބަލި ޖެހިފައިވާ ކުދީންނަށް ފަރުވާކުރަމުންދާއިރު، މި ފަރުވާ ކާމިޔާބުވުމުގައި މައިންބަފައިންގެ، ހާއްސަކޮށް މަންމަގެ ހޭލުންތެރިކަމާއި އާއިލާގެ ތަނަވަސްކަން މުހިންމު ދައުރެއް އަދާކުރާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އެމެރިކާގެ ކެލިފޯނިޔާގައި ކުރި މި ދިރާސާގައި އޯޓިޒަމް ބައްޔަށް ފަރުވާ ހޯދައިފައިވާ، އުމުރުން 2 އަހަރާއި 14 އަހަރާ ދެމެދުގެ 6000 ކުދީންގެ ރެކޯޑް މުތާލައާ ކޮށްފައިވެއެވެ.

މި ގޮތުން ފަގީރު އާއިލާތަކަށް ނިސްބަތްވާ ހޭލުންތެރިކަން ކުޑަ މައިންބަފައިންގެ ދަރިންނަށް ފަރުވާގެ އަސަރު ކުރާލެއް ކުޑަކަން ވަނީ ފާހަގަކުރެވިފައެވެ. ހޭލުންތެރިކަން ހުރި އަދި މާލީ ތަނަވަސްކަން ހުރި އާއިލާތަކުގެ ކުދީންނަށް ފަރުވާގެ އަސަރު ބޮޑުކަން ފާހަގަކުރެވިފައިވާއިރު، ސިއްހީ ދާއިރާގެ މައުލޫމާތުހުރި އަދި މާލީ ތަނަވަސްކަން ވެސް ހުރި އާއިލާތަކުގެ ކުދީން ވަނީ ފަރުވާއަށް ފަހު އާދަޔާ ހިލާފު ކުރިއެރުންތަކެއް ހޯދައިފައެވެ.

ހަމަ އެހެންމެ ކަޅު މީހުންގެ ދަރިންނަށްވުރެ، ދޮން މީހުންގެ ދަރިންނަށް ފަރުވާގެ ސަބަބުން ލިބޭ ކުރިއެރުން ބޮޑުކަމަށް ވެސް މި ދިރާސާއަށް ފަހު ނެރެފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޯޓިޒަމްއަކީ އިޖްތިމާއީ އަދި މުވާސަލާތީ ހުނަރުތައް ލިބުމުގައި ކުދީންނަށް ހުރަސްތައް ކުރިމަތިކުރުވާ ބައްޔެކެވެ. މި ބައްޔަކީ ގިނަ ފަހަރަށް ހަމަ މުޅި އުމުރަށް ވެސް ފަރުވާ ކުރަން ޖެހޭ ބައްޔެކެވެ. ކުއްޖާގެ އުމުރުން 3 އަހަރުވުމުގެ ކުރީގައި މި ބަލި ޑައިގްނޯސް ކުރެވޭނެއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި އެއްކަމެއް ތަކުރާރު ކުރުމާއި ބޯ ތެޅުވުން ފަދަ ކަންކަން ހިމެނެއެވެ.