30 Nov 2022, 08:50
ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދާދި ފަހުން ލިބިވަޑައިގެންނެވި، ކުރީގެ އިންފޯމޭޝަން މިނިސްޓަރު ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) ދާދި ދެންމެއަކު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 72 އަހަރުގައި އިބްރާހީމް މަނިކު އަވަހާރަވީ، ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ވަރަށް ދުވަހު ބަލިވެ އުޅުއްވުމަށް ފަހު އަވަހާރަވިއިރު ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ. އޭނާގެ އަނބިކަނބަލުން ފަރީޝާ އިބްރާހީމް ވަނީ ދެތިން އަހަރު ކުރިން އަވަހާރަވެފައެވެ.
ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމްއަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިބްރާހީމް މަނިކަށް، ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ، ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ކުރީގެ ވަޒީރު އުމަރު ޒާހިރާއި އިބްރާހީމް މަނިކު--
އަގުހުރި ހިދުމަތްތެރިއެއް
ދިވެހި ރާއްޖޭގެ އަޑާ 1974 ވަނަ އަހަރުގެ ޖުލައި 24ގައި އިބްރާހީމް މަނިކު ގުޅިވަޑައިގަތީ އާދައިގެ ވަގުތީ ވަޒީފާއަކަށެވެ. އޭގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު އެހާތަނަށް މީޑިއާގެ ތަޖުރިބާއެއްވެސް ލިބިވަޑައިގެންފައެއް ނުވެއެވެ. އަޑުގެ ވަގުތީ ވަޒީފާއިން ދާއިމީ ވަޒީފާއަށް ބަދަލުވީ 1976 ވަނަ އަހަރުއެވެ. ކުރެއްވި ބުރަ، އަދި އިހުލާސްތެރި މަސައްކަތްތަކާއެކު އަޑުގެ ވެރިޔާގެ މަގާމާ ހަމައަށް ވަޑައިގެންނެވިއެވެ. އޭގެ ފަހުން 1980ގެ އަހަރުތަކުގެ ތެރޭގައި ޓީވީއެމްގެ ވެސް ވެރިޔާގެ މަގާމު ލިބިވަޑައިގެންނެވިއެވެ. އޭގެ ފަހުން އެ ދާއިރާގެ ވަޒީރުކަން ވެސް ކުރެއްވިއެވެ. ދެހާސް ހަވަނަ އަހަރު ޔޫތު މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން 32 އަހަރު އިބްރާހީމް މަނިކު ވަނީ މެދުކެނޑުމެއް ނެތި ބްރޯޑްކާސްޓިން ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައިފައެވެ.
ބްރޯޑްކާސްޓިން ދާއިރާއިން ރާއްޖޭގައި ފަންނީ އަދި ތަޖުރިބާކާރު މީހުން މަދު އެ ޒަމާނުގައި އިބްރާހީމް މަނިކު ވަނީ ތަމްރީން ހޯދެއްވުމަށާއި މީހުން އެ ދާއިރާއިން ބިނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން ރޭޑިއޯ ޕްރޮގްރާމްތައް އުފައްދަން ދަސްކުރާ ކޯސްތައް އޭނާ ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ސިންގަޕޫރުން އޭރު ހައްދަވާފައެވެ. އޭގެއިން ދަސްވި އެއްޗެއްގެ ބޭނުން ހިއްޕަވައި މޮޅު އެތައް ޕްރޮގްރާމެއް އުފެއްދެވިއެވެ. ހާއްސަކޮށް އިބްރާހީމް މަނިކުގެ ރޭޑިއޯ ޑްރާމާތަކަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔައެވެ. ތަމްރީންތަކުގެ ތަޖުރިބާގެ އަލީގައި އޭނާ ވަނީ އަޑުގައި މަސައްކަތް ކުރައްވާ އެހެން ޕްރޮޑިއުސަރުން ތަމްރީން ކުރައްވައިފައެވެ.

އިބްރާހީމް މަނިކު(ވ) އަޑުގެ އޭރުގެ މުވައްޒަފުންނާއެކު-- ފޮޓޯ: އިބްރާހީމް މަނިކު
ރާއްޖޭގެ ހުރިހާ ރަށަކަށް ޓީވީގެ ހިދުމަތް ދިނުންފަދަ މުހިންމު މަޝްރޫއުތައް ހިންގެވިއިރު އެކަމުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ އިބްރާހީމް މަނިކެވެ.
އިބްރާހީމް މަނިކުގެ ހިންގުންތެރި މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި 1990 ވަނަ އަހަރު ބޭއްވި ސާކް ސަމިޓްގެ ބޮޑު އޮޕަރޭޝަން ވެސް ހިމެނެއެވެ. އެހާތަނަށް ރާއްޖޭގެ މީޑިއާތަކުން އެފަދަ ބޮޑު އިވެންޓެއްގެ ކަވަރޭޖް ހަދާފައެއް ނުވެއެވެ. އެ ސަމިޓް މުޅި ދުނިޔެއަށް ލައިވް ކުރުމާއި ކަވަރު ކުރަން އަންނަ އެހެން ގައުމުތަކުގެ ނޫސްވެރިންގެ އިންތިޒާމުތައް ހަމަޖައްސަން ޖެހުނެވެ. އެ ޒަމާނުގައި އެ ފެންވަރަށް ކަންކަން އިންތިޒާމުކޮށް ކާމިޔާބު ކުރީވެސް އިބްރާހީމް މަނިކުގެ މޭސްތިރި ކަމުގައެވެ.
އިބްރާހީމް މަނިކުގެ ހިންގުންތެރި މާޒީން ދެން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އަނެއް ކަމަކީ އަޑާއި ޓީވީއެމްއަށް ގެނައި ޒަމާނީ ބަދަލުތަކެވެ. އަޕްލިންކް ކުރުމާއި ރޭޑިއޯ އާއި ޓީވީ ޒަމާނީކޮށް ކޮމްޕިއުޓަރު ބޭނުންކޮށްގެން ޕްރޮގްރާމްތައް ރެކޯޑްކޮށް ޕްރޮޑިއުސް ކުރަން ފެށީވެސް އިބްރާހިމް މަނިކުގެ އިރުޝާދުގެ ދަށުންނެވެ. އޭގެ އިތުރުން 1994 ވަނަ އަހަރު ޓީވީއެމް ޕްލަސްގެ ނަމުގައި ޗެނަލެއް އުފައްދަވައި ހޭޔަންބޯ ފަދަ މަޝްހޫރު ޝޯތައް ގެންނަން ފެށިއެވެ. ދިވެހި ވީޑިއޯ ލަވަ އާންމުވެ، މަޝްހޫރުވާން ފެށީ އެ ހިސާބުންނެވެ.
އިބްރާހީމް މަނިކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގަތުމާ ގުޅިގެން ސަން ސިޔާމް މީޑިއާއަށް އޭނާ ހާއްސަ އިންޓަވިއޫއެއް ދެއްވިއެވެ. މިއީ އޭނާގެ އެންމެ ފަހުގެ އިންޓަވިއޫއެވެ. އަދި މިހާތަނަށް ދެއްވި އެންމެ ދިގު އިންޓަވިއޫއެވެ.