30 Nov 2022, 09:28
ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ގދ. ތިނަދޫގައި ފައްޓަވަން ނިންމަވައިފިއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަމަށް މީގެ ކުރިން އެ މަނިކުފާނު ވެސް ވަނީ ނުސީދާ ގޮތެއްގައި ވިދާޅުވެފައެވެ.
ހަމައެއާއެކު އެ މަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުން ވެސް ރައީސް ނަޝީދު ވާދަކުރައްވާނެކަމަށް ވިދާޅުވެއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް އެ ފަދައިން ވިދާޅުވެފައިއެވެ.
އީވާ މިކަން އިއުލާން ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާއެއްގައި އެޕްރީލް މަހު، ވާހަކަފުޅުދައްކަވަމުންނެވެ.
"2023 އަށް އަޅުގަނޑުމެން އެންމެން ވެސް ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023ގެ އިންތިޚާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ. 2023ގެ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތި ލައްވާނެ،" އީވާ ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ނަޝީދުގެ ކެމްޕެއިން މަސައްކަތަށް ވަޓްސްއަޕް ގްރޫޕެއް ވެސް މިހާރުވަނީ ހަަދައިފައެވެ.
އެ ގްރޫޕުގައި ޕްރައިމަރީއާ ގުޅުންހުރި މަޝްވަރާތައް ކުރާއިރު އެ ގްރޫޕުގެ ޗެޓުލޮގެއް ވެސް ވަނީ އާންމުވެފައެވެ.
ނަޝީދުގެ އަރިސް ބޭފުޅަކު "ސަން"އަށް ވިދާޅުވީ އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕެއިން ރަސްމީކޮށް ފެށުން އަންނަ ހުކުރު ދުވަހު ގދ. ތިނަދޫގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސްއަށްފަހު ރިޔާސީ ޕްރައިމަރީ ބާއްވާނެކަން އެ ޕާޓީން ރަސްމީކޮށް އިއުލާންކުރިއެވެ. ނަމަވެސް އޭގެފަހުން ޕްރައިމަރީގެ ވާހަކަތައް ވަނީ ހުއްޓިފައެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިންގެ ސުވާލުތައް ގިނަވާން ފެށުމުން އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޕްރައިމަރީ ބޭއްވުން ލަސްވަނީ އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނުނިމޭތީ ކަމަށެވެ.